އެއްބައެއް ވަންތަ ކަމުގެ ޝުއޫރު ތަކާއި ގާތްކަން ދިވެހިންގެ ދިރިއުޅުމުން މިއަދު ވެސް ފެންނަން ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ. ސިޔާމް މިހެން ވިދާޅުވީ އީދުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވުމަށް ޓަކައި މިއަދު ނެރުއްވި ތަހުނިޔާގެ މެސެޖެއްގަ އެވެ.
ދިވެހި ރައްޔިތުންނަށް ޢީދުގެ ތަހުނިޔާ ފޮނުވަމުން ސިޔާމް ވަނީ، މި ބަރަކާތްތެރި އަޟްހާ އީދުގެ އުފާތައް ހާސިލުކުރަމުން އަންނަ އިރު އަޅުގަނޑުމެންގެ ތެރޭގައި ދަރުމަވެރީންގެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ މަތީން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތައިނުލުމަށް އެދިވަޑައިގެންފަ އެވެ. އަދި މި ޢީދުގެ އުފާތަކުގައި މިދެންނެވި އެންމެހާ ފަރާތްތައް ޝާމިލުވާ ގޮތުން ޢީދުގެ އުފާތައް ފާހަގަކުރުން މުހިންމު ކަމުގައި ސިޔާމްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ސިޔާމް ވިދާޅުވީ، މިފަދަ އުފާވެރި އީދެއްގެ އެންމެ މަތިވެރި އުފާ އެންމެ ހެޔޮ ގޮތުގައި ލިބިގަންނަ ހިނދު، ދިވެހި ލޮބުވެތި އެންމެހާ އުޚުތުންނާއި އަޚުންގެ މެދުގައި ޒަމާނުއްސުރެ އުފެދި އާރޯވަމުން ދިޔަ އެއްބައެއް ވަންތަ ކަމުގެ ޝުއޫރު ތަކުގެ އިހުސާސް މިއަދު ވެސް ކުރެއްވޭ ކަމަށެވެ. އެއީ ތަފާތު ފިކުރެއް އަދި ޒާތީ ތައައްސުބެއް ނެތި ނިޔަނެތި ކަމާއެކު ގުޅި ލާމެހިގެން އުޅުނު ހިތްހެޔޮ، އެކަކު އަނެކަކާ އަޅައިލާ ދިރިއުޅުމެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.
މިދެންނެވި އުފާވެރިކަމާއި ގާތްކަން އަޅުގަނޑުމެން ދިވެހީންގެ ދިރިއުޅުމުން މިއަދު ވެސް ފެންނާން ޖެހޭ ކަމަށާއި އޭރު ވެސް އަދި މިހާރު ވެސް އަޅުގަނޑުމެންގެ މިސްރާބު އަމާޒަށް ތެދުކޮށްދިން އެންމެ މަތިވެރި އަސާސަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި މިއަދު ވެސް އަޅުގަނޑުމެން ދިވެހީން ސާބިތުވެ މި ތިބީ އެ މަތިވެރި އަޤީދާގެ ތަރަހަ މަތީގައި ކަމަށް ވީހިނދު، މި އީދުގެ އުފާތައް އަޚުވަންތަ ކަމުގައި ފާހަގަކުރަމުން ގެންދިއުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް ސިޔާމް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
"އަޅުގަނޑުގެ އިޚުލާސްތެރި ހެޔޮ ދުޢާ އަކީ މި ބަރަކާތްތެރި އީދުގެ އުފާތައް އިސްލާމީ އިމުން ބޭރު ނުވެ، އަޚުވަންތަ ކަމާ އެކު ކުރިޔަށް ގެންދިއުމުގެ ހެޔޮވިސްނުން މާތްﷲ އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވައި މި މަތިވެރި މަގާމުގައި އަޅުގަނޑުމެންނަށް ސާބިތުކަން ދެއްވުމެވެ." ސިޔާމްގެ މެސެޖު ނިންމަވައިލައްވަމުން ވިދާޅުވެފައިވެ އެވެ.