ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އިނގިރޭސި ވިލާތުން ސީދާ ރާއްޖެއަށް!

ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް: އެ އެއާލައިނުން ވަނީ ލަންޑަނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައި --

އިނގިރޭސި ވިލާތުގެ ގައުމީ އެއާލައިން، ބްރިޓިޝް އެއާވޭސް އިން ލަންޑަނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ކުރާނީ ލަންޑަން ގެޓްވިކް އެއާޕޯޓް އިން ފުރައިގެން ސީދާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށެވެ. ރާއްޖެއިން އިނގިރޭސި ވިލާތަށް ކުރާ ދަތުރުތައް ވެސް ހަމަ އެފަދައިންނެވެ. މީގެ ކުރިން އެ ދަތުރުތައް ކުރަމުން އައީ ލަންކާގެ ކޮލަމްބޯ މަގުންނެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ، އެ އެއާލައިނުން ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ހަފްތާއަކު ތިން ފްލައިޓް ދަތުރުކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު އެ ދަތުރުތައް ރާއްޖެއަށް ކުރާނެ އެވެ.

ކުރިން ކޮލަމްބޯ މަގުން ރާއްޖެއަށް ކުރި ދަތުރުތައް ބްރިޓިޝް އެއާވޭސް އިން ކެންސަލްކުރީ ދަތުރުތަކަށް މާބޮޑު ތަރުހީބެއް ނެތުމުންނެވެ. ނަމަވެސް ފިނި މުސުމާ ދިމާކޮށް އެ އެއާލައިނުން އަލުން ޑައިރެކްޓް ފްލައިޓްތައް ފެށީ ފަތުރުވެރިންނަށް ހާއްސަކޮށް ސީދާ ރާއްޖެއަށެވެ.

ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އެ ގައުމުން ރާއްޖެއަށް ކުރުމަށް ގެޓްވިކް އެއާޕޯޓުން ފުރާނީ ދަތުރުތައް ހަމަޖެހިފައިވާ ކޮންމެ ދުވަހެއްގެ ހެނދުނު ރާއްޖޭ ގަޑިން 9:40 ގައެވެ. ރާއްޖެއިން އިނގިރޭސިވިލާތަށް ދާން ފުރާނީ ހެނދުނު 11:35 ގައެވެ.

ބްރިޓިޝް އެއާވޭސް އިން ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ކުރާ ދަތުރުތަކުގެ އިކޮނޮމީ ކްލާސް ދެކޮޅު ޓޮކެޓްގެ އަގަކީ 1140 ޑޮލަރެވެ. ބިޒްނަސް ކްލާސް ޓިކެޓްގެ އަގަކީ 2600 ޑޮލަރެވެ.

comment ކޮމެންޓް