ރެޖިސްޓްރީ ކޮށްގެން ޑްރޯން ދުއްވޭގޮތަށް ހަދަނީ

ރެޖިސްޓްރީކޮށްގެން ނޫންގޮތަކަށް ޑްރޯން ބޭނުން ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް އެމެރިކާއިން ވަނީ ފަށާފައި --

އެމެރިކާގައި ޑްރޯން ބޭނުންކުރާ ފަރާތްތަކުން ރެޖިސްޓްރީކޮށްގެން ނޫން ގޮތަކަށް ޑްރޯން ބޭނުން ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް އެގައުމުގެ ފެޑަރަލް އޮފިޝަލުން ފަށައިފި އެވެ.

ވޮޝިންޓަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޮފިޝަލު ވިދާޅުވީ ރެޖިސްޓްރީކޮށްގެން ޑްރޯން ދުއްވޭނެ ގޮތް ހެދުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ހާއްސަ ޓާސްކްފޯސްއެއް މިހާރު އެކުލަވާލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޑްރޯން ރެޖިސްޓްރީ ކުރުމަށް ހާއްސަ ޓާސްކް ފޯހުގައި އޭވިއޭޝަން އިންޑަސްޓްރީގެ ފަރާތްތަކާއި ސަރުކާރުގެ އިސްވެރިންނާއި ސްޓޭކް ހޯލްޑަރުން ހިމެނެ އެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޓްރާންސްޕޯޓްގެ ސެކެރެޓެރީ އެންތޯނީ ފޮކްސް ވިދާޅުވީ ރެޖިސްޓްރީކޮށްގެން ޑްރޯން ދުއްވޭ ގޮތަށް ހެދުމުގެ ބޭނުމަކީ ޑްރޯން ދުއްވާ ފަރާތްތަށް ޒިންމާދާރުކުރުވުމުގެ ބޭނުމުގައި ކަމަށެވެ. ޑްރޯން ރެޖިސްޓްރީކޮށްގެން ދުއްވޭ ގޮތަށް ނިންމާފައިވާ އިރު ރެޖިސްޓްރޭޝަނަށް ބޭނުންވާނެ މައުލޫމާތުތަކަކީ ކޮބައިކަމެއް އަދި ބުނެފައެއްނުވެ އެވެ.

ޑްރޯން ދުއްވުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް ބުނެ ދުނިޔޭގެ އެކި ގައުމުތަކުގައި ޕައިލެޓުންދަނީ ޝަކުވާތައް ހުށަހަޅަމުންނެވެ. ހަމައެކަނި މި އަހަރުގެ ތެރޭގައި ވެސް 100 އަށް ވުރެ ގިނަ ޝަކުވާ ވަނީ ހުށަހަޅާފަ އެވެ. މަތިންދާ ބޯޓާ މާކައިރިން ޑްރޯން ދުއްވާ ނަމަ އިންޖީނުގައި ޖެހި ބޯޓުވެއްޓުން ނުވަތަ ބޯޓުގެ ކުޑަދިރު ތަޅައިގެން ދިއުން ފަދަ ކަން ކަން ކުރިމަތިވެދާނެ ކަމަށް ޕައިލެޓުން ވަނީ ބުނެފަ އެވެ.

ޑްރޯން ރެޖިސްޓި ކޮށްގެން ދުއްވޭ ގޮތަށް ހަމަޖެހުމާ ގުޅިގެން މީގެ ފަހުން ގަންނަ ކޮންމެ ޑްރޯނެއް ރެޖިސްޓްރީކުރަން ޖެހޭނެ ކަމަށް ފޮކްސް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ޑްރޯން ގެއްލިއްޖެނަމަ ހޯދަން ފަސޭހަވާނެ ކަމަށް ވެސް ފޮކްސް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް