ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލުމަށް ހުޅުވާލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޓެކްސް އެޕީލް ޓުރެބިއުނަލަށް އައްޔަން ކުރެއްވި ފަސް މެމްބަރުން: ސަން ފައިލް ފޮޓޯ

ޓެކުސް ނެގުމުގެ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓެކުސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޓެކުސް އެޕީލު ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ހަމަވާ ކަމަށެވެ. އެހެންކަމުން އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޓްރައިބިއުނަލްގެ މެންބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި މާލީ، ޓެކްސް، ވިޔަފާރިއާއި އިޤްތިޞާދު ނުވަތު ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުން ހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ޤާބިލު ފަރާތެއްކަމުގައިވާންޖެހެ އެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވާންޖެހެ އެވެ. ހަމައެއާއެކު ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް އެ މަގާމަށް ކުރިމައްޗެއް ނުލެވެ އެވެ. އަދި އެއްވެސް ސިޔާސީ މަގާމެއްގައި ނެތް މީހަކަށް ވާންޖެހެ އެވެ.

ރައީސް އޮފީހުން ބުނީ ޓެކުސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެ މަގާމަށް ކުރިމަތިލުމަށް އެދޭ ކަމަށެވެ.

ޓެކުސް ނެގުމުގެ އިދާރީ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޓެކުސް އެޕީލް ޓްރައިބިއުނަލް އެކުވެލިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށް ކަމަށެވެ. އަދި އެތަނަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް