އުރީދޫ އިން ފޭސްބުކާ ގުޅިގެން 'ފްރީ ބޭސިކްސް' ޚިދުމަތް ތައާރަފްކޮށްފިއެވެ.
މިރޭ ހުޅުލޭ އައިލެންޑް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި އެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އާއި ފޭސްބުކުގް ހެޑް އޮފް ގްރޯތް ޕާޓަނާޝިޕްސް، އެޕެކް، އެނާ ނިގެންރެން އެވެ.
ފްރީ ބޭސިކްސް ހިދުމަތް ހޯދުމަށް " GO ( space ) 5444 " އަށް މެސެޖްކުރުމުން އެޕްލިކޭޝަނެއް ޑައުންލޯޑްކުރެވޭ ލިންކެއް އެސްއެމްއެސް އަކުން ލިބޭނެއެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް އިންޓަނެޓަށް ވަނުމުން ހިލޭ ފޭސްބުކު ބޭނުންކުރެވޭނެއެވެ. އަދި އެ ނޫނަސް ބައެއް ވެބްސައިޓްތަކަށް ހިލޭ ވަދެވޭނެއެވެ. ރާއްޖޭން ހިލޭ ވަދަވޭ ވެބްސައިޓްތަކުގައި ތެރޭގައި އާސަންދަ ވެބްސައިޓް ހިމެނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އުރީދޫ އިން މިރޭ ތައާރަފްކުރި ޚިދުމަތަކީ ވަރަށް މުހިއްމު ޚިދުމަތެއް ކަމަށެވެ.
ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ބްރޯޑް ބޭންޑް އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ކަމަށެވެ.
"ސަރުކާރުންގެ މަގުސަދަކީ ވީހާވެސް ގިނަ ބަޔަކަށް މައުލޫމާތު ފޯރުކޮށްދިނުން. ރަނގަޅު ވަގުތުގައި ރަނގަޅު މައުލޫމާތު ލިބުމުން ޚަރަދު ކުޑަވޭ، ފުރާނަތައް ސަލާމަތްކުރެވޭނެ، އެހެންނަމަވެސް އިންޓަނެޓްގެ ޚަރަދުބޮޑުކަމުން މައުލޫމާތު ލިބުމަށް ހުރަސްއެޅޭ" އުމަރު ނަސީރު ވިދާޅުވިއެވެ.
އުރީދޫއިން ފޭސްބުކާ ގުޅިގެން "ފްރީ ބޭސިކްސް" ޚިދުމަތް ތައާރަފްކުރުމަށް އެޗްއައިއެޗް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އުމަރު ނަސީރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ
އިންޓަނެޓް މެދުވެރިކޮށް ސިއްހީ އަދި ތައުލީމާ ބެހޭ މުހިއްމު މައުލޫމާތުތައް ހިލޭ ލިބެން ފެށުމުން ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޭސްބުކުގް ހެޑް އޮފް ގްރޯތް ޕާޓަނާޝިޕްސް، އެޕެކް، އެނާ ނިގެންރެން ވިދާޅުވީ ފޭސްބުކުން ފަށާފައިވާ އިންޓަނެޓް.އޯގް މަޝްރޫއުގެ ބޭނުމަކީ ދުނިޔޭގެ އެއްމެންނަށް ބޭސިކް އިންޓަނެޓް ޚިދުމަތް ދިނުން ކަމަށެވެ. އިންޓަނެޓްގެ ސަބަބުން މީހުންގެ ހޭލުންތެރިކަން އިތުރުވެ، ތައުލީމީ ފެންވަރު ރަނގަޅުވެ އަދި ވަޒީފާގެ ފުރުސަތުތައް ވެސް ތަނަވަސްވެގެންދާނެ ކަަމަށް އެނާ ވިދާޅުވިއެވެ.
