އެހެން ރަށަކަށް ބަދަލުވުމުންދޭ އިނާޔަތް ބޮޑުކޮށް ދިނުމަށް ގާދޫ ރައްޔިތުން އެދިއްޖެ

ލ. ގާދޫ --- ފޮޓޯ: ފްލިކާ.ކޮމް

ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ލ. ގާދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރަން ހަމަޖައްސާފައިވާތީ ބަދަލުކުރާ ކޮންމެ ގެއަކަށް ދޭ ފަންސާސްހާސް ރުފިޔާގެ އިނާޔަތް އެއްލައްކަ ރުފިޔާއަށް ބޮޑުކޮށްދިނުމަށް ގާދޫ ރައްޔިތުން އެދިއްޖެ އެވެ.

އިނާޔަތް ބޮޑުކޮށް ދިނުމާށާއި އަދި ބައެއް އެހެން ޑިމާންޑްތަކަކާކު ގާދޫ ކައުންސިލުން ރައީސް އޮފީހަށާއި، ހޯމް މިނިސްޓްރީ އަދި ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

ގާދު ކައުންސިލްގެ ރައީސް އަބުދުލް އަޒީޒް މިރޭ ސަން އަށް ވިދާޅުވީ ގާދޫގެ 80 ޕަސެންޓް ރައްޔިތުންގެ ސޮޔާއެކު ހަތަރު މުއައްސަސާއަކަށް ޕެޓިޝަން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ޕެޓިޝަނުގައި ހުރި ޑިމާންޑްތަކެއް އަޒީޒް ވިދާޅެއް ނުވެ އެވެ.

އެނގިފައިވާ ގޮތުން އެ ޕެޓިޝަނުގައި ގާދޫ ރައްޔިތުން ކޮށްފައިވާ ޑިމާންޑްތަކުގެ ތެރޭގައި ގާދޫގައި ރެޖިސްޓްރީ ކޮށްފައިވާ ކޮންމެ ގެއަކަށް ގެއެއް ދިނުމާއި ގާދޫ ރައްޔިތުން ބަދަލުވުމަށް އެދިފައިވާ ރަށްރަށުން އެރަށުގެ މީހުން އެއްސަރަހައްދަކަށް ބަދަލުކޮށްދިނުމަށް ވަނީ ހުށަހަޅާފަ އެވެ.

ގާދޫގެ ރައްޔިތުން ބަދަލުކުރުމަށް ސަރުކާރުން ނިންމާފައި ވަނީ ލ. ފުނަދޫ އަށެވެ. އާބާދީގައި 427 މީހުން ތިބި އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރަން ނިންމާފައިވާ އިރު، ސަރުކާރުން ވަނީ އެރަށުގެ އުމްރާނީ ތަރައްގީއަށް ކުރާ މަސައްކަތްތައް ހުއްޓާލަން އަންގާފަ އެވެ.

comment ކޮމެންޓް