އައްލާމް ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި

އިންޓަޕޯލްގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މުހައްމަދު އައްލާމް ލަތީފްގެ ފޮޓޯ

ބ. ހިބަޅިދޫ ފަޅުތެރެއިން ފުލުހުންނާއި ސިފައިން ހޯދި ހަތިޔާރުތަކާ ގުޅުމެއްވާ ކަމަށް ތުހުމަތު ކުރެވޭ މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް ހޯދަން އިންޓަޕޯލުން ރެޑްނޯޓިސް ނެރެފި އެވެ.

އިންޓަޕޯލްގެ ވެބްސައިޓުގައިވާ ގޮތުން އައްލާމްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ފުލުހުން ކުރެ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ ނުރައްކާތެރި ހަތިޔާރުން ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި ނުރައްކާތެރި ހަތިޔާރުބޭނުންކޮށްގެން ހަމަނުޖެހުން ހިންގުމާއި ފިސްތޯލައިގެ ވިޔަފާރި ކުރުމުގެ އިތުރުން ޓެރަރިޒަމްގެ ތުހުމަތެވެ.

ިއެ ތުހުމަތުތަކުގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތު ވެސް އައްލާމްގެ މައްޗަށް ވަނީކޮށްފަ އެވެ.

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ހިބަޅިދޫފަޅުތެރެއިން ފެނުނު ހަތިޔާރާ އައްލާމާ ގުޅުމެއް ވާކަމުގެ މައުލޫތު ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ކަމަށެވެ.

"ފުލުހުންގެ ތަހުގީގަށް މައުލޫމާތު ލިބިފައި އެބަހުރި މި ހަތިޔާރާއި މުހައްމަދު އައްލާމް ލަތީފާ ގުޅުމެއްވާ ކަމަށް. މުހައްމަދު އައްލާމް ލަތީފް މިހާރު ހުރީ ރާއްޖެ އިން ބޭރުގައި. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު އެގެންދަނީ ކުރަމުން،" ނަވާޒު ވިދާޅުވި އެވެ.

ހިބަޅިދޫ ފަޅުތެރެއިން ގިނައަދަދެއްގެ ހަނގުރާމަވެެރި ހަތިޔާރުފެނިފައިވާ އިރު އޭގެ ތޭގައި އެމްއެންޑީއެފްގެ ބަޑިގުދަނުގެ ބައެއް ހަތިޔާރު ވެސް ހިމެނޭ ކަމަށް ސިފައިން ބުންޏެވެ.

ނަވާޒު ވިދާޅުވީ ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ހިބަޅިދޫ ދޫކޮށްފައި ވަނީ ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ކަމަށެވެ.

ހަތަރު ހިއްސާދާރުންގެ މައްޗަށް އެކުލެވޭ އެ ކުންފުނީގައި އައްލާމްގެ އިތުރުން ތިބި ހިއްސާދާރުންނަކީ މ. ބޯއްޑޫ، މުހައްމަދު ރިޔާޒާއި ގދ. ތިނަދޫ ބެންހާގޭ ޝަހީދާ އަބްދުﷲ އެވެ.

ނަވާޒު ވިދާޅުވީ ފުލުހުންގެ ތަހުގީގުން އިތުރަށް ހޯދި ހޯދުންތަކުން އައްލާމްގެ ހިއްސާ އޮންނަ އިތުރު ކުންފުންޏެއް އޮންނަކަން އެނގުނު ކަމަށެވެ.

އެއީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް ނަމަށް ކިޔާ ކުންފުންޏެއް ކަމަށާއި އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ އައްލާމާއި އޭނާގެ ބައްޕަ އަބްދުއްލަތީފް އަބޫބަކުރު ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

އެޗްޑީސީގެ ކުރީގެ ޗެއާމަން މުހައްމަދު އަސީލް ހޯދަން އިންޓަޕޯލުން ރެޑްނޯޓިސް ނެރެފައިވާ ކަމަށް ނަވާޒު ވިދާޅުވި ނަމަވެސް އިންޓަޕޯލްގެ ވެބްސައިޓުގައި އޭނާ ހޯދަން ރެޑް ނޯޓިސް ނެރުނު ކަމަށް ބުނެފައެއް ނުވެ އެވެ.

comment ކޮމެންޓް