ބޯކޮށް ވާރޭވެހި، ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އާއި ބްރެޒިލް ރޭ ފަތިހު ކުޅެން އޮތް މެޗު ފަސްކޮށްފި އެވެ.
ރާއްޖެގަޑިން ރޭ ފަތިހު ފަހެއް ޖަހާއިރު މި މެޗު ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް، މޫސުން ގޯސްވެ ދަނޑުމަތީގައި ފެން ހެދުމާ ގުޅިގެން ބްރެޒިލްގެ އޮފިޝަލުން ވަނީ، މެޗު ފަސްކޮށްފައެވެ. މި މެޗު ދެން ކުޅޭނީ، ރާއްޖެގަޑިން މިރޭ ފަތިހު ފަހެއް ޖަހާއިރުއެވެ.
އާޖެންޓީނާ އެފްއޭގެ ނައިބްރައީސް ކްލައުޑިއޯ ޗިކުއި ބުނީ، މެޗު ކުޅެން އޮތް އާޖެންޓީނާގެ މޮނިއުމެންޓަލް ސްޓޭޑިއަމުގައިވަނީ އެއްކޮށް ފެންބޮޑުވެފައި ކަށެވެ. އަދި ބޯ ވާރޭގެ ސަބަބުން ގިނަ ސަޕޯޓަރުންނަށް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ދަނޑަށް ނާދެވިފާ ވާކަމަށް ވެސް އޭނާ ބުންޏެވެ.
"މިކަމާ ގުޅިގެން މެޗުގެ އޮފިޝަލުންނާއި، އާޖެންޓީނާގެ އޮފިޝަލުންނާ ވެސް ވާހަކަދެއްކިން. މޫސުން މިހާރު އޮތް ވަރަށްވުރެ ވެސް ގޯސްވެދާނެތީ، ނިންމީ މެޗު ފަސްކުރުމަށް،" ބްރެޒިލްގެ އެސިސްޓެންޓް ކޯޗު ގިލްމާ ރިނާލްޑީ ބުންޏެވެ.

އާޖެންޓީނާއާއި ބްރެޒިލް ރޭ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން އޮތް މެޗް ކުޅުމަށް ހަމަޖެހިފައިވާ ދަނޑުގައި ސަޕޯޓަރުންގެ ބަޔަކު މަޑުކޮށްލައިގެން --- ފޮޓޯ: އޭޕީ
ކޮލިފައިންގައި ބްރެޒިލް އާއި އާޖެންޓީނާއިން ވެސް ވަނީ މިހާތަނަށް ދެ މެޗު ކުޅެފައެވެ.
އެ ދެ މެޗުގެ ތެރެއިން އެއް މެޗުން އާޖެންޓީނާ އެއްވަރުވިއިރު، އަނެއް މެޗުން އެޓީމު ވަނީ ބަލިވެފައެވެ. ބްރެޒިލް ކުޅުނު ދެ މެޗުގެ ތެރެއިން، އެއް މެޗުން އެޓީމު ބަލިވިއިރު އަނެއް މެޗު އެޓީމު ވަނީ ކާމިޔާބުކޮށްފައެވެ.
މި މެޗަށް ނުކުންނައިރު މި ދެ ޓީމުގެ ތެރެއިން އާޖެންޓީނާގެ ފޯވަޑް ލައިން އޮތީ ވަރަށް ބަލިކަށިކޮށެވެ. ލަޔޮނަލް މެސީ އާއި ސާޖިއޯ އަގުއެރޯ އަނިޔާގައި ތިބިއިރު އެންމެ ފަހު ވަގުތު ކާލޮސް ޓެވޭޒް ވެސް ވަނީ އަނިޔާގެ ސަބަބުން ޓީމުން އުނިކޮށްފައެވެ. އަދި ހާވިއާ ޕަސްޓޯރޭ އަށް ވެސް ކުޅެވޭނެކަން ޔަގީނެއްނޫނެވެ.
ބްރެޒިލް ޓީމަށް ބަލާއިރު ހަތަރު މެޗުގެ ސަސްޕެންޝަނަކަށް ފަހު ބާސެލޯނާގެ ފޯވަޑް ނޭމާ ޓީމާ ގުޅުމުން ބްރެޒިލް ޓީމުވަނީ ކުރިއަށްވުރެ ވަރުގަދަވެފައެވެ.