ދުޅަހެޔޮ ސިއްހަތަކަށް ވާސިލް ވުމަށް ކުރެވޭނެ ކަންތަކާއި ސިއްހަތަށް ގެއްލުންވާ ކަންތަކުގެ މައްޗަށް ޕްރޮފެސަރު ހަސަން އުގެއިލް މައުލޫމާތު ދެއްވާ ވޯކްޝޮޕެއް ބާއްވައިފި އެވެ.
މިރޭ މޫކައި ސޫޓްސްގައި ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕަކީ ވިމެން އޮން ބޯޑްސް (ވޮބް) އާ ގުޅިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.
"ގައިޑް އޮން ލިވިން ހެލްތު"ގެ ނަމުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި އެކި އުމުރުގެ 30 އަށްވުރެ ގިނަ ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މިރޭގެ ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން އުގެއިލް ވިދާޅުވީ، ރަނގަޅު ސިއްހަތެއްގައި ހުރުމަށް ޑައިޓު އެހާ މުހިއްމު ނޫން ކަމަށެވެ.
"ޑައިޓަކީ ގިނަ ފަހަރަށް މުހިއްމު ކަމެއް ނޫން. ރިސާޗުތަކުން ދައްކާގޮތުންނާއި އިތުރު ހޯދުންތަކުން ހާމަވާގޮތުގައި ޑައިޓް މަސައްކަތް ކުރަނީ ދެ ޕަސެންޓު ފަރާތްތަކަށް. އަނެއްބައި މީހުންނަށް ޑައިޓެއް މަސައްކަތެއް ނުކުރޭ،" އުގެއިލް ވިދާޅުވިއެވެ.
ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް ރަނގަޅު ގޮތުގައި ކަސްރަތު ކުރަން ވެސް ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އޭގެ މާނައަކީ ޖިމަށްގޮސް ބަރު އެއްޗެހި އުފުލުން ނޫން ކަމަށާއި އެކްޓިވް ވުމަކީ ސިއްހަތަށް މާބޮޑަށް ފައިދާ ހުރި ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ގިނަ ކެއުމަކީ ގިނަ އަދަދަކަށް މަސް އެކުލެވިގެންވާ ކެއުންތަކެވެ. އުގެއިލް ވިދާޅުވީ އެސަބަބާ ހުރެ ދިވެހިންގެ ކެއުމުގައި ކާބޯހައިޑްރޭޓްސްގެ އަދަދު މާބޮޑަށް މަތި ކަމަށެވެ. އަދި ފެޓްސްގެ ބާވަތްތައް ދިވެހިންގެ ކެއުމުގައި މަދުކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން ބެލެންސްޑް ނޫން ޑައިޓެއް ދިވެހިން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް ކުރެވިދާނެ ކަންތައްތައްވެސް އުގެއިލްވަނީ ކިޔައިދެއްވައިފައެވެ. އޭގެތެރޭގައި ހަ ގަޑިއިރާއި އަށްގަޑިއިރާ ދެމެދަށް ނިދުމާއި ސްޓްރެސް ކުޑަކުރުމަށް ކަންތައް ކުރުން ހިމެނެއެވެ. އޭގެއިތުރުން ރޯދަ ހިފުމަކީވެސް ސިއްހަތަށް ބޮޑެތި ފައިދާތަކެއް ލިބޭ ކަމެއް ކަަމަށް އުގެއިލް ވިދާޅުވި އެވެ.