ފްރާންސުގެ އޮފިޝަލުން ވަނީ ޕެރިހުގައި ދިން ހަމަލާތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ހަތް މީހެއްގެ މައުލޫމާތު އާންމު ކޮށްފަ އެވެ.
އޭގެ ތެރެއިން އެކަކު ހައްޔަރު ކުރުމަށް ފަހު ބެލްޖިއަމްގެ ފުލުހުން ވަނީ އެއްވެސް ދައުވާ އަކާ ނުލާ ދޫކޮށްލައިފަ އެވެ.
އަމިއްލައަށް މަރުވެގެން ހަމަލާދިން ދެ މީހުންގެ ވަނަވަރެއް އަދި ނޭނގެ އެވެ.
ސަލާހް އަބްދުއްސަލާމް
ފުރާންސުގެ ރައްޔިތެއް ކަމަށްވާ 26 އަހަރުގެ ސަލާހް އަބްދުއްސަލާމަކީ ހަމަލާގައި އިސް ދައުރެއް އަދާ ކުރި ފަރާތެއް ކަމަށް ފުރާންސުގެ ފުލުހުން ބުނެ އެވެ.
ހަމަލާ ދިނުމުގެ ކުރިން އޭނާ ވަނީ ބެލްޖިއަމް އިން ވީޑަބްލިއު ޕޯލޯ ކާރެއް ކުއްޔަށް ހިފާފަ އެވެ. އެ ކާރު ވަނީ 89 މީހުން މަރުވި ބަޓަކްލޭން ކޮންސާޓް ހޯލް ކައިރިން ފެނިފަ އެވެ.
ހޮނިހިރު ދުވަހު ބެލްޖިއަމް ބޯޑާ ކައިރިން ދެ މީހުންނާ އެކު ކާރަކުން ދަނިކޮށް ބެލްޖިއަމްގެ ފުލުހުން ވަނީ ހުއްޓުވާފަ އެވެ. ނަމަވެސް ސުވާލު ކުރުމަށް ފަހު އޭނާ ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ވަނީ ސަލާހް އަބްދުއްސަލާމަކީ ނުރައްކާތެރި މީހެއްގެ ގޮތުގައި ސިފައި ކޮށްފަ އެވެ. އަދި އޭނާ ފެނިއްޖެ ނަމަ ކައިރި ނުވުމަށް އަންގާފަ އެވެ.
ބްރާހިމް އަބްދުއްސަލާމް
ސަލާހް އަބްދުއްސަލާމްގެ ބޭބެ ބުރާހިމް އަބްދުއްސަލާމް ވަނީ ޕެރިހުގެ ކެފޭ އަކަށް އަމިއްލައަށް މަރުވެގެން ހަމަލާދީފަ އެވެ.
އޭނާ އަކީ ބެލްޖިއަމްގައި ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށް ބެލްޖިއަމް ފުލުހުން ބުނެ އެވެ.
އޭނާއަކީ އަބްދުލް ހަމީދު އަބާއޫދު އާއި ގުޅުން އޮތް މީހެއް ކަމުގައި ވަނީ ބެލެވިފަ އެވެ. އަބާއޫދަކީ ޕެރިހަށް ދިން ހަމަލާގައި އެންމެ އިސް ދައުރު އަދާކުރި މީހާ ކަމުގައި ވަނީ ބެލެވިފަ އެވެ.
ނަމަވެސް 27 އަހަރުގެ އަބާއޫދު މިހާރު ހުރިކަމަށް ބެލެވެނީ އައިއެސްގެ އިސް ފަރާތެއްގެ ގޮތުގައި ސީރިޔާގައި އެވެ.
އުމަރު އިސްމައިލް މުސްތަފައި
މުސްތަފައިއަކީ ވެސް ބަޓަކްލޭން ކޮންސާޓް ހޯލްގައި ހަމަލާ ދިނުމަށް ފަހު މަރުވި ފުރާންސުގެ ރައްޔިތެކެވެ.
ނަން ހާމަ ކުރަން ބޭނުން ނުވާ ތުރުކީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މުސްތަފައި ވަނީ ތުރުކީއަށް 2013އިގައި ގޮސްފަ އެވެ. ނަމަވެސް އޭގެ ފަހުން ތުރުކީ ދޫކޮށް އޭނާ ދިޔަ ކަމުގެ އެއްވެސް ރިކޯޑެއް ނެތުމުން، ތުރުކީ އިން ޑިސެމްބަރ 2014އިގައި އާއި ޖޫން 2015އިގައި ފުރާންސުގެ ކަމާބެހޭ ފަރާތްތަކަށް ޓެރަރިޒަމްއަށް ތުހުމަތު ކުރެވޭ މީހެއްގެ ގޮތުގައި އޭނާގެ ނަން ފޮނުވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފުރާންސުން އެކަމާ ބެހޭ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި، މުސްތަފައި އާ ބެހޭ މައުލޫމާތު ހޯދުމަށް ފުރާންސުން ތުރުކީއަށް އެދިފައި ވަނީ ޕެރިހުގެ ހަމަލާތަކަށް ފަހުގައި ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.
އަހުމަދު އަލް މުހައްމަދު
އަހުމަދު އަލް މުހައްމަދު ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިފައިވަނީ ފުރާންސުގެ ގައުމީ ސްޓޭޑިއަމް އަށެވެ.
އޭނާ އަށް ނިސްބަތްވާ ކަމަށް ބެލެވޭ ޕާސްޕޯޓެއްގައިވާ ގޮތުން އޭނާ އަކީ ސީރިޔާގެ އިދްލިބް އަށް ނިސްބަތްވާ 25 އަހަރުގެ ރައްޔިތެކެވެ.
އެއީ ސައްހަ ޕާސްޕޯޓެއްތޯ ޔަގީން ކުރުމަށް ފުރާންސުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ދަނީ ތަހުގީގު ކުރަމުންނެވެ.
ޕެރިހުގެ ޕުރޮސެކިއުޓަރުގެ އޮފީހުން ބުނި ގޮތުގައި އަހުމަދު އަލް މުހައްމަދު ގެ ފިންގާޕުރިންޓާއ،ި ޕެރިހަށް ގުރީސް މަގުން އައިސްފައިވާ ރެފިއުޖީއެއްގެ ފިންގާޕުރިންޓާ ދިމާވެ އެވެ.
ބިލާލް ހަދްފީ
ބިލާލް ހަދްފީ އަކީ ވެސް ޕެރިހުގެ ސްޓޭޑިއަމްގައި ހަމަލާ ދިނުމަށް ފަހު މަރުވި މީހުންގެ ތެރެއިން މީހެކެވެ. ވިހި އަހަރުގެ ހަދްފީ އަކީ ބެލްޖިއަމްގައި ދިރިއުޅެމުން އައި ފުރާންސުގެ މީހެކެވެ.
މީގެ ކުރިން އޭނާ އައިއެސްއާއި އެއްކޮށް ސީރިޔާގައި ހަނގުރާމަ ކޮށްފައިވާ ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.
ސަމީ އަމީމޯރު
ސަމީ އަމީމޯރު އަކީ އަމިއްލައަށް މަރުވެގެން ބަޓަކްލޭން ކޮންސާޓް ހޯލް އަށް ބޮމުގެ ހަމަލާ ދިން މީހުންގެ ތެރެއިން އެކަކެވެ.
ދޭހާސްބާރައިގައި އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފައި އެވެ. ދައުވާ އަށް ފަހު ފުލުހުން ދިޔައީ އޭނާ ސުޕަވައިޒް ކުރަމުންނެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ އެއްވެސް މައުލޫމާތެއް ނުލިބުމުން ފުރާންސުން ވަނީ އޭނާ ހޯދުމަށް އިންޓަނޭޝަނަލް އަރެސްޓު ވޮރެންޓެއް ނެރެފަ އެވެ.
ޕެރިހުގައި ހުކުރު ދުވަހު ދިން ހަމަލާއަށް ފަހު އަމީމޯރުގެ އާއިލާގެ ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
މުހައްމަދު އަބްދުއްސަލާމް
ސަލާހް އަބްދުއްސަލާމާއި ބްރާހިމް އަބްދުއްސަލާމްގެ ކޮއްކޮ، މުހައްމަދު އަބްދުއްސަލާމް ހޮނިހިރު ދުވަހު ބެލްޖިއަމް ސިފައިން ވަނީ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފަ އެވެ.
ނަމަވެސް އެއްވެސް ދައުވާ އަކާއި ނުލައި އިއްޔެ އޭނާ ވަނީ ދޫކޮށްލާފަ އެވެ. މުހައްމަދު އަބްދުއްސަލާމްގެ ވަކީލު ބުނެފައިވާ ގޮތުގައި މުހައްމަދު އަބްދުއްސަލާމް އަށް އޭނާގެ ބޭބެ މަރުވި ގޮތް އެނގުނީ ވެސް އިއްޔެ އެވެ.
މައުލޫމާތޫ: ބީބީސީ