ޔޫރޯ 2016ގެ ކޮލިފިކޭޝަންގެ ޖާގައެއް ހޯދުމަށް ނިކުތް ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ ބާރު ހޮލެންޑް ޗެކް ރިޕަބްލިކް އަތުން 3-2 ގެ ނާތިޖާއަކުން ބަލިވެ 31 އަހަރު ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުން ފުރުސަތު ގެއްލިއްޖެ އެވެ.
ހޮލެންޑް ހިމެނޭ ގްރޫޕް 'އޭ" އިން ސީދާ ޔޫރޯގެ ޖާގަ ލިބުނީ ގުރޫގެ އެއްވަނަ ޗެކް ރިޕަބްލިކާއި ދެ ވަނައިގައި އޮތް އައިސްލޭންޑަށެވެ. އެހެންކަމުން ހޮލެންޑަށް ޖެހުނީ ތިން ވަނަ ޓީމުގެ ގޮތުގައި ޖާގަ ހޯދައިގެން ޔޫރޯއަށް ކޮލިފައިވުމަށެވެ.
ހޮލެންޑަށް ކޮލިފައިވެވެން އޮތީ އެޓީމު މޮޅުވެ، އައިސްލެންޑް އަތުން ތުރުކީ ބަލިވެގެންނެވެ.
މެޗްގައި ޗެކް ރިޕަބްލިކަށް ލީޑް ނަގައިދިނީ 24 ވަނަ މިނެޓްގައި ޕަވެލް ކެޑީރެބް ކާމިޔާބު ކުރި ލަނޑުންނެވެ.
އެޓީމުގެ ދެ ވަނަ ލަނޑު ޖޯސެފް ސުއަރަލް ކާމިޔާބު ކުރީ 35 ވަނަ މިނެޓްގައެވެ.
ޗެކްރިޕަބްލިކްގެ ތިން ވަނަ ލަނޑަކީ ހޮލެންޑްގެ ވެން ޕާސީއަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ރޭގެ މެޗުން މޮޅުވުން ޗެކްރުޕަބްލިކް ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
މެޗްގައި ހޮލެންޑަށް ސުން ކަނޑުވާލަ ދިނީ ވެސްލީ ސްނައިޑާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާލޯސް ހަންޓެލާ ކާމިޔާބު ކުރި ލަނޑުންނެވެ.
އަދި 83 ވަނަ މިނެޓްގައި ވެންޕާސީ ވަނީ ހޮލެންޑް ކޮލިފައި ނުވި ނަމަވެސް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
ރޭގެ މެޗުން ހޮލެންޑް ބަލިވުމުން ކޮލިފައިންގެ ޖާގަ ލިބެނީ ރޭ އައިސްލެންޑް ކޮޅަށް މެޗްގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން މޮޅުވި ތުރުކީއަށެވެ.

ތުރުކީ ޔޫރޯ 2016 އަށް ކޮލިފައިވުމުން އެޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
މިއީ 15 އަހަރު ފަހުން ތުރުކީ ޔޫރޯއަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އަދި 2002 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތިން ވަނަ ހޯދި ޓީމު އެމުބާރާތަށްފަހު ބޮޑު މުބާރާތަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
..........
އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރަތަކީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ޢަދަދު 24އަށް އިތުރުކޮށް ބާއްވާ ފުރަތަމަ ޔޫރޯއެވެ. މީގެ ކުރިން ޔޫރޯއަށް ކޮލިފައިވަނީ 16 ޓީމެވެ.
މުބާރާތް ބައްވާ ގައުމު ހިމެނޭ ގޮތަށް 24 ޓީމަށް މުބާރާތުން ފުރުސަތު ދޭއިރު، އަނެއް 23 ޖާގައަށް ކޮލިފިކޭޝަން ކުޅެގެން ފުރުސަތު ލިބޭއިރު ފުޓްބޯޅައިގެ މާހިރުން އޭރުވެސް ބުނެފައިވަނީ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ބޮޑެތި ޓީމުތަކާއެކު ޔޫރަޕްގެ އެންމެ އާދައިގެ ޓީމުތަކަށްވެސް ފުރުސަތު ލިބޭނެ ކަމަށެވެ.
ޔޫރަޕަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނަގާ ކިޔާ ބައްރު ކަމުގައި ވީއިރު އެބައްރުގެ ގައުމުތަކަށް ފުޓްބޯޅައިގައި ލިބިފައިވާ ހައިބަތާއި މަގުބޫލު ކަމަކީވެސް ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ. ދުނިޔޭގެ ފުޓްބޯޅަ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ވެސް ވިލާތުންނެވެ. އެމުބާރާތުގެ ފައިނަލަށް އެންމެ ގިނައިން ގޮސްފައިވަނީވެސް އެ ބައްރުގެ ޓީމުތަކެވެ.
މިޒަމާނުގެ ޓެކްޓިކަލް ފުޓްބޯޅަ ޔޫރަޕްގެ ފުޓްބޯޅައިގެ ތެރެއިން ތައާރަފުވިއިރު، އެކަމުގެ މާހިރުންނަކީ ލަންދޭސީން ނުވަތަ ހޮލެންޑެވެ. ޔޫރަޕްގެ ޗެމްޕިއަން ސްޕެއިވެސް އެމީހުންގެ މަޝްހޫރު 'ޓިކީ ޓަކާ' ސްޓައިލްގެ ކުލަ ޖެއްސީވެސް ހޮލެންޑްގެ ޔޯހާން ކްރައިފް ބާސެލޯނާގައި ޖެއްސި ޒަމާނީ ފުޓްބޯޅައިގެ ކުލައިންނެވެ.
އެހެންކަމުން ޔޫރަޕްގެ ފުޓްބޯޅައިގެ ވާހަކަ ދައްކަންޏާ ހޮލެންޑްގެ ވާހަކަ ދައްކަން ޖެހޭނެއެވެ. އެޓީމަކީ ދުނިޔޭގެ ފުޓްބޯޅައިގައިވެސް ނަގާ ކިޔާ ގައުމެކެވެ. ވޯލްޑްކަޕް ފައިނަލްގައި ދެފަހަރު ކުޅެފައިވާއިރު ޔޫރަޕްގެ ފުޓްބޯޅައިގެ ބޮޑެތި ބާރުތައް ވަނީ އެޓީމުގެ އަތް ދަށުވެ ސަލާމަތް ނުވެ މުބަރާތްތަކުން ވަކިވާން ޖެހިފައެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕުން އެންމެ ފުރަތަމަ ކަޓައިގެން ދިޔަ އޭގެ ކުރީގެ ޗެމްޕިއަން ސްޕެއިންވެސް މުބާރާތުން އަލްވަދާއު ކިޔަން ޖެހުމުގެ ދޮރު ހުޅުވާލަދީނީވެސް ހޮލެންޑުގެ ރޮބިން ވެންޕާސީއާއި އާރެޔަން ރޮބިއަން އަދި ސްޓެފަން ޑިވްރޭޖް ކާމިޔާބު ކުރި ލަނޑު ތަކުންނެވެ. ސްޕެއިންކޮޅަށް ޖެހި ފަސް ލަނޑާއެކު މުބާރާތުގެ އެންމެ ދުރަށް ހޮލެންޑް ދާނެކަމަށް ގިނަ ބަޔަކު ލަފާ ކުރިއެވެ. އެކަންވީވެސް އެހެންނެވެ.
މުބާރާތުގެ ސެމީފައިނަލް މެޗްގައި ރަނަރަފު އާޖެންޓީނާ އަތުން ބަލިވި ނަމަވެސް ހޮލެންޑުންވަނީ ތިން ވަނަ ހޮވާ މެޗްގައި މުބާރާތުގެ އަބަދުވެސް އެންމެ ފޭވަރިޓް ޓީމް ބްރަޒިލް ބަލިކޮށް ހޮލެންޑުގެ ފެންވަރު ޔޫރަޕަށާއި ދުނިޔެއަށް ސާބިތުކޮށްދީފައެވެ.
އެއަށްފަހު އެޓީމާމެދު ޔޫރަޕުންނާއި ދުނިޔެއިން އުންމީދުތަކެއް ކުރިއެވެ. އޭގެ ދެ އަހަރު ފަހުން ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ވަރުގަދަ ޓީމަށް ހޮލެންޑް ވާނެ ކަމަށެވެ.
ޔޫރޯ ކޮލިފައިންގައި އެޓީމު ލައްވައިލީ ނިސްބަތުން ފަސޭހަ ގުރޫޕެއްގައެވެ. އެޓީމާ ވާދަކުރެވޭ ޓީމަކަށް ގްރޫޕްގައި އޮތީވެސް ޗެކް ޖުމްހޫރިއްޔާ އެކަންޏެވެ.
ނަމަވެސް ކޮލިފިކޭޝަންގައި އެޓީމާ ކުރިމަތިވީ ލަދުވެތި ނަތީޖާއެކެވެ. ކޮލިފިކޭޝަންގައި ކުޅުނު ދިހަ މެޗްގެ ތެރެއިން އެޓީމު މޮޅުވީ އެންމެ ހަތަރު މެޗުންނެވެ. އެއީ ގުރޫޕްގައި ހިމެނޭ އެންމެ އާދައިގެ ދެޓީމު ކަމަށްވާ ކަޒަކިސްތާނާ ލެޓްވިއާއާ ދެކޮޅަށް ކުޅުނު ދެ ލެގްގެ މެޗްތަކުންނެވެ.
ކޮލިފައިންގައި ހޮލެންޑަށް ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. ހޮލެންޑްގެ ކޯޗް ކަމާ ދެ ވަނަ ފަހަރަށް ހަވާލުވި މަޝްހޫރު ކޯޗް ގޫސް ހިޑިންކް ކޯޗް ކަމުން އިސްތިއުފާ ދިނުމުންނެވެ.
ގޫސް ހިޑިންކްގެ ކޯޗްކަމުގެ ދަށުން ދަށް ނަތީޖާ ތަކެއް ހޯދި ހޮލެންޑް ޓީމާ ހަވާލުވީ އެސިސްޓެންޓް ކޯޗް ޑެނީ ބްލިންޑެވެ.
ނަމަވެސް އޭނާއަށް ހޮލެންޑަށް ދިމާވެފައިވާ މައްސަލަތަކުން އަރައި ނުގަނެވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލުނީއެވެ.

ހޮލެންޑްގެ ކޯޗް ޑެނީ ބްލިންޑް އޭނާ ކޯޗް ކަމާ ހަވާލުވީ މައްސަލަތަކެއްގެ ތެރެއިން. އޭނާއަށްވެސް ވަނީ ޓީމު ޔޫރޯއަށް ގެންދެވޭ ގޮތް ނުވެފައި --- ފޮޓޯ/ އޭޕީ
ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ އާދައިގެ ޓީމުތައް ކަމަށްވާ އަލްބޭނިއާ، އައިސްލެންޑް، ސޮލަވާކިއާ އަދި ވޭލްސްފަދަ ގައުމުތަކަށް ފުރުސަތު ލިބުނު އިރު ޔޫރަޕްގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު ހޮލެންޑް ކޮލިފައި ނުވުމުން ޔޫރަޕްގެ މީޑިއާތަކުގައި އެޓީމަށް ވަނީ ބޮޑެތި ފާޑު ކިޔުތަކެއް އަމާޒުވެފައެވެ.
އެހެންކަމުން ހޮލެންޑްގެ މަޝްހޫރު ކުޅުންތެރިން ވޯލްޑްކަޕަށްފަހު ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ނުފެނުމަކީ ކުރިއަށް މިއޮތް އަހަރުތަކުގައި އެޓީމުގައި ތިބި މަޝްހޫރު ކުޅުންތެރިން ބޮޑު މުބާރާތަކުން ފެނުމުގެ ފުރުސަތު ގެއްލުމެވެ.

ރޭގެ މެޗުން ހޮލެންޑް ބަލިވުމުން އެޓީމުގެ ކުޅުންތެރީން މާޔޫސްވެފައި --- ފޮޓޯ/ އޭޕީ
މީގެ އިތުރުން ހޮލެންޑްގެ ޒުވާން ތަރިން ކަމުގައިވާ މެންފިސް ޑިޕާއީއާއި ޖޯޖީނިއޯ ވޭނަލްޑަންއާއި އަންވަރުލް ގާޒީ މެން ފަދަ ކުޅުންތެރިން ނުފެނުމަކީވެސް އެކުޅުންތެރިންގެ ވިދުން ފަނޑުވެދާނެ ކަމެކެވެ.

ޗެކްރިޕަބްލިކް ކުޅުންތެރިން އުފާފާޅުކުރާއިރު ހޮލެންޑްގެ މެންފިސް ޑިޕާއީ (ކ) ބަލަހައްތަައިގެން އަންނަ އަހަރު އޭނާ ޔޫރޯއިން ނުފެންނާނެ --- ފޮޓޯ/ އޭޕީ
ޔޫރޯއަށްފަހު 2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް އެޓީމު ކޮލިފައިވީ ނަމަވެސް ހޮލެންޑްގެ ރަން ޖީލުގެ ގޮތުގައި ބަލާ ބައެއް ކުޅުންތެރިން ކަމުގައިވާ އާރެޔަން ރޮބިންއާއި ރޮބިން ވެންޕާސީއާއި ވެސްލީ ސްނައިޑާއާއި ކާލޯސް ހަންޓޭލާ މެންފަދަ ކުޅުންތެރިން ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އެހާހިސާބަށް ދާއިރު އެކުޅުންތެރިން އިންޓަނޭޝަނަލް ކެރިއާ ހުއްޓާލުމެވެ.