އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ހާރީ އޮމް އެންޓަޓައިންމަންޓުގެ ދަށުން ގިނަ ފިލްމުތަކެއް ޕްރޮޑިއުސް ކުރިޔަސް، ޑައިރެކްޓަރަކަށްވާން ނުވިސްނާ ކަމަށް ބޮލީވުޑްގެ ސުޕަރސްޓާރ އަކްޝޭ ކުމާރު ބުނެފި އެވެ.
ފިލްމީ އިންޑަސްޓްރީގައި މަސައްކަތްކުރާތާ 25 އަހަރު ވެފައިވާ، ފިލްމު "ބޭބީ"ގެ އެކްޓަރު އަކްޝޭ، 48 ބުނިގޮތުގައި އޭނާ ބޭނުންވަނީ ކުރިއަށް އޮތްތަނުގައި ތަފާތު ރޯލުތަކެއް ކުޅެ، ރަނގަޅު ފިލްމުތަކެއް ޕްރޮޑިއުސްކުރާށެވެ.
"ފިލްމީ އިންޑަސްޓްރީގައި ގިނަ އަހަރުތަކެއް ހޭދަކުރެވުނު ކަމުގެ މާނައަކީ އަހަންނަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ ކަމުގެ ހެއްކެއް. ފިލްމީ ދާއިރާގައި ހުރެ، ތަފާތު ރޯލުތަކެއް ކުޅެ ފިލްމުތަކެއް ޕްރޮޑިއުސްކުރުމަށް މަސައްކަތްކުރާނަން. އެކަމަކު އަހަރެން ޑައިރެކްޓެއް ނުކުރާނަން،" އަކްޝޭގެ އެންމެ ފަހުގެ ފިލްމު "ސިންގް އިޒް ބްލިންގް" ގެ ޕްރޮމޯޝަން ހަފްލާއެއްގައި މީޑިއާ އަށް އޭނާ ބުނެފައިވެ އެވެ.
ޕްރަބޫ ދޭވާ ޑައިރެކްޓްކޮށް އަންނަ ހުކުރު ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު، "ސިންގް އިޒް ބްލިންގް" ގައި އަކްޝޭ އާއެކު ފެނިގެންދާނީ އިނގިރޭސި ވިލާތުގެ މޮޑެލް އަދި ބަތަލާ، އެމީ ޖެކްސަން އެވެ. މީގެ އިތުރުން ލީޑް ރޯލުން ދެން ފެނިގެންދާނީ ލާރާ ދައްތާ އާއި ކޭ ކޭ މެނޮން އެވެ.
އަކްޝޭ ބުނިގޮތުގައި، ގައުމުން ބޭރުގެ ތަރިން ގެނައުމަކީ އިންޑިއާގައި ހުނަރުވެރި މީހުން ނެތުން ނޫން ކަމަށާއި އިންޑިއާގެ ބަތަލާއިންނަށް ނުކުޅެވޭނެ މަންޒަރެއް ނޯންނާނެ އެވެ.
"އަހަރެމެންގެ ނައިބް ރައީސް ބޭނުންވަނީ ގައުމަށް ބައިނަލްއަގްވާމީ ކުންފުނިތައް ގެނެސް އިތުރަށް ދިރުވަން. ހަމައެގޮތަށް ފިލްމީ އިންޑަސްޓްރީ ވެސް ބައިނަލްއަގްވާމީކޮށް ގައުމުން ބޭރުން ހުނަރުވެރިން ގެންނަން ބޭނުންވޭ. ބައިނަލްއަގްވާމީ ހުނަރުވެރިން ގެނައުމަކީ ރަނގަޅު ގޮތެއްގެ ގޮތުގައި ދެކެންޖެހޭ،" އަކްޝޭ ބުނެފައިވެ އެވެ.