ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސެކިއުރިޓީ ބަލަހައްޓަމުންދިޔަ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އެއްފަރާތްކޮށް، އެމަނިކުފާނުގެ ސެކިއުރިޓީއަށް ސިފައިންގެ ތެރޭގައި ހާއްސަ ޑިވިޝަނެއް އުފައްދައިފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގެ ފަހުން އުފެއްދި ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން (ޕީއެސްޑީ)ގެ އިސް ވެރިއަކަށް އައްޔަންކޮށްފައި ވަނީ ކާނަލް އިބްރާހިމް ރަޝީދެވެ.
އެނގިފައިވާ ގޮތުގައި އެސްޕީޖީގެ ވެރިޔަކަށް ހުންނެވި ހުންނެވި ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) މާލެ އޭރިއާގެ ކޮމާންޑަރަކަށް ބަދަލުކުރައްވައި، އެ މަގާމަށް އައްޔަންކޮށްފައި ވަނީ ކާނަލް އަބްދުއްރަހީމެވެ. އޭނާއަކީ ރައީސް ނަޝީދުގެ ސަރުކާރުގައި އެމްއެންޑީއެފްގެ މީޑިއާ އޮފިސަރެވެ.
ފަޔާޒަށް "ސަން"އިން ގުޅާލުމުން އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ނުކުރެއްވި އެެވެ. އަދި އެސްޕީޖީގެ އިސްވެރިޔަކަށް މިހާރު ހުންނެވި އަބްދުއްރަހީމް ވެސް އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ނުކުރެއްވި އެވެ.
ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން (ޕީއެސްޑީ)އަށް ހަށިފާރަވެރިން ނަގާފައި އެސްޕީޖީ ގްރޫޕުގެ ތެރެއިންނެވެ.
ޕީއެސްޑީ އުފެއްދުމާ ގުޅިގެން އެސްޕީޖީން ދެން ސެކިރުރިޓީ ދޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި ކުރީގެ ރައީސުންނާއި ބައެއް ވަޒީރުންނަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ސިފައިންގެ ބައެއް ހަށިފާރަވެރިން ވަނީ އެސްޕީޖީ ގްރޫޕުގެ ތެރޭގައި ފާޑުކިޔާފަ އެވެ. އަދި އެ ފާޑުކިޔުންތައް އަމާޒު ކުރި ބައެއް ހަށިފާރަވެރިން ވަނީ އެކި ސެކްޝަންތަކަށް ބަދަލުކޮށްފަ އެވެ.
ހައްޖުގެ އަޅުކަމަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެ ވަޑައިގެން، ހުޅުލެއިން މާލެއަށް ވަޑައިގަންނަވަނިކޮށް އެމަނިކުފާނު ދަތުރުކުރެއްވި ފިނިފެންމާގައި އެއްޗެއް ގޮވައި ރައީސް އަނބިކަނބަލުން ފާތުމަތު އިބްރާހިމަށް ވަނީ އަނިޔާވެފަ އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކަށް އަދިވެސް ގެންދަވަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުންނެވެ.