ރާއްޖެ އިން ތެޔޮ ފެނޭތޯ ބެލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބޯހޯލް ތޮރުފައިގެން ތެޔޮ ހޯދާ ބޯޓެއް މިއަދު ރާއްޖެ އަތުވެޖެ އެވެ.
ތެޔޮހޯދުމަށް ބޯ ހޯލް ތޮރުފާ ބޯޓު ރާއްޖެ އައިކަން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ. ޓުވިޓަ މެދުވެރިކޮށް މިނިސްޓަރު ވިދާޅުވީ ބޯޓު މިއަދު އައިސްފައިވާ ކަމަށާއި ތެޔޮހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ރާއްޖެ އިން ތެޔޮ ފެނޭތޯ ބެލުމަށް ބޯ ހޯލް ތޮރުފަން ހަމަޖެހިފައި ވަނީ ބ. ގޮއިދޫގެ އެތެރެވަރިން ދެތިންތަނެއް ކަމަށް މިނިސްޓަރު ޝައިނީ ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމަށް ދިރާސާތަކެއް ހެދުމަށް ނޯވޭގެ ކުންފުންޏަކުން ރާއްޖެ އަންނާނެ ކަމަށް މިދިޔަ އޮގަސްޓު މަހު ޝައިނީ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިއަދު އައިސްފައި ވަނީ ކޮން ގައުމެއްގެ ބޯޓެއްކަން އަދި ސާފެއް ނުވެ އެވެ.
މީގެ ކުރިން މިނިސްޓަރު ޝައިނީ ވިދާޅުވީ ފުރަތަމަ ބަލާ ސަރަހައްދުން ތެޔޮ ނުފެނިއްޖިއްޔާ އެހެން ސަރަހައްދުތައް ވެސް ބަލާނެ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ އަޑީގައި 'ޔަގީނާ ގާތަށް' ތެޔޮ ހުރިކަމަށް ޖަރުމަނުގެ ހެމްބާގް ޔުނިވާސިޓީން ކުރި ދިރާސާ އަކުން ދައްކާފައިވާ ކަމަށް ޝައިނީ ވަނީ ކުރިން ވިދާޅުވެފަ އެވެ.