އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތް ޑިސެމްބަރު އެކެއްގައި

މިއަހަރު ޒޯން 7ގެ ބަށި މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތް ބޭއްވުމަށް ވަނީ އިއުލާންކޮށްފައި --- ފައިލް ފޮޓޯ/ ބަށިބޯލް ފައުންޑޭޝަން

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށިބޯޅަ މުބާރާތް ޑިސެމްބަރު އެކެއްގައި ބާއްވަން އިއުލާންކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މުބާރާތް ބާއްވަން އިއުލާން ކުރުމުގެ ގޮތުން އެސްޓީއޯ މައި އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަމުން އެސްޓީއޯގެ ޖެނަރަލް މެނޭޖަރު މުޙައްމަދު މުރާދު ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ރަށްރަށުންނާއި ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމް، އެސްޓީއޯ ވެބްސައިޓުންނާއި އެސްޓީއޯ ހޯމް އިޕްރޫވް ފިހާރައިން ލިބެން ހުއްނާނެ ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހެއް ކަމުގައި ކަނޑައަޅާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހެވެ.

ނެޝަނަލް ބަށިބޯލް ފައުންޑޭޝަނުން ބުނީ ޑިސެމްބަރު އެކެއްގައި މުބާރާތް ފެށި ކަމުގައިވިޔަސް މުބާރާތް ނިމޭނެ ތާރީހެއް އިއުލާން ކުރާނީ މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ އަދަދަށް ބެލުމަށްފަހު ކުޅެން ޖެހޭ މެޗްތަކުގެ އަދަދު ފައިނަލް ވުމުން ކަމަށެވެ.

މުރާދު ވިދާޅުވީ، މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 100000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ރަށްރަށުން އަންނަ ޓީމްތަކުގެ ހުރުމުގެ ކަންކަން ހަމަޖެހިފައި އޮތީ ކިހިނެތްތޯ ސުވަލުކުރުމުން މުރާދު ވިދާޅުވީ ނެޝަނަލް ބަށިބޯލް ފައުންޑޭޝަނާއެކު އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް