ޒިނޭކުރި މީހަކު ރަޖަމް ކުރަން ރާއްޖޭގައި ހުކުމްކޮށްފި

ގެމަނަފުށީގެ ގެތަކެއް. ސަން ފައިލްފޮޓޯ

ކައިވެނިކޮށްގެން އުޅެމުން ޒިނޭކުރި ކަމަށް ކޯޓްގައި އެއްބަސްވީ މީހަކު ރަޖަމް ކުރުމަށް ރާއްޖޭގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ގއ. ގެނަމަފުށީ މެޖިސްޓްރޭޓް ކޯޓުން އެގޮތަށް ހުކުމް ކުރީ ވަކި މީހަކަށް ދަރި ނުލައްވާގޮތަށް ވިހެއި ކަމަށް އަންހެނެއްގެ މައްޗަށް އުފުލި ދައުވާއަކާ ގުޅިގެން ކުރި ޝަރީއަތެއްގައި ޒިނޭ ކުރި ކަމަށް އޭނާ އިއުތިރާފް ވުމުންނެވެ.

މުޙުޞަނުން ޒިނޭ ކުރިކަން ސާބިތު ވުމުން އިސްލާމީ ޝަރީއަތުގައި ދޭން ކަނޑައަޅުއްވާފައިވާ ރަޖަމް ކުރުމުގެ އަދަބު ދިނުމަށް އާ ގާނޫނުލް އުގޫބާތުގެ ދަށުން ރާއްޖޭގެ ކޯޓަކުން ހުކުމް ކުރި މިއީ ފުރަތަމަ ފަހަރެވެ.

ގެނަމަފުށީ ކޯޓުން ބުނީ ކޯޓުން ބުނީ އުމުރުން 30 އަހަރަށް ވުރެ ދޮށީ އެ އަންހެން މީހާ ރަޖަމް ކުރުމަށް ކޯޓުން ހުކުމް ކުރީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާ ބެހޭގޮތުން އާ ގާނޫނުލް އުގޫބާތުގައި އޮންނަ އެ ގާނޫނުގެ 1205 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެ މާއްދާގައިވަނީ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތަސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް އިސްލާމީ ޝަރީއަތުގައި ބުނާ މިންގަނޑަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެ ނަމަ އެ މީހަކަށް ދޭންޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށެވެ. ނަމަވެސް އެފަދަ އަދަބެއް ތަންފީޒު ކުރަންޖެހޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ މާއްދާގައިވެ އެވެ.

comment ކޮމެންޓް