Sun Online
ސޮފޫ އާއި އަލީފް: ދެމެފިރިންގެ ދިރިއުޅުމުން ބައިވަރު ވާހަކަތަކެއް ކިޔައިދޭ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސޮފޫ އާއި އަލީފް: ދެމެފިރިންގެ ދިރިއުޅުމުން ބައިވަރު ވާހަކަތަކެއް ކިޔައިދޭ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަޑުނީވުނަސް ވާހަކަ ނުދެއްކުނަސް މި ދެމަފިރިންގެ ދިރިއުޅުން މާ ފުރިހަމަ!

ހުސައިން ހަސަން
ލިޔުނީހުސައިން ހަސަން

ފުވައްމުލަކުން: ހުސައިން ހަސަން

ފުވައްމުލަކު، މިސްކިތްމަގު، އާފް، އަހުމަދު އަލީފު އަލީއަކީ ވާހަކަ ނުދެއްކޭ ކުއްޖަކަށް ވުމަކުން އޭނާ މުޖުތަމައުއިން ބާކީއެއް ނުވެ އެވެ. ދިރިއުޅުމުން އެއްވެސް ކަމެއް އުންޏެއް ނުވެ އެވެ. ދިރިއުޅުމުގެ އެންމެ މުހިއްމު މަގާމަށް އޭނާ ވާސިލުކޮށް ދިނުމަށް ޓަކައި އާއިލާއިން ނިންމައިގެން ތިބީ ވަކި ކުއްޖަކާ އޭނާ ކައިވެނި ކުރުވާށެވެ. އެއީ އޭނާ އަށް ވެސް ލިބޭނެ އެންމެ ބޮޑު އުފާ ކަމުގައި ދެކޭތީ އެވެ. ޒުވާން އުމުރަށް އެޅި އިރު ވެސް އާއިލާގެ އެ ނިންމުން އޮތީ އަލީފަށް ނާންގަ އެވެ. އަލީފް ފަދަ ކުއްޖަކަށް ރާއްޖެ އިން ދެވެން އޮތް ތައުލީމެއް އުނގަންނައި ދިނުމަށް ފަހު އާއިލާ އިން މިސްރާބު ޖެހީ އޭނާގެ ޒަވާޖީ ހަޔާތް ފަށައިދޭށެވެ.

"އެއް ދުވަހު އަލީފު އަހަރެން ކައިރީގައި މި އަހަނީ މަންމައަށް ރަނގަޅު ވާނީ ކޮންކަހަލަ ކުއްޖަކާ އަލީފު އިނިއްޔާހޭ. ބުނީމާ އަޅުގަނޑު ބުނިން ދަރިފުޅު ބޭނުން ވަނީ ކޮންކަހަލަ ކުއްޖަކާ އިންނަންހޭ. ބުނީމާ އަލީފު ބުނީ އަހަރެން ކަހަލަ ކުއްޖަކާ އިންނަންށޭ ބޭނުން ވަނީ. އެކަމަކު މަންމަމެން ހިތްހަމަ ނުޖެހޭނެއެއް ނޫންހޭ،" އަލީފުގެ މަންމަ ފާތުމަތު މޫސާ ބުންޏެވެ.

އަލީފު މަންމައަށް އަލީފާ ވާހަކަ ދައްކަނީ: މަންމަގެ ވާހަކަ ދައްކާއިރު އަނގައަށް ބަލައިގެން، ދައްކާ ވާހަކަ އަލީފު ދެނެގަނޭ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްތިފާގަކުން އަލީފު އިންނަން ބޭނުންވެގެން އުޅެނީ އާއިލާއިން ވެސް އޭނާ ކައިވެނި ކުރުވަން އުޅޭ ކުއްޖާއާ އެވެ. އެއީ ވެސް އަލީފު ކަހަލަ ކުއްޖެކެވެ. ވާހަކަ ދެއްކުމާއި އަޑުއިވުމުން މަހުރޫމްވެފައިވާ ކުއްޖެކެވެ. އެ ވާހަކަ މަންމަ ކައިރީގައި ބުނީ އާއިލާއަށް ސިއްރުން އެ ކުއްޖާއާ ރައްޓެހިވެގެން އުޅޭތާ އަހަރެއް ފަހުންނެވެ. ދެ މީހުންގެ ދެމެދުގައި ލޯބި ވެވި، ކައިވެންޏަށް ތިބީ ފައްކާވެފަ އެވެ. މަންމައަށް ލިބުނު އުފަލެއް ބުނާކަށް ވެސް ނޭނގުނެވެ. އުފަލުން ލޮލުން ކަރުނަ ހިލުނެވެ.

އާއިލާގެ އެއްބާރުލުމާ އެކު ދިރިއުޅުގެ ރާހަތު އަލީފަށް ލިބުނީ އަދި ކިރިޔާ އެވެ. އޭނާގެ ބައިވެރިޔަކަށްވީ މި ރަށު، މާލެގަން، ބްލޫޖައްވު، ސަފްވާ އަހުމަދު (ސޮފޫ) އެެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޖަމާލުއްދީން ސްކޫލުން ސޮފޫ ވަނީ އޯލެވެލް ފުރިހަމަކޮށް، ރަނގަޅު ނަތީޖާއަކުން އާއިލާ ހެއްވާލާފަ އެވެ. ނަމަވެސް އެ ނަތީޖާއާ މެދު ސޮފޫ އެހާބޮޑަކަށް ހިތްހަމައެއް ނުޖެހެ އެވެ. ސޮފޫ ހިތްހަމަޖެހެނީ ހަމައެކަނި ފާސްވުމެއް ނޫނެވެ. އެންމެ މަތީ ދަރަޖަ ލިބުމެވެ.

ސޮފޫ އާއި އަލީފުގެ ކައިވެންޏަށް މިހާރު އަށް މަސް ވެއްޖެ އެވެ. ދެ މީހުން ވެސް ވަނީ ދިރިއުޅުގެ ބޮޑު ޒިންމާއަކާ ދިމާލަށް މިސްރާބު ޖަހައިފަ އެވެ. އެ ދެމެފިރިންގެ ލޮލުގެ ކޮއި ފަދަ ތުއްތު ކުއްޖަކަށް ބޭނުންފެފައި ތިއްބައި ސޮފޫ ބަލިވެއިނދެއްޖެ އެވެ. މިހާރު ބަނޑަށް ދެ މަހެވެ.

އަޑުއިވުމުންނާއި ވާހަކަ ދެއްކުމުން މަހުރޫމްވެފައިވާ އަލީފުގެ ދެމަފިރިން އިޝާރާތުން ވާހަކަ ދައްކަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ އާއިލާ އަނެއްކާވެސް ހެއްވާލި ޚަބަރެކެވެ. ދެމަފިރިންގެ ފަރާތުން ފެންނަމުން އަންނަ ލޯބި ދަމަހައްޓަން އާއިލާ އިންދޭ އެއްބާރުލުމަށް އަދިވެސް ބަދަލެއް ނާދެ އެވެ. އާމްދަނީ ހޯދުމަށް އަލީފު ވަޒީފާ އަދާ ކުރަނީ ފުވައްމުލަކު އެއާޕޯޓުގަ އެވެ. އެތަނުގެ ވަޒީފާ އަލީފަށް ލިބުނީ ސަބަބެއް ނެތިއެއް ނޫނެވެ.

"އަލީފަކީ މޮޅު ކުއްޖެއް. އެކަން ތިޔަ ބޭފުޅުންނަށް ވެސް އިނގޭނެ އޯލެވެލް ނަތީޖާ އިން. އެކައުންޓާއި ހިސާބު އެއީ އޭނަގެ ފޭވަރިޓް މާއްދާތައް. އެ މާއްދާތަކުން ވެސް ވަނީ ނަތީޖާ ރަނގަޅުކޮށްފައި، މޮޅު ކުއްޖެއް ވީމާ އަޅުގަނޑުމެން ޓީޗަރުންގެ އަޅާލުން ވަރަށް ބޮޑަށް ބޭނުންވާނެ. ދަރިވަރުންގެ ފަރާތުން ވެސް އެ އެއްބާރުލުން އޭނާއަށް ވަނީ ލިބިފައި،" ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި އަލީފަށް ކިޔަވައިިން ޓީޗަރެއް ކަމަށްވާ އަސްރާރު އިބްރާހިމް ވިދާޅުވި އެވެ.

އަސްރާރު ވިދާޅުވި ގޮތުގައި އަލީފަކީ މޮޅު ކުއްޖަކަށްވުމުގެ އިތުރުން އަހުލާގު ވެސް ރަނގަޅު ކުއްޖެކެވެ. އޯލެވެލް ނިމެންދެން ކޮންމެ އަހަރަކު ވެސް އަހްލާގީ ގޮތުން މޮޅު ދަރިވަރުގެ އިނާމް އަލީފު ހޯދަ އެވެ.

އަލީފަކީ އަހުލާގީ ގޮތުންނާއި ތައުލީމުގެ އިތުރަށް އެހެން ހުނަރެއް ވެސް އޭނާ އަށް ލިބިފައިވާ ކުއްޖެކެވެ؛ ގްރެފިކްސް ޑިޒައިންގެ ދާއިރާއިން މޮޅެތި އުފެއްދުންތައް އޭނާ ވަނީ ތައްޔާރުކޮށްފަ އެވެ. އޭނާ ތައްޔާރުކޮށްފައިވާ ގްރެފިކްސް ބައެއް ވީޑީއޯ ކްލިޕްތަކަކީ ފުވައްމުލަކުގެ ޒުވާނުންގެ މެދުގައި މަޝްހޫރު ކްލިޕްތަކެކެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެހާ ބާރަށް އެ ވީޑިއޯތައް ހިނގަ އެވެ.

އަލީފު އެޑިޓްކޮށް، އެނިމޭޓްކޮށްފައިވާ ވީޑީއޯއެއް:

އޭނާގެ އެހުނަރުގެ މޮޅުކަން ދައްކުވައިދެނީ އެމްއެންޑީއެފާއި ކައުންސިލާއި ގުޅިގެން މި ރަށުގައި ބޭއްވި މަލްޓި މީޑިއާ ކޯހުން އޭނާ އެއް ވަނަ ހޯދުމުންނެވެ. އެ ކޯހުން އެއްވަނަ ހޯދުމުން އޭނާގެ ހުނަރުގެ ގާބިލު ކަމަށް ހިތްވަރު ދެއްވައި އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވަނީ ސެޓްފިކެޓް ދެއްވައި، ފުވައްމުލަކުން ރަނގަޅު ވަޒީފާއެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ކާނަލް ނާޒިމް މިނިސްޓަރުކަމުން ވަކިވުމުގެ ކުރިން އޭނާ ވަނީ އެ ވައުދު އަލީފަށް ފުއްދައިދީފަ އެވެ. އެއީ ފުވައްމުލަކު އެއާޕޯޓުގެ ވަޒީފާ އެވެ.

އަލީފުގެ އޮތީ އެންމެ ޝަކުވާއެކެވެ. އެއީ އޭނާ ވަޒީފާގައި އުޅެން ޖެހޭ ވަގުތު އިތުރުވެ، ލޯބިވާ އަންހެނުންނަށް ދެވޭ ވަގުތު މަދުވުމުގެ ޝަކުވާ އެވެ. ނަމަވެސް އެ އާ އެކު ވެސް ގިނަ އިރު މަސައްކަތްކޮށްގެން، ގިނަ އާމްދަނީ ހޯދައިގެން ދިރިއުޅުން މުއްސަނދި ކުރަން ވެސް އޭނާ ބޭނުންވެ އެވެ. އަލީފަށް މަހެއްގެ މައްޗަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ 4000 ރުފިޔާ ވަރެވެ.

"އަބަދު އުޅެނީ ވަޒީފާގައި. ވަރަށް ދެރަވޭ އަހަރެން. ފޫހިވެފައި ގޭތެރޭގައި މި އިންނަންޖެހެނީ. އެހާ ގިނަ އިރު މަސައްކަތްކޮށްފައި އެނބުރި އަލީފު ގެއަށް އަންނައިރު، ހުންނަނީ ވަރަށް ވަރުބަލިވެފައި. ދެން އަޅުގަނޑު ވެސް ބޭނުމެއް ނުވާނެދޯ އަލީފަށް އެހާ މަސައްކަތް ބުރަކޮށް އުޅެފައި އަހަންނަން އުފާ ދޭކަށް. ދެރަވޭ މިހެންވާތީ،" އަނބިމީހާ ސޮފޫގެ އިޝާރާތުން ކިޔައިދިން ވާހަކަތައް ތަރުޖަމާ ކުރަމުން ސޮފޫގެ ކޮއްކޮ ޖަސްރާ އަހުމަދު ބުންޏެވެ.

"އެހެން މީހުން ވެސް ހިނގާލަން ގޮސް ސައިކަލުގައި ބުރުޖަހާލަންދާ ގޮތަށް އަހަރެން ވެސް ދާން ބޭނުންވޭ. އަދި ރެސްޓޯރަންޓުތަކަށް ގޮސް ހިތްއުފާކޮށްލަން ބޭނުންވޭ. ނަމަވެސް އެކަން ވެސް ނުވެފައި އޮންނަނީ އަލީފުގެ ވަޒީފާގެ ވަގުތު ދިގުވުމުގެ ސަބަބުން."

އިޝާރާތުން މުއާމަލާތް ކުރުމުގައި ސޮފޫގެ ދައްތަ (ކ) ސަންގެ ނޫސްވެރިންޔާ ހުސައިންއަށް އެހީތެރިވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއީ އަޅުގަނޑަށް ވެސް އަޑުއަހަން ދަތިވި އިހްސާސެކެވެ. އަނބިމީހާ އަށް ދޭން ޖެހޭ ލޯބި ދިނުމުގެ ހުރަހަކަށް އެއްވެސް ކަމެއް ވެގެން ނުވާނެ އެވެ. ހާއްސަކޮށް އަލީފު ފަދަ އަޑުއިވުމުން މަހުރޫމްވެފައިވާ ޒުވާނެއްގެ ފަރާތުން ލޯބިވާ އަނބިމީހާ އަށް އެފަދަ "އަނިޔާއެއް" ދެވިގެންނުވާނެ އެވެ.

ސޮފޫއާ އަލީފުގެ ދިރިއުޅުމުން ފެންނަނީ ލޯތްބާއި އޯގާތެރިކަމާއި ކުލުނެވެ. އެކަކު އަނެކަކު ދެކެވާ ލޯބި އެ މީހުންގެ އިޝާރާތުގެ ވާހަކަތަކުގެ ތެރެއިން ވަރަށް ސާފުކޮށް ފެނެ އެވެ. ސޮފޫ ގޭތެރޭގެ ހުރިހާ ކަމެއްގައި މަންމަމެންނަށް އެހީތެރިވެދެ އެވެ. އާއިލާގެ އެންމެނާ ގުޅެ އެވެ. އަލީފު ވެސް ގޭތެރޭގައި ސޮފޫ ކުރާ ކަންކަމުގައި އޭނާ އަށް އެހީތެރިވެދީ އަމިއްލަ އަށް ވެސް ގޭތެރޭގެ ހުރިހާ ކަމެއްގައި ބައިވެރިވެ އެވެ.

އެންމެންގެ ހަމްދަރުދީ ވަނީ މިއަދު އަލީފުގެ ދެމަފިރިންނާއެކުގަ އެވެ. އެ މީހުންނަށް ދޭން ޖެހޭ ރައްކާތެރިކަމާއި ކުލުނު ދީފި ނަމަ އެންމެންނަށް ގެނެސްދެނީ އުފާވެރިކަމެވެ. ދެ ދެމަފިރިންނަކީ އެފަދަ ކުދިންނަށް ލިބެން އޮތް އިލްމަކާއި ހިލްމަކުން ދިރިއުޅުން ފަށާފައިވާ ކުދިންނެވެ. އެ ކުދިންނަށް ދިރިއުޅުން ފުރިހަމަކޮށްދޭން އަޅުގަނޑުމެން ބާރު އަޅާށެވެ. އެ ކުދިންގެ މުސްތަގުބަލުގެ ހުރަހަކަށް އަހަރުމެން ނުވާށެވެ. އަދި އެކުދީންނަށް ހިތްވަރުދޭ ބަޔަކަށް އަހަރެމެން ވަމާތޯ އެވެ. އަހަރުމެން އެދެނީ އެ ދެމަފިރިންނަށް ހުރިހާ ވެސް ކާމިޔާބަކަށެވެ.

އިޝާރާތުން އަލީފުގެ ދެމެފިރިންނާ ވާހަކަ ދައްކަން ނޭނގޭތީ، ލިޔުމެއް މެދުވެރިކޮށް ސަންގެ ނޫސްވެރިޔާ ހުސައިން އަލީފުގެ ދެމެފިރިންނާ މުއާމަލާތް ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މުސާ

infinity loading...
×
DB released 01.