ކާމިޔާބު ލިބެންދެން ހަނގުރާމަ ކުރައްވާނެ ކަމަށް ވިދާޅުވެ ޤައްޒާފީ ހުޅަނގަށް ގޮންޖައްސަވައިފި

ޓްރިޕޮލީ : ހުޅަނގުގެ ޢުދުވާންގެ ކުރިމަތީގައި ސާބިތުވެ ހުންނެވި ކަމަށާއި ކާމިޔާބު ލިބެންދެން ހަނގުރާމަ ކުރައްވާނެ ކަމަށް ވިދާޅުވެ ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ހުޅަނގަށް ތަހައްދީ ކުރައްވައި ވާހަކަ ދައްކަވައިފިއެވެ.

ހުޅަނގުން ލީބިޔާއަށް ޙަމަލާތައް ދޭންފެށިފަހުން ލީބިޔާގެ ރިޔާސީ އެކުވެނީގައި ހުންނަވައިގެން ފުރަތަމަ ފަހަރަށް ލައިވްކޮށް ދެއްކެވި ވާހަކަފުޅުގައި ހުޅަނގަށް ގޮންޖައްސަވަމުން ގައްޒާފީ ވިދާޅުވީ ލީބިޔާގެ ހުރިހާ ރައްޔިތުންނާއި ދުނިޔޭގެ ކަންކޮޅުތަކުގެ އިސްލާމީ ލަޝްކަރުތައް އޭނާގެ ދިފާޢުގައި ހަނގުރާމަކުރަމުން ގެންދާ ކަމުގައެވެ. އަދި ކުޑަތަންކޮޅެއްވެސް ފަހަށް ނުޖެހޭނެ ކަމަށާއި އާޚިރުގައި އޭނާއަށް ނަސްރު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ގައްޒާފީ އޭނާގެ ޚުދުމުޚްތާރު ވެރިކަން ދިފާޢުކުރައްވުމުގެ ގޮތުން ރައްޔިތުންނާ ދެކޮޅަށް ކުރައްވާ ހަނގުރާމަ ސިފަކުރައްވާފައިވަނީ ޖިހާދެއްގެ ގޮތުގައެވެ. ގައްޒާފީ ދިރިއުޅުއްވާ ބާބުލްޢަޒީޒިއްޔާ ކޭންޕްގައި ހުންނަވައިގެން ލީބިޔާގެ ރަސްމީ ޓީވީ ން ލައިވްކޮށް ދެއްކެވި ވާހަކަފުޅުގައި ހުޅަނގުގެ ޙަމަލާތަކާއެކުވެސް އޭނާ ހުންނެވީ ފޭލިގެކޮޅުގައި ހެޔޮހާލުގައި ކަމަށް ވިދާޅުވިއެވެ. އަދި ހުޅަނގުގެ ޢަސްކަރީ ބާރުދެކެ ބިރުފުޅުވަޑައިނުގަންނަވާ ކަމަށާ ނަމަވެސް ހުޅަނގުގެ ޙަމަލާތަކުން ލީބިޔާ ގެ ރައްތައް އަޅިއަށް ވަމުންދާ ކަމަށް ގައްޒާފީ ވިދާޅުވިއެވެ.
ލީބިޔާގެ މަތީގައި އުދުހުންމަނާ ސަރަޙައްދެއް ޤާއިމް ކުރުމުގެ ނަމުގައި ލީބިޔާއަށް ޙަމަލާދެމުން ގެންދާ އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ރޭ ބުނީ މިޙަމަލާތައް ހުއްޓާލާނެ މުއްދަތެއް ބުނެދޭން ނޭންގޭ ކަމަށާއި ނަމަވެސް މިޙަމަލާތަކުގެ ސަބަބުން ގައްޒާފީގެ ބާރުތައް ބަލިކަށިވަމުންދާ ކަމުގައެވެ. - ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު