ފީފާގެ އިންތިހާބް އަންނަ އަހަރު ފެބްރުއަރީގައި

ފީފާގެ އިންތިހާބެއްގެ ވޯޓު ގުނުން ކުރިއަށް ދަނީ-- ފޮޓޯ/ އޭޕީ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފިފާ) ގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބް މި އަންނަ އަހަރުގެ ފެބްރުއަރީ 26 ގައި ބާއްވަން ފީފާއިން ނިންމައިފިއެވެ.

ފީފާގެ ރައީސެއްގެ ގޮތުގައި 1998 ވަނަ އަހަރު އިންތިހާބް ވީ ފަހުން އެ މަގާމްގައި ހުންނެވީ ސެޕް ބްލެޓާއެވެ. އަދި މި ދައުރު ހަމަވުމަށް ފަހު ފީފާގެ ރައީސްގެ މަގާމަށް ކުރިމަތި ނުލާނެ ކަމަށް ކޮރަޕްޝަންގެ ގިނަ ތުހުމަތު ތަކެއްކުރެވިފައިވާ ބްލެޓާވަނީ ހާމަކޮށްފައެވެ.

ބްލެޓާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ތަކުގެ ތެރޭން ތަހުގީގު ކުރަމުން އަންނަނީ ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ އަށް ފީފާގެ ބަޖެޓުން ބްލެޓާ ދޫކުރެއްވި ދެ މިލިއަން ޑޮލަރުގެ މައްސަލަ އެވެ. އެ ފައިސާ އަކީ އޭގެ މާ ކުރިން ޕްލެޓިނީ ކުރެއްވި މަސައްކަތަކަށް ދޭން ޖެހޭ އުޖޫރުއައެކެވެ.

ބްލެޓާގެ އިތުރުން ކުރިއަށް އޮތް ފީފާގެ އިންތިހާބްގައި ރައީސްކަމަށް ވާދަކުރާނެ ކަން އިއުލާން ކޮށްފައިވާ ޕްލެޓިނީ ވެސް 90 ދުވަހަށް ސަސްޕެންޑްކޮށްފައެވެ. ފީފާ ހިންގުމާ މިހާރު ހަވާލުވެފައިވަނީ ސީނިއާ ވައިސް ޕްރެޒިޑެންޓް ކެމަރޫންގެ އީސަ ހަޔަތޫ އެވެ.

ޕްލެޓްނީގެ އިތުރުން ދެން ފީފާގެ ރައީސްކަމަށް ވާދަކުރައްވާނެ ކަން ހާމަ ކޮށްފައިވަނީ ބަޚްރެއިން ގެ ސެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ (ޕްރިންސް އަލީ) އެވެ.

އެހެން ނަމަވެސް ޔޫއެފާގެ ރައީސެއް ގޮތުގައި ހުރި ޕްލެޓްނީގެ ކެޑިޑެންސީއާ ގުޅޭ ގޮތުން ގޮތެއް ނިއްމާނީ އޭނާއަށް ކޮށްފައިވާ ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން ކަމަށް ފީފާގެ އިލެކްޓޯރަލް ކޮމެޓީއިން ބުނެއެވެ.

ޕްލެޓިނީއާއި ޕްރިންސް އަލީގެ އިތުރުން ދެން އެ މަގާމަށް ވާދަކުރައްވާނެ ކަމަށް ބެލެވެނީ ކުރީގެ ޓޮބެގޯގެ މިޑްފީލްޑަރު ޑޭވިޑް ނާހިދްއާއި ކުރިން ޓޮޓެންހަމަށް ކުޅެފައިވާ ޑިފެންޑަރު ރާމޮން ވެގާއެވެ.

comment ކޮމެންޓް