އެންޓާލިޔާ (ނޮވެމްބަރު 15): ޖީ ޓުވެންޓީގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުން ތުރުކީގެ އެންޓާލިޔާގައި މިއަދު ފަށައިފި އެވެ.
ސަމިޓްގެ އެޖެންޑާގައި ހިމެނޭ މައްސަލަތަކުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދީ މާލީ ބޮޑެތި މައްސަލަތަކުގެ އިތުރުން ސިޔާސީ މައްސަލަތައްވެސް ހިމެނެއެވެ. ސިޔާސީ މައްސަލަތަކުގެ ތެރޭގައި ސޫރިޔާއަށް ސުލްޙަގެނައުމުގެ މައްސަލައާއި ފަލަސްތީނުގެ މައްސަލައާއި ޔޫރަޕްގެ ގައުމުތަކަށް ކުރަމުންދާ ޣައިރު ގާނޫނީ ހިޖްރަ ހުއްޓުވުމުގެ މައްސަލަވެސް ހިމެނެއެވެ. ނަމަވެސް މީގެތެރެއިން ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ މައްސަލައަށް ކަމަށް ޚަބަރުތައް ބުނެއެވެ.
ތުރުކީގެ ޚާރިޖިއްޔާއިން ބުނީ މި ސަމިޓްގެ މަޝްވަރާތަކުގައި ސޫރިޔާގެ މައްސަލައަށް އިސްކަންދިނުމަށް ހުރިހާ ލީޑަރުންވެސް އެއްބަސްވެ ވަޑައިގަންނަވާކަމުގައެވެ.
ޖީ ޓުވެންޓީގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ލީޑަރުންގެ ތެރޭގައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް އާއި ބްރަޒީލްގެ ރައީސާ ދިލްމާ ރޮސޭވް އާއި ދެކުނު އެފްރިކާގެ ރައީސް ޖާކޫބް ޒޫމާއާއި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންއާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ޗައިނާގެ ރައީސް ޝީޖިންޕިން އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ ހިމެނިވަޑައިގަންނަވައެވެ.
ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގެންދަވަނީ މިސަމިޓްގެ އަރިމަތީގައި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ބައެއް ގައުމުތަކުގެ ލީޑަރުންނާ ވަކިވަކިން ބައްދަލުކުރައްވަމުންނެވެ. މިގޮތުން އުރުދުޣާން އިއްޔެވަނީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާ ވަކިން ބައްދަލުކުރައްވާފައެވެ.
ދެދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިސަމިޓް ބައްދަލުވުމުގައި އޭޝިޔާއާއި އެފްރިކާއާއި ލެޓިން އެމެރިކާއާއި ޔޫރަޕް ހިމެނޭގޮތަށް 20 ގައުމަކުން ބައިވެރިވާއިރު މީގެތެރެއިން ގިނަގައުމުތައް ތަމްޘީލް ކުރައްވަނީ އެގައުމުތަކުގެ އެންމެ އިސްވެރިންނެވެ. މިސަމިޓްގެ އަރިމަތީގައި އެހެން ގައުމުތަކުގެ ލީޑަރުންވެސް އެއްބޭފުޅަކު އަނެއްބޭފުޅަކާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށްވެއެވެ. މިގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މިއަދު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ.
ޖީ20 ގައުމުތަކަކީ އިގްތިސާދީގޮތުން ދުނިޔޭގެ އެންމެ ކުރީ ސަފުގައި އުޅޭ 20 ގައުމެވެ. މި 20 ގައުމުގެ ތެރޭގައި ދުނިޔޭގެ ބޮޑު ފަސްބާރާއި ޖީ 7 ގެ ގައުމުތައްވެސް ހިމެނެއެވެ.
ޖީ20 ގެ ސަމިޓާ ގުޅިގެން ތުރުކީގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށްބޮޑަށް ވަރުގަދަކޮށްފައެވެ. ފަރަންސޭސިވިލާތަށް ކުރިމަތިވި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގެ ރައީސް ފޮންސުވާ އޮލާންދް ވަނީ ސަމިޓަށް ޙާޒިރުވެ ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގެންފައެވެ. (ރޮއިޓާސް)