ރާއްޖެ ޓީވީ ރޯކޮށްލި ކަމަށް މީއާދު އިންކާރުކޮށްފި

ރާއްޖެޓީވީ ރޯކޮށްލުމުގެ ދައުވާލިބޭ ހ. ގަސްވާ މުހައްމަދު މީއާދު -- ފޮޓޯ ޕޮލިސް

ރާއްޖެ ޓީވީގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ހ. ގަސްވާ މުހައްމަދު މީއާދު ޓެރަރިޒަމްގެ ދައުވާއަށް އިންކާރުކޮށްފި އެވެ.

މިއަދު މެންދުރު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން މީއާދު ވަނީ ދައުވާއަށް އިންކާރުކުރުމަށް ފަހު ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެދިފަ އެވެ.

ގާޒީ ވަނީ ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ ފުރުސަތެއް އޭނާ އަށްދީފަ އެވެ.

ބީކޭޓީ ބިލްޑިންގްގައި ހުންނަ ރާއްޖެ ޓީވީގެ އިމާރާތުގައި 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުގެ ފަތިހު 4:42 އެހާކަންހާއިރު ހުޅުޖެހުމުގެ ސަބަބުން އެ ބިލްޑިންގައި ހުންނަ ކޮމްޕިއުޓާ ޕްލަސްގެ ގުދަނުގައި ހުރި ހުރިހާ ތަކެއްޗެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި ރާއްޖެ ޓީވީގައި ހުރި ހުރިހާ އިކުއިޕްމަންޓެއް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.

އެމައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލި މީއާދުގެ އަތުގެ ބައެއް އަނދާފައިވާކަން ފުލުހުންގެ ތަހުގީގުން ވަނީ ކަށަވަރުވެފަ އެވެ. އެގޮތުން އަނދާފައިވާ ކަމުގެ ނިޝާންތައް އޭނާގެ ކަނާތުން ފެންނަން ހުއްޓެވެ.

އެ މައްސަލާގައި އެންމެ މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް، ޖުމްލަ ނުވަ މީހެއްގެ މައްޗަށް އެ މައްސަލާގައި ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 22 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 18 އަހަރުގެ ދެ މީހެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު