ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމް ކުރުމަށް މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑާ ހަވާލު ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެ ކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯއްދަވައިދެއްވާފައިވާ ކަމަށް ބުނެ ކުރީގެ ކޮންޓްރޯލާ އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ހާޒިރުކުރަން ނިންމައިފި އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ، އީދު ބަންދަށްފަހު ބާއްވާ ޝަރީއަތުގެ މަޖިލީހަށް އަބްދުﷲ މުއިއްޒު ހާޒިރުކުރައްވާނެ ކަމަށެވެ.
އޭނާ ޝަރީއަތަށް ހާޒިރުކުރަނީ އިލްޔާސްގެ ފަރާތުން މިއަދު ޝަރީއަތުގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މައުލޫތު ސާފުކުރުމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިލްޔާސްގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް ސޮއިކުރި އެގްރީމެންޓަކީ ފިނޭންސް މިނިސްޓްރީން އިމިގްރޭޝަނަށް ފޮނުވި އެއްޗެއް ކަމަށެވެ. އަދި އެކަމުގެ ތަފްސީލު ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ތަހުގީގަށް ދެއްވާފައިވާ ބަޔާނުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ ދެންއޮންނަ ޝަރީއަތުގެ މަޖިލީހަކަށް އަބްދުﷲ މުއިއްޒު ހާޒިރުކުރާނަން. އަބްދުﷲ މުއިއްޒުގެ އެޑްރެސް ކޯޓަށް ހުށަހަޅުއްވާ،" ގާޒީ ބާރީ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ދައުލަތުގެ ވަކީލާ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން އިލްޔާސް ސޮއިކުރެއްވި ބޯޑާ ކޮންޓްޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ އެގްރީމެންޓަށް އަމަލުކުރިތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
އޭގެޖަވާބުގައި ދައުލަތުގެ ވަކީލާ މަރިޔަމް ފެޒްލީން ވިދާޅުވީ، އެ އެގްރީމެންޓަށް އަމަލުކުރަން ފެށިކަމެއް ނުވަތަ ނޫންކަމެއް އޭނާއަށް އެނގިފައިނުވާ ކަމަށެވެ.
މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އިލްޔާސް ނާޖާއިޒް ފައިދާ ހޯދައިދިނީ ކާކަށްތޯ ވެސް ގާޒީ ދައުލަތާ ސުވާލު ކުރެއްވި އެވެ.
އޭގެޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އެގްރީމެންޓުގައި ސޮއިކުރުމުން އެއޮތީ ނާޖާއިޒް ފައިދާ ހޯދައިދެވިފައި ކަމަށެވެ.
ބޯޑާ ކޮންޓްރޯލް ގާއިމްކުރުމުގެ އެގްރީމެންޓުގައި ސޮއިކުރުމުން އޭގެ ނަތީޖާ ނުކުތީ ކިހިނެތްތޯ ގާޒީ ދެންނެވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެކަމުގެ ތަފްސީލު ނޭނގޭ ކަމަށެވެ.
"ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ކުރިކަމެއް އަޅުގަނޑަކަށް ނޭނގެ. އެހެންނަމަވެސް ބޯޑާ ކޮންޓްރޯލް ގާއިމް ކުރުމުގެ އެގްރީމެންޓުގައި ސޮއިކުރީމަ އެއޮތީ ނާޖާއިޒު ފައިދާ ހޯދައިދެވިފަނޫންތޯ،" ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
ދައުލަތުން އިލްޔާސްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލާފައި ވަނީ ދެ ކަމެއްގެ މައްޗަށް ބިނާކޮށެވެ. އެއީ އެގްރީމެންޓުގައި ސޮއިކުރުމުގެ ކުރިން ނެކްސް ބިޒުން ހުށަހެޅި ޕްރޮޕޯސަލްގައި ބޯޑާ ކޮންޓްރޯލްގެ ޕްރޮޖެކްޓް ކާމިޔާބު ކުރެވިއްޖެނަމަ 29 ސްކޯލާޝިޕާއި 200،000 އައިޑީކާޑު ހިލޭ ފޯރުކޮށްދޭނެ ކަމަށް ބުނެފައިވީނަމަވެސް، އެގްރީމެންޓުގައި ސޮއިކުރިއިރު އެކަން ހިމަނާފައިނުވާތީ އެވެ.