ރައީސް ޔާމީން ރަސްމީ ދަތުރުފުޅުތަކަށް ބޭނުންކުރައްވާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމަކީ، ގައުމުގެ ވަލިއްޔުލް އަމުރު އަވަހާރަކޮށްލުމަށް ފަހު ވެރިކަން ހޯދަން ބަޔަކު ކުރި ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަން ޓީވީގެ "ފަންސާސް މިނިޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެއީ މުޅި ގައުމުގެ ސިޔާސީ މަސްރަހަށް ދިން ހަމަލާއެއް ކަމަށާއި އެފަދަ ކަންކަމަކީ ޑިމޮކްރަޓިކް މާހައުލެއްގައި ހިނގައިގެންވާނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"ޑިމޮކްރަޓިކް މާހައުލެއްގައި ބޮން ގޮއްވައިގެން ހަތިޔާރު ބޭނުންކޮށްގެން މީހުން މެރުމާއި ހަމަލާ ދިނުމާއި އަނިޔާ ކުރުމާއި މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން. މިއީ އަނިޔާވެރިކަމުގެ އިންތިހާ. އަޅުގަނޑު ގަބޫލުކުރަނީ މިއީ ގައުމުގެ ވަލިއްޔުލް އަމުރު އަވަހާރަކޮށްލައިގެން ވެރިކަން ހޯދަން ބަޔަކު ހިންގި ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން އެ ދިން ހަމަލާއަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށާއި އެފަދަ ކަމެއް ތަކުރާރުވުމަށް މި ގައުމުގައި ދެން އެމަނިކުފާނު ފުރުސަތު ނުދެއްވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަން ކުރިބަޔަކު ރައްޔިތުންގެ ކުރިމައްޗަށް ގެނެސް އެމީހުންނަށް އެކަށީގެންވާ އަދަބު ދޭތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން ސަރުކާރުގެ ތެރޭގައި ގުޅުން ހީނަރުވެ ނުވަތަ ބަލިކަށިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަތައް ދައްކައި ކަންކަން ކުރި ނަމަވެސް ސަރުކާރުގެ އެތެރޭގެ ގުޅުމަށް އަދި ބޭރުގެ ފަރާތްތަކާ އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ބޮޑެތި މަޝްރޫތައް ވެސް ބާރަށް ކުރިއަށްދާ ކަމަށާއި، ބްރިޖްގެ މަސައްކަތްތައް ވެސް މިއަހަރު ފަހުކޮޅު ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައުމު ކުރިއަށް ގެންދިއުމަށް ކޮންމެ ދުވަހަކު ވެސް ރައީސް ޔާމީންއާ ސަރުކާރުގެ އިސްވެރިން ބައްދަލުކުރައްވައި އެކި ކަންކަން ކުރިއަށްގެންދާނެ ގޮތްތައް މަޝްވަރާކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.