ކަރަންޓް އުފައްދަން ތެޔޮގަތުމަށް ދުވާލަކަށް 2.7 މިލިއަން ރުފިޔާ

ސްޓެލްކޯގެ ފޯތު ޕަވާ ޕްރޮޖެކްޓްގެ ދަށުން ބެހެއްޓި ޖަނަރޭޓަރުތައް -- ސަން ފައިލް ފޮޓޯ

ސްޓެލްކޯ އިން ކަރަންޓް އުފެއްދުމަށް ޓަކައި ގަންނަ ތެލަށް ކޮންމެ ދުވަހަކު 2.7 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އިން އިންތިޒާމުން ކޮށްގެން ނޫސްވެރިންނަށް ބޭއްވި ސެމިނާއެއްގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެސިސްޓެންޓް އިންޖިނިއާ މުހައްމަދު ޝަޖީއު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ފޮނަދޫން ސްޓެލްކޯ އަށް ތެޔޮ ގެންނަ ކަމަށެވެ.

އެ ގޮތުން ކޮންމެ ދުވަހަކު ވެސް އެސްޓީއޯގެ ތެޔޮ ޓޭންކްތައް ހުންނަ ފޮނަދޫ އިން 240،000 ލީޓަރުގެ ޑީސަލް ގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކަރަންޓް އުފެއްދުމަށް ޓަކައި ކޮންމެ ދުވަކު ވެސް 230،000 ލީޓަރުގެ ޑީސަލް ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކޮންމެ ދުވަހަކަށް 1150 ފީފާގެ ތެލެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް ސްޓެލްކޯ އިންޖީނުތަކަށް އެބައަޅަން 230،000 ލީޓަރުގެ ތެޔޮ،" ޝަޖީއު ވިދާޅުވި އެވެ.

އެހެންކަމުން ހަމައެކަނި ޑީސަލަށް ކުރާ ޚަރަދު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 81 މިލިއަނަށް އަރާނެ އެވެ.

ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޖީޑީޕީގެ 20 ޕަސެންޓާއި 22 ޕަސެންޓާ ދޭތެރޭ ޚަރަދުކުރަނީ ރާއްޖެ އަށް ތެޔޮ އެތެރެކުރާށެވެ.

ތެލަށް ކުރާ ޚަރަދު ކުޑަކޮށް ތިމާވެށްޓާ ރައްޓެހި ގޮތަކަށް ކަރަންޓް އުފެއްދުމުގެ މަސައްކަތަށް ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމަށް މިނިސްޓަރު އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީ ތާރިގު އިބްރިމް ވަނީ ވިދާޅުވެފަ އެވެ.

އަމިއްލަ ފަރާތްތަކާ ގުޅިގެން ހަކަތަ އުފެއްދުމަށް ހިންގާ ޕްރޮޖެކްޓް (އެސްޕަޔާ) ޕްރޮޖެކްޓް ފެށުމުގެ ގޮތުން މީގެ ހަފްތާއެއް ކުރިން ބޭއްވި ރަސްމިއްޔާތުގައި ތާރިގު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭނުންކުރާ ހަކަތައިގެ 30 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް