އޯޒޯން ފަށަލަ ހިމާޔަތް ކުރުމަށްޓަކައި އޯޒޯން ފަށަލައަށް ގެއްލުނ ްދޭ މާއްދާތައް ރާއްޖެއަށް އެތެރެ ކުރުން ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުށަހެޅުއްވި އެ ބިލު މަޖިލީހުން މިއަދު ބަލައިގަތީ 61 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު މަޖިލީހުން ބަލައިގަތުމާއެކު އެ ބިލު ދިރާސާ ކުރެއްވުމަށް ވަނީ ވަގުތީ ކޮމެޓީއަކަށް ފޮނުވަން ފާސްކޮށްފަ އެވެ.
ވަގުތީ ކޮމެޓީގައި ތިއްބަވާ މެމްބަރުން:
- ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން
- ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް
- ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ
- ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު
- ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފު
- ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު
- މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
ބިލު ހުށަހަޅުއްވަމުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ ދުނިޔޭގެ ތިމާވެށްޓަކީ އިންސާނުންގެ މަސައްކަތް ހުރި ގޮތުން، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ތިމާވެށްޓެއް ކަމުގައި މިހާރު ސައިންޓިސްޓުން އެއްބަސްވާ ކަމެއް ކަމަށެވެ. ހާއްސަގޮތެއްގައި މިހާރު ދިމާވާ ކްލައިމެޓް ޗޭންޖުގެ ހުރިހާ މައްސަލަތަކަކީ ވެސް އިންސާނީ މަސައްކަތްތަކުން އަންނަ ބަދަލުތަކެއް ކަމަށް އެންމެން ވެސް ގަބޫލު ކުރާ ކަމަށް ފާރިސް ވިދާޅުވި އެވެ.
"އެހެންނަމަވެސް، 1980ގެ އަހަރުތަކުގެ ކުރީކޮޅުގައި މިކަން އަދި ކަށަވަރު ނުވާ ގިނަ ބަޔަކު އުޅުނު. ދިވެހިރާއްޖެއަކީ، އެ ޒަމާނުގައި ވެސް މި ކަމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، މި ކަންކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ޓަކައި މަސައްކަތްކުރި ޤައުމެއް. 1987 ވަނަ އަހަރު ދުނިޔޭގެ ވަށައިގެންވާ އޯޒޯން ފަށަލައަށް ގެއްލުން ލިބެމުންދާތީ މިކަން ހުއްޓުވުމަށް ވިއެނާ ކޮންވެންޝަނެއްގައި ސޮއިކުރެވުނު. މިއީ ބައިނަލްއަޤްވާމީ މުޢާހަދާގެ ދަށުން އޯޒޯން ފަށަލައަށް ގެއްލުންދޭ ފަދަ މާއްދާތައް ނުވަތަ ކެމިކަލްތައް ދުނިޔޭގައި ބޭނުންކުރުން މަދުކޮށް ހުއްޓުވުމަށް ނިންމުނު. މި ކޮންވެންޝަންގެ ދަށުން 1987 ވަނަ އަހަރު މޮންޓްރިއަލް ޕްރޮޓޮކޯލްގައި ސޮއިކުރެވުނު. ދިވެހިރާއްޖެ މީގައި ބައިވެރިވީ 1988 ވަނަ އަހަރު. 1989 ގައި ތަންފީޒުކުރި،" ފާރިސް ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ދިވެހިރާއްޖެ އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމަށް ޓަކައި ފާސްކުރަންޖެހޭ ގާނޫނެއް ފާސްކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ދިވެހިރާއްޖެއަކީ ވަރަށް ބޮޑަށް މޫސުމަށް މި އަންނަ ބަދަލުތަކާއި ނުވަތަ ކްލައިމެޓް ޗޭންޖުގެ ސަބަބުން އަސަރުކުރާ ގައުމެއް ކަމަށާއި ރާއްޖެ މި އޯޒޯން ފަށަލަ ތުނިވުމާއި، ދުނިޔޭގެ ކްލައިމެޓަށް މި އަންނަ ބަދަލުތަކުގައި ރާއްޖެއިން ހިއްސާކުރާ މިންވަރު ވަރަށް ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖެއިން މި ކުރާ އެއްވެސް ކަމަކުން ދުނިޔޭގެ އޯޒޯން ފަށަލައަކަށް ވެސް އަދި މޫސުމަށް މިއަންނަ ބަދަލަކަށް ވެސް އެއްވެސް އަސަރެއް ނުކުރާނެ ކަމުގައި ދަންނަވަންޖެހޭ. އެހެންނަމަވެސް، ދުނިޔޭގެ އެހެން ޤައުމުތަކާ އެއްފަދައިން ދިވެހިރާއްޖެއަކީ ވެ ސް ޤައުމަކަށް ވާތީ، އަޅުގަ ނޑުމެން އަދާކުރަންޖެހޭ މަސްޢޫލިއްޔަތާއި ޒިންމާއެއް އަޅުގަ ނޑުމެން އަދާކުރަންޖެހޭނެ. އަދި ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާނެ ޤައުމު ކަމަށް ވާތީ، ނުވަތަ އަސަރުކުރާނެ އެއް ޤައުމު ކަމަށް ވާތީ، އަޅުގަ ނޑުމެން މިފަދަ ގާނޫނުތައް ފާސްކޮށް ، ދުނިޔެއަށް ނަމޫނާ ދައްކަންޖެހޭނެ ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަން." ޝަރީފް ވިދާޅުވި އެވެ.
ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ ރާއްޖެއިން ބޭރުގެ މުޢާހަދާތަކުގައި ބައިވެރިވެ އަދި ރާއްޖެއިން އެތައް ބައިވަރު އެއްބަސްވުންތަކެއްގައި ސޮއިކޮށްގެން ތިބޭއިރުގައި އެ ކަންކަމަށް ހަމަ ޢަމަލުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
"ހަމަ އެގޮތުން މިއަދު ފާރިސް މި ހުށަހެޅުއްވި ބިލުގައި ހަމަ ސަބަބެއް ގޮތަށް ވެސް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި އެބައޮތް، ހިމާޔަތްކުރުމާއި އޯޒޯން ފަށަލަ ހިމާޔަތްކުރުމާ ބެހޭ ގޮތުން ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ މުޢާހަދާތަކާއި އެއްބަސްވެފައިވާ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތަށް ޢަމަލުކުރުމަށް ޓަކައި ކަމަށް މި ބިލު ވެސް ޙަޤީޤަތުގައި މިއަދު މަޖިލީހަށް ހުށަހެޅިގެން މި ދަނީ. މާނައަކީ، ދިވެހިރާއްޖެއިން އެބަ ގަބޫލުކުރޭ ބޭރުގެ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ތިމަންނާމެން ބައިވެރިވެއްޖެ ކަމަށް ވާނަމަ، އެއަށް ޢަމަލުކުރަންޖެހޭ ކަމަށް." މަހުލޫފު ވިދާޅުވި އެވެ.