16 އަހަރުން ދަށުގެ ޓީމް ފަލަސްތީނުގައި ތިބީ ހިތްހަމަޖެހިގެން

16 އހަރުން ދަށުގެ ގައުމީ ޓީމްގެ ކޯޗް ޝާޑް ކުޅުންތެރިންނަށް އިރުޝަދު ދެނީ. އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ވާދަކުރުމަށް ފަލަސްތީނުގައި ޓޫީމް ތިބީ ހިތްހަމަޖެހިގެން --- ފައިލް ފޮޓޯ/ ގައުމީ ޓީމް

ފަލަސްތީނުގައި ކުރިއަށްދާ އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގެ ގުރޫޕް 'އޭ' ވާދަކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކުޅުންތެރިންގެ ކަންކަން ރަނގަޅުކަމަށާއި ކުޅުންތެރިންނާއި މުޅި ޓީމްވެސް ފަލަސްތީނުގައި ތިބީ ހިތް ހަމަޖެހިގެން ކަމަށް ޓީމުން ބުނެފި އެވެ.

ފަލަސްތީނުގެ ރާމަﷲގައި ހުރެ ސަންއާ ވާހަކަ ދައްކަމުން ޓީމްގެ އޮފިޝަލެއް ކަމުގައިވާ ޙަސަން އަޝިޔަމް ބުނީ ޓީމްގެ ހުރިހާ ކުޅުންތެރިން ވެސް ފިޓްކަމަށާއި ފަލަސްތީނުގައި ތިބެން ޖެހުމަކުން ޓީމްގެ ކުޅުންތެރިންނަށް މެންޓަލީ އަސަރުތަކެއް ނުކުރާ ކަމަށެވެ.

"ކުޅުންތެރިން މެންޓަލީ ފިޓް. ކުޅުންތެރިން ތިބީ މެޗްތަކަށް ތައްޔާރުވެގެން. މިތަނުގައި ތިބެން ޖެހުމަކުން މައްސަލަތަކެއް ދިމާނުވޭ،" އަޝިޔަމް ބުންޏެވެ.

އެފްއޭއެމް އިން ވަނީ އުރީދޫއާ ގުޅިގެން ޓީމާއެކު ފަލަސްތީނަށް ފުރި 24 ކުޅުންތެރިންގެ ބެލެނިވެރިންނަށް މުބާރާތުގައި ފަލަސްތީނުގައި ތިބޭ ދުވަސްތަކުގައި ހިލޭ ގުޅޭނެ ގޮތްތަކެއް ހަމަޖައްސައި ހިލޭ ގުޅޭނެ ސިމްތަކެއް ހަވާލުކޮށްފަ އެވެ.

ކޮލިފައިންގައި މިދޔަ ބުދަ ދުވަހު ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އުޒުބްކިސްތާން އަތުން ބަލިވިއރު އިއްޔެ ޔަމަން އަތުން ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗްގައި ބައްދަލު ކުރާނީ މުބާރާތް ބާއްވާ ގައުމު ފަލަސްތީނާ ދެކޮޅަށެވެ.

comment ކޮމެންޓް