ޑިސެމްބަރު މަހުގެ ކުރިން ކުންފުނިތަކުގެ ސެކްރެޓަރީންނަށް ދިވެހިން އައްޔަން ކުރުމަށް އަންގައިފި

ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަފުޅު ދައްކަަވަނީ ------ ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ޑިސެމްބަރު މަހުގެ ކުރިން ކުންފުނިތަކުގެ ސެކްރެޓަރީންނަށް ދިވެހިން އައްޔަން ކުރުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަހުން ފެށިގެން ރަޖިސްޓްރީ ކުރާ ކޮންމެ ކުންފުއްޏެއްގެ ސެކްރެޓަރީންގެ ގޮތުގައި ދިވެއްސަކު އައްޔަން ކުރުމަށާއި މިހާރު ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ސެކްރެޓަރީގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވާ ހުރިހާ ކުންފުނިތަކަކުން ޑިސެމްބަރު މަހުގެ ގެ ކުރިން ދިވެއްސަކު އައްޔަންކުރުމަށް އަންގާ ކަމަށެވެ.

މިމަހުން ފެށިގެން ތިން ކުންފުންޏަށްވުރެ ގިނަ ކުންފުނީގެ ސެކްރެޓަރީކަން ކުރާ ކޮންމެ ފަރުދެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެއްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

އޭގެ ތެރޭގައި ލޯ ފާމެއް ނުވަތަ އޮޑިޓް ނުވަތަ ބިޒްނަސް ކޮންސަލްޓަންސީ ފާމެއްގައި ފަންނީ މަސައްކަތެއް ކުރާ ފަރާތަކަށްވުމާއި ވިޔަފާރިއާގުޅޭ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތަކަށްވުން ނުވަތަ ކުންފުނީގެ ސެކްރެޓަރީން ތަމްރީނުކުރުމަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ހިންގާ ކޯސް ފުރިހަމަކޮށް، ސަނަދު ލިބިފައިވާ ފަރާތަކަށްވުން ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރާ ކޯޕަރޭޓް ކުރާ ކުންފުނިތަކުގެ ބޯޑް ސެކްރެޓަރީންނަށް ހަމައެކަނި ދިވެހިންނަށް ތިބެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

"ކޮމްޕެނީތަކުން އިންކޯޕަރޭޓްކުރާ ކުންފުނިތަކުގެ ބޯޑް ސެކްރެޓަރީން ދިވެހިންނަށް ރިޕްލޭސް ކުރެވޭ ކަމަށްވަންޏާ އަޅުގަނޑުމެންނަށް 800 އާއި 900 އާއި ދެމެދުގެ އަދަދަކަށް ވަޒީފާ އުފެއްދޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމުގެ ގޮތުން ކޭޝިއަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފޮޓޯގުރާފަރުންގެ ވަޒީފާގައި ހަމައެކަނި ދިވެހިންނަަށް އުޅެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.

comment ކޮމެންޓް