އުރީދޫއިން ފޭސްބުކާ ގުޅިގެން "ފްރީ ބޭސިކްސް" ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޭސްބުކުގް ހެޑް އޮފް ގްރޯތް ޕާޓަނާޝިޕްސް، އެޕެކް، އެނާ ނިގެންރެން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ
"ދިރާސާތައް ދައްކާގޮތުން އިންޓަނެޓް ބޭނުންކުރާ ފަށާ ކޮންމެ ދިހަ މީހުން ތެރެއިން އެކަކު ފަގީރުކަމުން ސަލާމަތްކޮށްދެވޭނެ، ދުނިޔޭގެ ތިންބައިކުޅަ ދެބައި މީހުންނަށް އަދިވެސް އިންޓަނެޓްގެ ހިދުމަތް ނުލިބޭ. އެހެންކަމުން ހަތަރު ބިލިއަން މީހުން އަދިވެސް އިންޓަނެޓްގެ ހިދުމަތް ބޭނުންނުކުރޭ،" އެނާ ވިދާޅުވިއެވެ.
ދުނިޔޭގެ ހުރިހާ އެއްމެންނަށް އިންޓަނެޓް ޚިދުމަތް ދިނުމަކީ ފޭސްބުކު ގަބޫލުކުރާ ގޮތުގައި މި ޖީލަށް ދިމާވެފައިވާ އެއްމެ ބޮޑު ގޮންޖެހުން އަދި ފުރުސަތު ކަަމަށް ވެސް އެނާ ވިދާޅުވިއެވެ.
ފްރީކޮން އިންޓަނެޓްގެ ޚިދުމަތް ދިނުމުން އޮންލައިންވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުވާސަލާތީ ކުންފުނިތަކާއި ގުޅިގެން ފާއިތުވި އަހަރެއްވާ ދުވަސްތެރޭ އެއް ބިލިއަން މީހުންނަށް އިންޓަނެޓްގެ ހިދުމަތްދީފައިވާ ކަމަށް އެނާ ވިދާޅުވިއެވެ.
"އުރީދޫއާއި ގުޅިގެން މި ތައާރަފްކުރި ޚިދުމަތަކީ ރާއްޖޭގެ ހުރިހާ އެއްމެންނަށް އިންޓެނެޓް ދިނުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް. އުރީދޫ އިން ވަނީ މި ޕްރޮޖެކްޓަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްފައި،" އެނާ ވިދާޅުވިއެވެ.
"ފްރީ ބޭސިކްސް" ޚިދުމަތް ތައާރަފްކުރުމަށް އެޗްއައިއެޗް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ބައިވެރިވެވަޑައިގަންނަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް އިންޓަނެޓް ފޯރުކޮށްދިނުމަކީ ގޮންޖެހުމެއް ކަމަށާއި އެހެންނަމަވެސް ފޭސްބުކާ އެކުވި އެއްބަސްވުމުގެ ސަބަބުން އެކަން ކުރަން ފަސޭހަ ވެގެންދާނެ ކަމަށެވެ.
"ފްރީ ބޭސިކް ސާވިސްގެ ސަބަބުން ހުރިހާ އެއްމެންނަށް އާ މައުލޫމާތާއި އާ ފުރުސަތުތައް ހުޅުވިގެންދާނެ،" ވިކްރަމް ސިންހަ ވިދާޅުވިއެވެ.
އޮކްޓޯބަރ 15، 2015: އުރީދޫއިން ފޭސްބުކާ ގުޅިގެން "ފްރީ ބޭސިކްސް" ޚިދުމަތް ތައާރަފްކުރުމަށް އެޗްއައިއެޗް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
އަދި ފުރަތަމަ ފަހަރަށް ފޭސްބުކާއި ގުޅިގެން ރާއްޖެ އަށް މިފަދަ ހިދުމަތެއް ތައާރަފްކުރާތީ ވަރަށް އުފާވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޓަނެޓް.އޯގް ޕްރޮޖެކްޓަކީ ފޭސްބުކުގެ ބާނީގެ މާކު ޒަކަބާގް އިސްނެގުމާއި އެކު ފްރީ ބޭސިކް އިންޓަނެޓް ހިދުމަތް ދިނުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.