އުރީދު ދިވެހި ޕްރިމިއާލީގުގައި ވެލެންސިއާ 0-1 ލަނޑުން ބަލިކޮށް އީގަލްސް ތާވަލުގު ތިން ވަނަ އަށް ޖެހިލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ވެލެންސިއާއިން މިއަދުގެ މެޗަށް ނުކުތީ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފައިވާ އެޓީމް ގެ އެންމެ މުހިންމު އެއް ކުޅުންތެރިއެއް ކަމަށްވާ އަކްރަމް އަބްދުލްޣަނީއާ ނުލައެވެ.
ފުރަތަމަ ހާފް ނިމުނު އިރު ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން ވެލެންސިއާގެ ގޯލް އޭރިއާ ތެރޭގައި ހުރެ އީގަލްސްގެ ކެޕްޓަން އިސްމާއިލް އީސަ (މެސީ) ފޮނުވާލި ބޯޅަ އަމާޒުވީ ސީދާ ކީޕަރުގެ އަތަށެވެ.
އެ މެޗުގައި އީގަލްސްއަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ލަނޑު ޖަހައި ދިނީ އަހުމަދު ރިޒްވާނެވެ. ދެ ވަނަ ހާފު ފެށިގެން 73 ވަނަ މިނެޓްގައި އެ ލަނޑު ރިޒްވާން ކާމިޔާބު ކުރީ އިސްމާއިލް އީސަ ވެލެންސިއާގެ ޕެނަލްޓީއޭރިއާ ތެރެއިން ފޮނުވާލި ބޯޅައެއް ގޯލަށް އަމާޒުކޮށްގެންނެވެ.
އެ ނަތީޖާއެކީ މެޗު ނިމުމުން އީގަލްސް ވަނީ ވަގުތީ ގޮތުން ތާވަލުގެ ތިންވަނައަށް ޖެހިލާފަ އެވެ. އީގަލްސް ތިން ވަނަ އަށް އެރީ މާޒިޔާ އާއި ވިކްޓަރީ އަށް ވުރެން އެއް މެޗް އިތުރަށް ކުޅެ 13 ޕޮއިންޓާ އެކު އެވެ. ވިކްޓަރީ 12 ޕޮއިންޓާ އެކު ހަތަރު ވަނައިގައި މިހާރު އޮތްއިރު މާޒިޔާ އޮތީ 12 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ފަސް ވަނައިގަ އެވެ. އެއް ވަނައިގައި 20 ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް އޮތްއިރު ދެ ވަނައިގައި 17 ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.