ޕެރިސް ހަމަލާތަކާ ގުޅިގެން ވަކިމުއްދަތެއް ނެތި އެއިފިލް ޓަވަރު ބަންދުކޮށްފި

ޕެރިހުގެ ޓުއިލެރީސް ގާޑެން ގެ މަތިން ކޮތަރުތަކެއް އުދުހެމުން ދާއިރު، ފަހަތުން ފެންނަން ހުރި އެއިފިލް ޓަވަރު ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައި -- ފޮޓޯ: އޭޕީ

ޕެރިސް (ނޮވެމްބަރު 14) - ހުކުރު ދުވަހުގެ ރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ދުނިޔޭގެ އެންމެ ދުވަސްވީ އެންމެ އުސް އެއް އިމާރާތްކަމަށްވާ އެއިފިލް ޓަވަރު ވަކި މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފި އެވެ.

ދުވާލެއްގެ މައްޗަށް 20،000 ވަރަކަށް މީހުން ޒިޔާރަތްކުރާ، ފަތުރުވެރީންނާއި ލޯބިވެރީންގެ މެދުގައިވެސް މަގުބޫލު ޒަމާންވީ އެ ބިނާ އޮޕަރޭޓްކުރާ ކުންފުނީގެ ތަރުޖަމާނަކާ ހަވާލާދީ އޭއެފްޕީ ނޫހުން މިއަދު ބުނީ، ހުކުރު ދުވަހުގެ ރޭ ޕެރިހުގައި 128 މީހުންގެ ފުރާނަދުއްވާލި ނުރައްކާތެރި ހަމަލާތަކާ ގުޅިގެން އެއިފިލް ޓަވަރު ބަންދުކުރަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

"ވަކި ގޮތަކަށް އަންގަންދެން އެތަން ހުންނާނީ ބަންދުކޮށްފައި،" 1889 ވަނަ އަހަރު ޕެރިހުގައި ހުޅުވި އެއިފިލް ޓަވަރު މިހާރު އޮޕަރޭޓްކުރާ ކުންފުނީގެ ތަރުޖަމާނު ބުންޏެވެ.

ދުނިޔޭގެ ފަތުރުވެރީންގެ މެދުގައި މަގުބޫލު ސިޓީއެއް ކަމަށްވާ ޕެރިހުގައި ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން ބަންދުކޮށްފައި ވަނީ ހަމައެކަނި އެއިފިލް ޓަވަރު އެކަންޏެއް ނޫނެވެ. ޕެރިހުގައި ހުންނަ ލުވޫފް މިއުޒިއަމާއި، ޑިޒްނީ ލޭންޑް ތީމް ޕާކް ފަދަތަންތަން ވެސް ވަނީ އެ ހަމަލާތަކާގުޅިގެން ބަންދުކޮށްފައެވެ.

ކޮންމެ ދުވަހަކު ވެސް ހުޅުވާގޮތަށް ތާވަލުކޮށްފައިވާ، ޕެރިހުގައި ހުންނަ 126 އަހަރުގެ ޒަމާންވީ އުސް ޓަވަރު މަދުން ނަމަވެސް ބަންދު ކުރަނީ، ޖާނުންފިދާވުމާއި ބޮން ގޮއްވުމުގެ އިންޒާރާއި އަދި މުޒާހަރާތަކާ ގުޅިގެން ނެވެ.

ޕެރިހުގައި ދިން ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވާއިރު، ފްރާންސްގެ ރައީސް ފްރާންސުއާ އޮލާންދެ މިއަދު ވިދާޅުވެފައި ވަނީ، އައިއެސްގެ ހަނގުރާމަވެރީންނާ ދެކޮޅަށް އެއްވެސް ރަހުމެއް ނެތި ހަމަލާތައް ދޭނޭކަމަށެވެ.

މި ހަމަލާތަކަކީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ފްރާންގައި ދިން މިފަދަ އެންމެ ނުރައްކާތެރި، އަދި އެންމެ ގިނަބަޔަކު މަރުވި ހަމަލާތަކެވެ.

ޕެރިހުގައި ދިން ޓެރަރިސްޓު ހަމަލާތަކުގައި މަރުވި މީހުންގެ ހަނދާނުގައި، ހިތާމައިގެ ތިންދުވަސް އިއުލާނުކޮށްފައި ވާއިރު، ރައީސް އޮލާންދެ ވަނީ ފްރާންގައި ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައެވެ.

comment ކޮމެންޓް