ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާ ބޫޓާން ބައްދަލު ކުރި މެޗަށް ޓީމު ނިކުތީ އާންމުކޮށް ފެންނަ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްގެނެސްގެންނެވެ.
އެ މެޗްގައި ފާހަގަ ކުރެވުނު އެންމެ ބޮޑު ބަދަލަކީ ފުރަތަމަ އެގާރައިގެ ޑިފެންސް ލައިނުން ފެންނަ ބައެއް ކުޅުންތެރިން ބެންޗްގައި ބައިތިބުމަށްފަހު ޓީމަށް މުޅިން އާ ކުޅުންތެރިޔެއް ކަމުގައިވާ މަހިބަދޫ ސްޕޯޓްސްގެ ޑިފެންޑަރު ސަމޫހް ޢަލީ ޓީމުގައި ހިމެނިގެން ދިއުމެވެ. އެއީ ގައުމީ ޖޯޒީގައި ސަމޫހް ދަނޑަށް ނިކުތް ފުރަތަމަ މެޗެވެ.
ނަމަވެސް އޭނާ ފެނިފައިވަނީ ގައުމީ ޓީމަށް ފައްކާ ކުޅުންތެރިޔެއްގެ ގޮތުގައެވެ. ޕްރެޒިޑެންޓް ކަޕްގެ ފައިނަލް މެޗަށްފަހު ޓީމާއެކު ފުރި ނިއުރޭޑިއަންޓާ މާޒިޔާގެ ބައެއް ޑިފެންޑަރުންގެ ފަރާތުން ވަރުބަލިކަން ފެނުނު އިރު ސަމޫހް ވަނީ މުޅި ޑިފެންސްގައި ރަނގަޅު ފައިޓެއް ދީފައެވެ.
އާ ޑިފެންޑަރެއް ޓީމުގައި ހިމެނި ކުޅުނު ފުރަތަމަ މެޗްގައި ދެއްކި މޮޅުކުޅުމުން ރާއްޖޭގެ ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ވަނީ ސަމޫޙްގެ ކުޅުމަށް ތައުރީފުކޮށްފައެވެ. އެގޮތުން މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނީ ސަމޫހްގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އޭނާއަށް ކެރިއަރުގައި އިތުރު ކުރިއެރުމަށް އެދޭކަމަށެވެ.
#WCQ2018 #BHUvMDV delighted to watch young player #Samooh from #Mahibadhoo "inshaa Allaah" a great career ahead ... @MaldivesFA @fansavees
— ALI SUZAIN (@victorysuzain) October 8, 2015
ގައުމީ ޓީމުގެ ޑިފެންސް ދިހަ އަހަރު ވަންދެން ބެލެހެއްޓި ކުރީގެ ތަޖުރިބާކަރު ޑިފެންޑަރު ސޮބާހް މުޙައްމަދު (ސޮބާ) ބުނީ، މޮޅު ޑިފެންޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ކޮލިޓީ ސަމޫޙްގެ ކިބައިގައި އެބަހުރި ކަމަށެވެ.
އެގޮތުން ރަނގަޅު އިސްކޮޅަކާއި ފިޒިކަލީ ރަނގަޅު ސްޓްރެންތެއް ހުރި އިރު އެކަމަށްދޭ ކޮމިޓްމެންޓް ސޮބާ ވަނީ ފާހަގަކޮށްފައެވެ.
ސޮބާ ބުނީ ސަމޫޙް އަލަށް ގައުމީ ޓީމަށް ނިކުތްއިރު ޕްރެޝަރާ ކުރިމަތިވާ ވަގުތު ސީނިއާ ކުޅުންތެރިންގެ ފަރާތުން ސަޕޯޓު ބޭނުންވާނެ ކަމަށެވެ.
"ބޮޑު މެޗްތަކުގައި ޕްރެޝަރު ވެދާނެ ކޮންމެ ސިޓްއޭޝަނެއްގައިވެސް. ތަޖުރިބާ ހުރި ކުޅުންތެރިންނަށް އެކަން ހޭންޑްލް ކުރެވިދާނެ. ނަމަވެސް އެފަދަ ވަގުތުތަކުގައި ސަމޫޙްމެން ފާދަ އާ ކުޅުންތެރިންނަށް ސީނިއާ ކުޅުންތެރިންގެ ސަޕޯޓް ވަރަށް މުހިންމު،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ ސަމޫހަށް ގިނަ ފުރުސަތުލިބި އޭނާއަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ޑިފެންޑަރަކަށް ވާނެކަމަށެވެ. އަދި ސެންޓްރަލް ޑިފެންޑަރަކަށާއި ޑިފެންސިވް މިޑްފީލްޑަރަކަށްވެސް ސަމޫޙްއަށް ކުޅެވޭނެކަން އޭނާގެ ފަރާތުން އެދުވަހު ފެނުނު ކޮމިޓްމެންޓުންވެސް ފާހަގަ ކުރެވޭ ކަމަށް ސޮބާ ބުންޏެވެ.