ނިދި މަދުވުމުން އިންސާނާ ޖެހިލުންކުޑަ އަވަސް ނިންމުންތައް ނިންމާ: ދިރާސާ

ނިދިމަދުވުމަކީ ނުވަތަ ޢާންމުކޮށް މަދުން ނިދުމަކީ އަވަސް ނިންމުންތައް ނިންމުމާއި ޖެހިލުންކުޑަ ޤަރާރުތައް ނެގޭގޮތް އިންސާނާއަށް މެދުވެރިވާ ކަމެއްކަމަށް ކަމާބެހޭ ދިރާސާއެއް ބުނެފިއެވެ.

ލަންޑަންގައި ނުކުންނަ ދި އިންޑިޕެންޑެންޓް ނޫހުގައި ޝާއިޢުކޮށްފައިވާ މި ދިރާސާ ބުނާގޮތުން ނިދިމަދުވުމަކީ ކަންކަމާމެދު އިންސާނާ ވިސްނާ ވިސްނުމަށާއި ދެކޭގޮތަށް ބަދަލުތަކެއް އަންނަ ކަމެކެވެ. އާންމުކޮށް މަދުން ނިދާމީހުން އާދަޔާ ޚިލާފަށް އެކްޓިވް ވުމުގެ ފުރްސަތު ބޮޑެވެ. އަދި ކިތަންމެ ބޮޑު އަދި އުނދަނގޫ ކަންކަމާމެދުވެސް މިފަދަ މީހުން ދެކޭނީ ވަރަށް ފަސޭހަ ނަޒަރަކުން ވަރަށް ލުއި ގޮތަކަށެވެ. އެހެންކަމުން މިފަދަ މީހުންނަށް ކަމުގެ ޙަޤީޤީ ބުރަކަމާއި ބުރަދަން އިޙްސާސް ނުކުރެވޭ ގޮތް ދިމާވާކަމަށް މިދިރާސާ ބުނެއެވެ.

މިދިރާސާ ކުރުމުގައި އިސްކޮށް އުޅުއްވި އެމެރިކާގެ ނޯތް ކެރޮލައިނާ ޔުނިވަރސިޓީއާއި އާއި ސިންގަޕޫރު ޔުނިވަރސިޓީގެ ރީސާޗަރުން ވަނީ މަދުން ނިދާމީހުންނާއި ރަނގަޅަށް ނިދާމީހުންގެ ސިކުނޑީގެ ޓެސްޓެއް ހަދާފައެވެ. މިޓެސްޓްގެ ނަތީޖާ ދައްކާގޮތުން ފުރިހަމައަށް ނިދާމީހުންގެ ސިކުނޑީގައި ހިނގާ ޙަރަކާތްތަކަށްވުރެ މަދުން ނިދާމީހުންގެ ސިކުނޑީގައި ހިނގާ ޙަރަކާތްތައް އާދަޔާ ޚިލާފަށް އިތުރެވެ.
ނަތީޖާއަކީ މަދުން ނިދާމީހުނަށް އަވަސް އަދި ކުއްލި ޤަރާރުތައް ނެގޭގޮތްވުމެވެ. އަދި މިފަދަމީހުން ބޮޑެތި އުނދަނގޫ ކަންކަމާމެދުވެސް ދެކޭނީ ވަރަށް ލުއި އަދި ފަސޭހަ ކަމެއްގެ ގޮތުގައެވެ. މިއާ ޚިލާފަށް ނިދި ފުރިހަމަކުރާ މީހުންނަށް ޤަރާރުތައް ނެގެނީ ނުވަތަ ނިންމުންތައް ނިންމެނީ ވަރަށް ބޮޑަށް ވިސްނުނަށްފަހު ތަންކޮޅެއް ލަހުންނެވެ.

އެހެންކަމުން މިފަދަމީހުން ނަށް (ބަރާބރަށް ނިދާމީހުންނަށް) ކަންކަމުގެ ކުޑަ ބޮޑުމިނާއި ލުއި ބަރުމިން ދަނެގަނެ ވަޒަންކުރަން މާބޮޑަށް އެނގެއެވެ.

ނިދި މަދުވުމުން ލިބޭ ގެއްލުންތައް ކޮފީ ބޮއިގެންނާއި ކަސްރަތު ކޮށްގެންނާއި ކުޅެމަޖާކޮށްގެން ފޫ ނުބެއްދޭނެ ކަމަށްވެސް މިދިރާސާ ބުނެއެވެ. -- ދިއިންޑިޕެންޑެންޓް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު