ގަލޮޅު މަދަރުސާގެ ޕްރީސްކޫލް ފީ ބޮޑުކޮށްފި

 ގަލޮޅު މަދަރުސާ ކައިރީ އެ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުން ހަރަކާތްތެރިވަނީ: އެ ސްކޫލްން ގަނާ ޕްރީސްކޫލް ފީ ވަނީ ބޮޑުކޮށްފައި --- ސަން ފައިލް ފޮޓޯ

ގަލޮޅު މަދަރުސާއިން އެ ސްކޫލުގެ ޕްރީސްކޫލް ފީ ބޮޑުކޮށްފި އެވެ. ބޮޑުކޮށް ފީ ގަނަން ފަށާނީ އަންނަ އަހަރުން ފެށިގެނެވެ.

އެ ސްކޫލުން އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުންގެ އަންނަ އަހަރުގެ ފީއަކީ 375 ރުފިޔާ އެވެ. ކުރިން އެ ގްރޭޑްތަކުގެ ދަރިވަރުންގެ އަތުން ނަގަނީ 250 ރުފިޔާ އެވެ. އޭގެ އިތުރުން ބޭބީ ނާސަރީ އަދި ނާސަރީ ދަރިވަރުން އަންނަ އަހަރު 450 ރުފިޔާ ދައްކަން ޖެހޭއިރު މިހާރު އެ ދަރިވަރުން އަތުން ނަގަނީ 375 ރުފިޔާގެ ފީ އެކެވެ.

ގަލޮޅު މަދަރުސާގެ ޕްރިންސިޕަލް ސުރައްޔާ އިބްރާހިމް "ސަން" އަށް ވިދާޅުވީ، މީގެކުރިން 2013 ވަނަ އަހަރު ވެސް އެޑިއުކޭޝަން މިނިސްޓްރީން އެ ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް އޭރު މާލޭ ސިޓީ ކައުންސިލުން އަގު ބޮޑުނުކޮށް ބޭއްވީ ކަމަށާއި އެކަމަށް އިހުތިރާމް ކުރާކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލްގެ އެކިއެކި ކަންކަމަށް ބޭނުންވާ ފައިސާ މިހާރު އެކަށީގެންވާ މިންވަރަށް ސްކޫލްގައި ނެތް ކަމަށެވެ. އެހެންކަމުން ފީ ބޮޑުކުރަން ނިންމީ ސްކޫލްގެ ތަރައްގީއާއި ކުރިއެރުމަށް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ އެއްކުރަން ކަމަށް ސުރައްޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މިއޮތީ [ފައިސާގެގޮތުން] ވަރަށް ދައްކޮށް. އަޅުގަނޑުމެން މިހާ ދުވަހު އެއްކުރި ފައިސާއިން ހުންނާނެ މިހާރު 8 ކްލާސްރޫމުގެ ބޮޑު އިމާރާތެއް އަޅާފައި. އެއީ އަޅުގަނޑުމެންގެ އަމިއްލަ ބަޖެޓުން ހެދި އިމާރާތެއް،" ސުރައްޔާ ވިދާޅުވި އެވެ.

ސުރައްޔާ ވިދާޅުވީ އާ މަންހަޖަށް އެ ސްކޫލުން މިހާރު ކިޔަވައިދެމުން އަންނަ އިރު، ޓީޗަރުންނަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން ކިޔަވައިދިނުމަށް ބޭނުންވާ ސާމާނުފަދަ ތަކެތި ހޯދަމުން އަންނަނީ ޓީޗަރުން އެމީހުންގެ އަމިއްލަ އަތުން ހަރަދުކޮށްގެން ކަމަށާއި އެކަންތައް ސްކޫލުގެ ބަޖެޓުން ހަމަޖެއްސޭނެ ގޮތެއް ރާވަންޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އާ ކަރިކިއުލަމް އަށް ކިޔަވައިދިނުމަކީ ވަރަށް ބުރަ ކަމެއް ކަމަށާއި އެގޮތުގެ މަތިން ސްކޫލުގައި އުޅޭ ޓީޗަރުންނަށް މިހާރަށްވުރެ ރަނގަޅު މުސާރައެއް ދިނުން ވެސް ފީ ބޮޑުކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

comment ކޮމެންޓް