މިހާރު ކުރިއަށްދާ 55 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ މުއިނާ މުހައްމަދާއި ރަފާ ނާޒިމްގެ ޕެއާ ހޯދައިފި އެވެ.
ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް އިވެންޓްގައި ތިން ޕެއާ ވާދަކުރިއިރު މުއިނާއާއި ރަފާގެ ޕެއާ ޗެމްޕިއަން ކަން ހޯދީ ޕޮއިންޓް ސިސްޓަމަށް ކުޅުނު ކެޓަގަރީގައި އަނެއް ދެ ޕެއާވެސް ބަލިކުރުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ.
މިކެޓަގަރީން ދެ ވަނަ ހޯދީ ޓީޓީގެ އަންހެން ގައުމީ ޓީމްގައި ހިމެނޭ ފާތުމަތު ޖުމާނާ ނިމާލާއި މަރިޔަމް ޝަފީގްގެ ޕެއާއެވެ.
ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ކެޓަގަރީން މޫސާ މުންސިފްއާއި އިބްރާހިމް ޝިއުރީ ޗެމްޕިއަން ހޯދީ ފައިނަލްގައި މުހައްމަދު މައިޒަރު އަދަމްއާއި މުޙައްމަދު ޒީސްތު ނަސީމުގެ މައްޗަށް ސީދާ ތިން ގޭމުން ކާމިޔާބު ހޯދައިގެންނެވެ.
އިއްޔެ ވަނީ މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން އަހްމަދު ޝަޒިލްއާއި އަހްމަދު ޝަރީފުގެ ޕެއާ ހޯދާފައެވެ. އެކެޓަގަރީގެ ރަނަރަފަކީ މުހައްމަދު ލަތީފާއި މުހައްމަދު ޝައްފާން އިސްމާޢީލްއެވެ.
ގައުމީ ޓޭބަލް ޓެނިސް މުބާރާތް މިމަހު 29 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މުބާރާތުގައި އަށް ޓީމާއި އެކި އުމުރު ފުރާތަކުން 75 ކުޅުންތެރިން ވާދަކުރާއިރު 200 އަށް ވުރެ ގިނަ މެޗް ކުޅެން ހަމަޖެހިފައިވާ ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.