ފަންސާސް މެގަވޯޓުގެ ކަރަންޓު މަޝްރޫއު ހުޅުމާލެއަށް ބަދަލުކޮށްފި

ސްޓެލްކޯގެ ފޯތް ޕަވާ ޕްރޮޖެކްޓްގެ ދަށުން ބެހެއްޓި ޖަނަރޭޓަރުތައް: މާލެ އަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ސުޓެލްކޯއިން ކުރިއަށް ގެންދިއުމަށް ނިންމި 50 މެގަވޯޓުގެ ކަރަންޓު މަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރަން އެކުންފުނިން މިހާރު ވަނީ ނިންމާފައި--ސަން ފައިލް ފޮތޯ

ޗައިނާގެ ޑޮއެންގް ސެންގް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ސްޓޭޓު އިލެކުޓުރިކު ކޮމްޕެނީ (ސްޓެލްކޯ) އިން ފެށި 50 މެގަވޯޓުގެ ކަރަންޓު މަޝްރޫއު ހުޅުމާލެއަށް ބަދަލުކޮށްފި އެވެ.

ސްޓެލްކޯގެ އިންޖިނިއަރު އަބްދުއް ރައޫފު މިރޭ "ސަން" އަށް ވިދާޅުވީ މީގެކުރިން އެ މަސައްކަތް މާލޭގައި ކުރަން ހަމަޖައްސައިފައިވީ ނަމަވެސް ހުޅުމާލެއަށް އެ މަސައްކަތް ބަދަލު ކުރުމުން މަސައްކަތް ފެށުން ލަސްވެގެން ދާނެ ކަމަށެވެ. އަދި ސްޓެލްކޯއާ އިންވެގެން ހުންނަ ގާކޮށީގައި ހުރި ޖަނެރޭޓަރުތައް ހުޅުމާލެއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައޫފު ވިދާޅުވި އެވެ.

ހުޅުމާލެއަށް ބަދަލު ކުރާ ޖަނެރޭޓަރުތަކުން މާލެއަށް ކަރަންޓު ދެވޭނީ މާލެއާ ހުޅުމާލެއާ ދޭތެރޭ އަޅާ ބުރިޖު ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ހުޅުމާލޭގައި މި ޖަނަރޭޓަރުތައް ބަހެއްޓުމުން ދެން މާލެއަށް އެ ޖަނަރޭޓަރުތަކުން ކަރަންޓު ދެވޭނީ ކޮންމެ ގޮތެއް ވިއަސް މި ބުނާހެން ބުރިޖުގެ މަސައްކަތް ނިމުމުން. އެއީ ބުރިޖުގެ ތެރެއިން އަޅާ ކޭބަލުން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނީ،" ރައޫފު ވިދާޅުވި އެވެ.

އެ މަސައްކަތަކީ 90 މިލިއަން ޑޮލަރުގެ މަޝްރޫއު އެކެވެ. ސުޓެލްކޯއިން މީގެކުރިން ބުނެފައި ވަނީ އެ މަޝްރޫއަކީ ކަރަންޓު ހިދުމަތް ދިނުމަށް އެކުންފުނިން ހިންގާ ފަސް ވަނަ މަޝްރޫއު ކަމަށެވެ. އަދި 50 މެގަވޯޓުގެ މަޝްރޫއު އަކީ އެގޮތުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށް ވެސް ސުޓެލްކޯއިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް