ލީބިޔާގެ މަތިން އުދުހުން މަނާ ސަރަހައްދެއް ޤާއިމްކުރުމަށާއި އެ ގައުމުގެ ރައްޔިތުން ހިމާޔަތް ކުރުމަށް ގޮވާލާ ޤަރާރެއް އދ. އިން ފާސްކޮށްފި

ނިޔުޔޯކް : ލިބިޔާގެ ޒަޢީމް މުއައްމަރުލްގައްޒާފީގެ ބާރުތަކުން ދެމުންގެންދާ ޙަމަލާތަކުން ލީބިޔާގެ ރައްޔިތުން ޙިމާޔަތްކުރުމުގެ ޤަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުގެ އަޣްލަބިއްޔަތުން ދާދި ދެންމެ އަކު ފާސްކޮށްފި އެވެ.

މިޤަރާރު ގޮވާލަނީ ލީބިޔާގެ މަތީގައި އުދުހުން މަނާ ސަރަހައްދެއް ޤާއިމްކުރުމަށާއި ލީބިޔާގެ ޢާންމު ރައްޔިތުން ޙިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށެވެ. ނަމަވެސް ލީބިޔާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ވައިގެ ދަތުރުތައް ލީބިޔާއަށް ކުރުން މިޤަރާރު ހުއްދަކުރެ އެވެ.

މިޤަރާރުގައި ލީބިޔާގެ މަދަނީ ބޯޓުތައް ވެސް އެހެން ޤައުމަކަށް ދަތުރުކުރުމާއި އެހެން ޤައުމެއްގެ މަދަނީ ބޯޓުތައް ވެސް ލީބިޔާއަށް ދަތުރުކުރުން މަނާކޮށްފައިވެ އެވެ. އަދި ލީބިޔާގެ ރައްޔިތުންނަށް ބޭނުންވެފައިވާ އިންސާނީ އެހީ އަވަސް ގޮތެއްގައި ފޯރުކޮށްދިނުމަށާއި މިފަދަ އެހީތައް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވެފައިވާ ހުރިހާ ހުރަސްތަކެއް ނައްތާލުމަށް ވެސް މިޤަރާރު ގޮވާލައެވެ.

ލީބިޔާއަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމަށް މީގެ ދެ ހަފްތާ ކުރިން ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރު ހަރުކަށި ކަމާއެކު ތަންފީޒު ކުރުމަށް ވެސް މިއަދު ފާސްކުރި ޤަރާރު ގޮވާލައެވެ.

މީގެ އިތުރުން ގައްޒާފީގެ ސަރުކާރަށް ނިސްބަތްވާ ލީބިޔާގެ ކުންފުނިތަކާއި ބޭންކްތަކުގެ އެސެޓްތައް ހިފެހެއްޓުމަށާއި ގައްޒާފީގެ އަރިސް މަސްއޫލުވެރިންގެ ތެރެއިން އެތަށް މަސްއޫލުވެރިއެއްގެ މުދަލާއި ފައިސާ ގަނޑު ކުރުމަށާއި އެފަރާތްތައް ބޭރު ޤައުމުތަކަށް ދަތުރުކުރުން މަނާކުރުމަށް ވެސް މިޤަރާރު ގޮވާލަ އެވެ. މިޤަރާރު ފާސްކުރުމާ އެކު މީގައިވާ ކަންތައްތައް ތަންފީޒުކުރެވޭ މިންވަރު ބެލުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫންވަނީ ތަޖްރިބާކާރުންގެ ކޮމިޓީ އެއް އެކުލަވާލައްވާފަ އެވެ.

މިޤަރާރު ފާސްކުރުމާ ގުޅިގެން އެމެރިކާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުން ވަނީ މިޤަރާރުގައި ބުނާކަންތައްތައް ތަންފީޒުކުރުން އަވަސް ކުރަންޖެހިފައިވާ ކަމަށް ބުނެފަ އެވެ. މިޤަރާރުގެ ދަށުން ލިބިޔާ އަށް ބޭރުގެ އެއްވެސް ބާރެއް ވަނުމުގެ ފުރުސަތު ނެތް ކަމަށާއި އެކަން ނުކުރާނެ ކަމުގެ ޔަގީންކަން ދުނިޔޭގެ ބޮޑެތި ބާރުތަކުން ވަނީ ދީފަ އެވެ.

ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ގައްޒާފީގެ ކިބައިން ލީބިޔާގެ ރައްޔިތުން ޙިމާޔަތް ކުރުމަށް ބޭރުގެ، އެއްގަމު ބާރެއް ލީބިޔާ އަށް ވަނުން ޤަބޫލު ނުކުރާނެ ކަމަށް ބުނެފަ އެވެ.

އަދި ލީބިޔާގެ މަތިން އުދުހުން މަނާ ސަރަޙައްދެއް ޤާއިމްކޮށް އެކަން ތަންފީޒު ކުރެވިއްޖެނަމަ ގައްޒާފީގެ ބާރުތައް ބަލިކޮށްލުމަށް މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ވެސް ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު