މުހްޔިއްދީން ސްކޫލުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރަކަށް ސުޒާން ހޮވިއްޖެ

ރޭ މުހިއްޔިއްދީން ސްކޫލުގައި ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން: ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު ސުޒާން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

މިދިޔަ އަހަރު މުހްޔިއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ސުޒާން ވަހީދު ހޮވިއްޖެ އެވެ.

މުހްޔިއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ސުޒާން ހޮވިފައިވާއިރު އޭނާ ވަނީ އޯލެވެލް އިމްތިހާނުން ރާއްޖޭގެ ގައުމީ ގަދަ 10 ގެ ފަސްވަނައަށް ގޮސްފައެވެ.

ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ފުރިހަމައަށް ސުޒާން ބައިވެރިވެފައިވާއިރު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ގައުމީ ފެންވަރުގައިވެސް ހޯދާފައެވެ.

ރޭ މުހިއްޔިއްދީން ސްކޫލުގައި ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި މުހްޔިއްދީން ސްކޫލުން 41 ދަރިވަރަކު ވަނީ ބައިވެރި ވެފައެވެ. އެ ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރަކު ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފައެވެ. ގައުމީ ގަދަ 10 ގައި ހިމެނިފައިވަނީ އަހުމަދު އަފްސަލް އާއި ހަމްދާ އަބްދުﷲ އާއި އައިޝަތު ފިރާޝާއާއި މަރިޔަމް ސުޒާން އަދި އަހުމަދު ވިޝާހެވެ. އެ ދަރިވަރުންގެ ތެރެއިން ދެވަނައަށް ގޮސްފައިވަނީ އަހުމަދު ވިޝާހު އެވެ.

މިދިޔަ އަހަރު ދަރިވަރުންގެ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ރޭ ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ގްރޭޑް ހަޔަކުން ފެށިގެން ކޮންމެ ކްލާހެއްގެ އެންމެ ރަނގަޅު ދަރިވަރުން ވަނީ ހޮވާފައެވެ.

ރޭ މުހިއްޔިއްދީން ސްކޫލުގައި ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން: ސްކޫލުގެ ގްރޭޑް 10 ގެ ގަދަ 10 ދަރިވަރުން--- ސަން ފޮޓޯ އަހުމަދު ޖައިޝަން

އޭގެ އިތުރުން ގްރޭޑް ހަތަކާއި ގްރޭޑް 10ގެ އެންމެ މޮޅު 10 ދަރިވަރުން ވަނީ ކޮންމެ ގްރޭޑަކުން ހޮވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި އިތުރު ހަރަކާތްތަކުން ވަނަ ވަނައަށް އައި ފަރާތްތަކަށް ވަނީ އިނާމު ދީފައެވެ. އަދި ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ސްކޫލަށް ވަނަތަށް ހޯދައިދީފައިވާ ދަރިވަރުންނަށް ވެސް ރޭގެ ރަސްމިއްޔާތުގައި އިނާމު ދީފައި ވެއެވެ.

އިތުރު ހަރަކާތްތަކުން ވަނަވަނަ ލިބުނު ދަރިވަރުންގެ ތެރޭން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކައުޓަކަށް ހޮވިފައިވަނީ މުހައްމަދު ނައީމް އެވެ. އަދި ގާލް ގައިޑަކަށް ހޮވިފައިވަނީ އައިޝަތު އަނާ ނަސީރެވެ.

ރޭ މުހިއްޔިއްދީން ސްކޫލުގައި ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން: ޝަރަފުވެރި މެހްމާން ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހްމާން ކުއްލިއްޔަތުއް ދިރާސާގެ ކުރީގެ ރެކްޓާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، ވަނަވަނައަށް އައި ފަރާތްތަކަށްވުރެ ބޮޑަށް އެމަސައްކަތްތައް ކޮށްދީ އެކަންތައް ކާމިޔާބުކޮށްދިނުމަށް އެހީތެރިވި ފަރާތްތަށް ކަމަށްވާ ޓީޗަރުންނާއި ބެލެނިވެރިން އުފާވާނެ ކަމަށެވެ.

"މިރޭ ދަރިވަރުންނަށް ލިބުނު ކާމިޔާބީ އަކީ ވަރަށް އުފާވެރި ފުރިހަމަ ކާމިޔާބީއެއް. އެހެންނަމަވެސް ދަރިވަރުންނަށްވުރެ އުފާވާނެ އެހެން ބަޔަކު މިރޭ ތިބޭނެ. އެއީ މުދައްރިސުންނާއި ބެލެނިވެރިން. އެއީ އެމީހުންގެ ބުރަ މަސައްކަތްތަކުގެ އަގުބޮޑު ނަތީޖާ ފެނުނީމަ،" ޒަކަރިއްޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އުއްމީދު ކުރައްވަނީ މިރޭ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ލިބުނު ކާމިޔާބީ އާއެކު އިތުރު ކުރިއެރުންތަކެއް ލިބި މުސްތަގުބަލުގައި އިސް މަގާމުތަކުން ފެނިގެން ދިޔުން ކަމަށެވެ.

comment ކޮމެންޓް