Sun Online
ފުވައްމުލަކު ކެޑޭރެ މިސްކިތު ގަބުރުސްތާނުގައި އޮތް ދޮންސިއްތިބޫގެ މަހާނަ މި ރަށު ތާރީޚު ދިރާސާކުރައްވާ ބޭފުޅެްކަމަށްވާ މުނީރު ޙަސަން ސަން ގެ ނޫސްވެރިންނަށް ދައްކައިލައްވަނީ --- ސަން ފޮޓޯ ސިނާން ޢަލީ
ފުވައްމުލަކު ކެޑޭރެ މިސްކިތު ގަބުރުސްތާނުގައި އޮތް ދޮންސިއްތިބޫގެ މަހާނަ މި ރަށު ތާރީޚު ދިރާސާކުރައްވާ ބޭފުޅެްކަމަށްވާ މުނީރު ޙަސަން ސަން ގެ ނޫސްވެރިންނަށް ދައްކައިލައްވަނީ --- ސަން ފޮޓޯ ސިނާން ޢަލީ

ފުވައްމުލަކު ދޮންސިއްތިބޫ: ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ވާރުވެރިޔާ

ޑރ. ނުސައިބާ ފާރޫޤް ޙަސަން
ލިޔުނީޑރ. ނުސައިބާ ފާރޫޤް ޙަސަން

ދިވެހި ރާއްޖޭގައި ވާރުކުރެއްވި އެންމެ ފުރަތަ އަންހެން ބޭފުޅަކީ ތާރީޚު ހެކިދޭގޮތުގައި ދޮންސިއްތިބޫއެވެ. ދޮންސިއްތިބޫއަކީ ފުވަމުލަކަށް އުފަން ބޭކަނބަލެކެވެ. ފުވައްމުލަކުގެ ފުރަތަމަ ވާރުވެރިޔާވެސްމެއެވެ. އެކަމަނާ ވާރު ކުރެއްވިކަމަށް ބުނެވެނީ އައްސުލްތާނާ ރެހެންދި ޚަދީޖާ ކަނބައިދިކިލެގެ (ސިރީރާދަ އަބާރަނަ މަހާރެހެންދި)ގެ ރަނިކަމުގައެވެ. ދޮންސިއްތިބޫއަށް ވާރުވެރިކަމުގެ ފަތްކޮޅު ލިބިވަޑައިގެންފައިވަނީ ކޮންތާރީޚެއްގައި ކަމެއް އެނގޭކަށްނެތެވެ. އެހެންނަމަވެސް، ދެ ފަހަރެއްގެ މަތިން ރެހެންދި ޚަދީޖާ ރެދަލިކުރައްވާފައިވަނީ މީލާދީން 1347 އިން 1363 އާ ދެމެދުގައިކަމުން، ދޮންސިއްތިބޫއަށް ވާރުވެރިކަން ދެއްވާފައިވާނީ އެއަހަރުތަކުގެ ތެރޭގައިކަން އެނގެއެވެ.

ބުނެވޭގޮތުގައި ދޮންސިއްތިބޫ ކައިވެނި ބައްލަވައިގެން އުޅުއްވީ ކެލައި (ކެލާ) ތަކުރުނަމަކަށްކިޔާ ފުވައްމުލަކުގައި ދިރިއުޅުއްވި ހއ. ކެލައަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކާއެވެ. މިދެމަފިރިކަނބަލުންނަކީ އަމިއްލަ އޮޑިދޯނިފަހަރު ގެންގުޅުއްވި އަތްމަތި ތަނަވަސް ބޭފުޅުންކޮޅެކެވެ. މިދެމަފިރިކަނބަލުންގެ އެއްވެސް ބޭފުޅަކުނެތެވެ. ދޮންސިއްތިބޫއަށް ވާރުވެރިކަންލިބިވަޑައިގެންނެވިގޮތުގެ ވާހަކަ ފުވައްމުލަކުގައި ތަފާތުގޮތްގޮތަށް ކިޔާއުޅެއެވެ. ކޮންމެ ރިވާޔަތެއްގައި ވެސް މިވާހަކަ ފެށެނީ ދޮންސިއްތިބޫގެ ކޮއްކޮގެ ވާހަކައިންނެވެ.

ކެޑޭރެ މިސްކިތު ގަބުރުސްތާނުގައި ހުރި ދޮންސިއްތިބޫގެ މަހާނަ: އޭކަމަނާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ވާރުވެރިޔާ --- ސަން ފޮޓޯ ސިނާން ޢަލީ

ވާހަކަ ކިޔާމީހުން ކިޔައިދޭގޮތުގައި ދޮންސިއްތިބޫގެ ކޮއްކޮ އައިމިނާބޫގެ ބޮލުގައި އެޅުނުތުހުމަތެއްގައި މާލެ ގެންދަންޖެހުނީއެވެ. އެއްބަޔަކުބުނާގޮތުގައި އައިމިނާބޫއަށް ރަށްމެދަށް ކުއްޖަކު ލިބުމުން އެޒަމާނުގެ އާދަކާދައިގެ މަތިން ހައްދުޖެހުމަށްޓަކައި މާލެ ގެންދަންޖެހުނީއެވެ. އަނެއްބަޔަކުބުނާގޮތުގައި އައިމިނާބޫގެ ފިރިމީހާ ވީނުވީތަނެއްނޭނގި ގެއްލިފައިވަނިކޮށް އޭނާ މަރާލާފައިވަނިކޮށް ގަލްއަޑިގެދޮރުކައިރީ (މިހާރުގެ ނަރުގިސްގެ ކައިރި) ބަނޑަހަލް ފަންނާއި (ފަންނު: އަތިރިމަތިން މީހުން އެއްވެ ކުޅިވަރުކުޅުމަށާއި ލަފައިފުރުމަށް ފުވައްމުލަކުގެ އެކި ހިސާބުތަކުގައި ހުސްކުރެވިފައިވާ ތަންތަން) އަންހެނުންގެ ފަންނާ ދެމެދުގައިވާ ގަސްތަކެއްގެ ތެރެއިންފެނުނީއެވެ. އޭނާ މަރާލިކަމުގެ ތުހުމަތު އެޅުނީ އައިމިނާބޫގެ ބޮލުގައެވެ.

ބައެއްމީހުން ބުނާގޮތުގައި އައިމިނާބޫގެ ދެމަފިރިންނަކީ ވަރަށް ފަގީރު އަތްމަތި ބައެކެވެ. އެހެންކަމުން، އޭނާގެ ފިރިމީހާ މަރާލިކަމަށް ތުހުމަތު ކުރެވުނީ އޭނާގެ ފިރިމީހާޔާމެދު ހިތުގައިވާ ނަފުރަތާއި އޭނާގެ ދައްތަގެ ދެމަފިރިކަނބަލުންގެ ތަނަވަސްކަމާމެދު އައިމިނާބޫގެ ހިތުގައި އުފެދުނު ހަސަދައިގެ ސަބަބުންނެވެ. ކޮންމެޔަކަސް، އައިމިނާބޫ މާލެގެންނަންޖެހުމުން މާލެޔަށް ހަ މަސްދުވެހުގެ ދިގު ދަތުރެއްފެށީ ދެބެއިން އެކުގައެވެ. ދޮންސިއްތިބޫގެ އަމިއްލަފުޅު އޮޑިކޮޅެއްގައެވެ. ދަތުރުގައި ދޮންސިއްތިބޫ ދޮން ފެންފޯއްތަކެއް ގެންދެވިކަމަށްވެއެވެ. ދަތުރުމަތީގައި އެފެންފޯއްތަކުގެތޮށިން ނަރުނަންގަވައި އެނަރުން ރޯނު ބޮނޑިއެއް ވެށްޓެވިކަމަށްވެއެވެ. (ބައެއްމީހުން ބުނާގޮތުގައި އޭނާ އެނަރުތަކުން ވިއުއްވީ ކުޑަ ކުނަލެކެވެ.)

ހަމަސްދުވަހުގެ ދަތުރަކަށްފަހު މާލެ ވަޑައިގެނެވުމުން އޭނާ ވަޑައިގަތީ ސީދާ ގަނޑުވަރަށްކަމުގައި ބުނެވެއެވެ. ރަނިކަމަނާގެ ފައިންޕުޅު ދުށުމަށް ހަގުބޭކަލުންގެ އަރިހުން އެދިވަޑައިގަތެވެ. އަދި އޭނާގެއަތްޕުޅުގައި ރަނިކަމަނާއަށް އަރުވަންގެންނެވި ޚާއްޞަ ވެދުން ހުރިކަމުގައި ވިދާޅުވިކަމުގައި ވެއެވެ. ބައެއްމީހުން ބުނާގޮތުގައި ރަސްކަމުގެ ކޮއިލުގައި އިށީންދެވަޑައިގަތުމަށް ދައުވަތު އެރުވުމުން ދޮންސިއްތިބޫ ތިމައްނާއަކީ މީހެއްގެ ތަނެއްގައި އިށީންނާނެ މީހަކީމެއްނޫނޭ ވިދާޅުވުމަށްފަހު އޭނާ ވިޔުއްވި ކުނާ ފަތުރާލެއްވުމަށްފަހު އިށީންދެ ވަޑައިގަތީ އެކުނާކޮޅުމަތީގައެވެ. އެކުނާކޮޅަކީ ވަރަށް ރީތި ކުނާކޮޅެއްކަމުގައި ވެއެވެ.

އަނެއްބަޔަކު ކިޔާއުޅޭގޮތުގައި އޭނާ ރެހެންދި ޚަދީޖާއަށް ވެދުމެއްގެ ގޮތުގައި އެރުއްވީ ފެންފޯއް ނަރުން އޭނާ ވެއްޓެވި ރޯނުބޮނޑިއެކެވެ. ކޮންމެޔަކަސް ރަނިކަމަނާ ކުރެއްވި ސުވާލުތަކަށް އޭނާދެއްވި ހާޒިރުޖަވާބުންނާއި އެނާގެ ވިސްނުންފުޅުތޫނުކަމާއި މަސައްކަތްތެރިކަމާއި ހީވާގިކަން އެނގިވަޑައިގެން ވަރަށް ގަޔާވެވަޑައިގެންނެވިކަމުގައިވެއެވެ. މާލެފައިބާ ވަޑައިގެން ހުންނަވާނެ ތަނެއްއެބަ ހުރިތޯ ސުވާލުކުރެއްވުމުން، ނޫނެކޭ ދެންނެވުމުން، ރެހެންދި ޚަދީޖާގެ ޚާޢްސަ މެހެމާނެއްގެ ގޮތުގައި ގަނޑުވަރުގައި އޭނާއިންނެވުމަށް އެންގެވިއެވެ. މިހިސާބުން ދޮންސިއްތިބޫ ވަޑައިގަތީ ގިނިކަންޏާނޫންކަމަށާއި އޭނާގެ ކޮއްކޮ ވެސް ހުރިކަމުގައި ދެންނެވުމުން، ކޮއްކޮއަށްވެސް ގަނޑުވަރުގައި ހުރުމުގެ ދައުވަތުދެއްވި ކަމުގައިވެއެވެ. ދޮންސިއްތިބޫ އޭނާ މާލެވަޑައިގަތީ ކޮއްކޮގެ ބޮލުގައި ދޮގު ތުހުމަތެއް އެޅުވުމުގެ ސަބަބުން މާލެއިން އަންގަވައިގެން ކަމަށް ދެންނެވިއެވެ. އެހިސާބުން ރަނިކަމަނާ، އައިމިނާބޫގެ މައްސަލަ ބައްލަވައި ނިންމަވައި އޭނާއަށް މާފުދެއްވިއެވެ. ދޮންސިއްތިބޫއަށް ރަށުގެ ވާރުދެއްވިއެވެ.

ދޮންސިއްތިބޫ އަނބުރާ ރަށަށް ވަޑައިގަންނަވަން ފުރާވަޑައިގަތީ ވާރުވެރިކަމުގެ ފަތްކޮޅު ހިއްޕަވައިގެންނެވެ. ބުނެވޭގޮތުގައި ދޮންސިއްތިބޫ އޭނާގެ އޮޑީގައި ރަށަށް ވަޑައިގެން ރަށުގެ ކެޑެވަރީއާ ވީކޮޅުން (ފުވައްމުލަކުގެ އުތުރުކޮޅު، ތުނޑި އޮންނަ ހިސާބު) ރަށާ ކައިރިޔަށް ވަޑައިގަތުމުން ކަނޑުގެ ލޮނުގަނޑުން މައްޗަށް ވަރަށް ބޮޑު ހިބަރެއް ފުންމައިގަތްތަން ފެނިވަޑައިގަތެވެ. ދޮންސިއްތިބޫ ބައްލަވަންހުންނަވާފާ އެއީ ކޯންޗެއްތޯ ސުވާލުކުރެއްވިއެވެ. އޮޑީމީހުން ހިބަރެކޭ ދެންނެވުމުން އަނެއްކާވެސް ސުވާލުކޮށްލެއްވިއެވެ. އެންމެ މީރުވާނީ ހިބަރުގެ ކޮންތަނެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި ހިބަރުގެ ދެފިޔައިގެ ދެމުދުގައިވާ 'ބޯނށިފިޔަ'ކުމުގައި އޮޑީމީހުން ދެންނެވިކަމަށްވެއެވެ. ދޮންސިއްތިބޫ ވާރުކަމުގެ ފަތްކޮޅު ބައްލަވައިލެއްވިއިރު އޭނާއަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ތެރޭގައި ހިބަރުގެ ބޯނށިފިޔައިގެ ވާހަކައެއް ނެތެވެ. އޭނާ ވަގުތުން އޮޑި އަނބުރާލާ މާލެޔަށް މިސްރާބު ޖެހުމަށް އެންގެވިކަމުގައިވެއެވެ. އޭނާ މާލެވަޑައިގެން އެވާހަކަ ދެންނެވުމުން ފުވައްމުލަކަށް ބާނާ ހުރިހާ ހިބަރެއްގެ ބޯނށިފިޔަ ވާރުގެޔަށް ދިނުމަށް ލިޔުއްވިއެވެ. ބުނެވޭގޮތުގައި ދާދި ފަހަކާ ޖެހެންދެންވެސް، ފުވައްމުލަކުގައި ވާރުވެރިކަމާއި ގޮއިވެރިކަމާއި ރަށްވެރިކަން އަދި އެއަށްފަހު އަތޮޅު ވެރިކަންކުރެއްވި ބޭފުޅުންގެ ގޭގެޔަށް ފޯއްމުލަކަށް ބާނާ ހުރިހާ ހިބަރެއްގެ ބޯނށިފިޔަ ގެންދިޔައެވެ.

ކެޑޭރެ މިސްކިތާ ގުޅޭ މައުލޫމާތު އަންގައިދިނުމަށް އެ މިސްކިތުގެ ބޭރުގައި ސަރުކާރުގެ ފަރާތުން ހަރުކޮށްފައިވާ މައުލޫމާތުބޯޑު ---- ސަން ފޮޓޯ ސިނާން ޢަލީ

ބުނެވޭގޮތުގައި މިދަތުރުން ރަށަށް އެނބުރިވަޑައިގަތް ދޮންސިއްތިބޫ ރަށަށް ބާލާފައިވަނީ އެނދު ދާންކޮޅެއްގައެވެ. ގެޔާހަމަޔަށް ވަޑައިގެންނެވިވަޑައިގަތުމުގައި އޭނާ އޮންނެވިކަމުގައިވަނީ ވަރަށް ސަމާލުކަމާއެކު ބައްލަވާށެވެ. ބައްލަވަން އޮންނަވާފައި އެންމެ ރަނގަޅު ރުއްދަނޑުތައް ފާހަގަކުރައްވާ އެތަންތަނަށް ފައިބާވަޑައިގެން އެއީ ބަންޑާރަތަންތަންކަމުގައި ކަނޑައެޅުއްވިކަމުގައިވެއެވެ. އޭނާގެންދެވި އެނދު ދާންކޮޅު އުފުލަމުންދިޔަމީހުން ވަރުބަލިވުމުން އެނދު ދާންކޮޅު ބިންމަތީގައި ބަހައްޓާ އެތަނެއްގައި ދޮންސިއްތިބޫގެ ފައިންޕުޅުޖެހުނު ކޮންމެ ތަނަކީވެސް ބަންޑާރަތަންތަންކަމުގައި ކަނޑައެޅުއްވިއެވެ. ބައެއް މީހުން ބުނާގޮތުގައި މިއީވެސް ވާރުފަތްކޮޅުގައި ލިޔުއްވާފައިވާގޮތުގެ މަތީން ހިނގިކަމެކެވެ. ބަންޑާރަ ކުޅިއަށް ބަންޑާރަކުޅިއޭ ކިޔުނީވެސް މިގޮތުގެ މަތިންނެވެ. 'ބަންޑާރަ ދަނޑާއި' 'ދޮންބިއަމާގެ ތަނާއި' 'ދުވައްފާނޑާއި' 'ދޫނޑިގަމު ގަލްގަނޑަކީ' ވެސް އެދުވަހު ބަންޑާރަކުރެވުނު ކަމަށް ބުނެވޭތަންތަނެވެ.

އެޒަމާނުގައި ވާރުވެރިންނަކީ ވަރަށް ބާރުގަދަ ބައެކެވެ. އެމީހުންގެ ދަށުން 'ކަރާނީން' ނޭ ކިޔުނު ބަޔަކު އުޅުނެވެ. އެމީހުންނަށް ކަމެއް މަނާކުރާނެ ބަޔަކުނުތިބެއެވެ. ގަހެއްގައި ރީތި ކެޔޮގަނޑެއްއޮތަސް، ގެއެއްގެ ގޯތިތެރޭގައި މަސްފަލަ ކުކުޅެއް ހުއްޓަސް ބޭނުންވެއްޖެނަމަ ވާރުގެޔަށްގެންދާނެއެވެ. ފުވައްމުލަކުގައި "ދީދި" އަކަށް ނުވާ އަންހެންކުއްޖަކު ލިބާސްލައްވައިފިކަމުގައި ވަނީނަމަ، ވާރުގޭ ބަދިގެޔަށް މަސައްކަތްކުރަންގެންދިޔުންވެސް އެމީހުންގެ މަސައްކަތުގެތެރޭގައި ހިމެނުނުކަމުގައި ވެއެވެ.

ފުވައްމުލަކުގައި ވާރުކުރެއްވި ބޭފުޅުންގެ ތެރެއިން މަޝްހޫރު ޝަހީދުކުރި ބަނޑާރައިން (އައްސުލްތާނު މުޙައްމަދު ޣިޔާޘުދީން އިސްކަންދަރު) ގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު ފުވައްމުލަކުގައި ހުންނަވައިގެން ވާރުކުރައްވާފާ ވަނީ ދެކުނުގެ ހަތަރު އަތޮޅުގެ މައްޗަށެވެ.

ފުވައްމުލަކުގައި ވާރުވެރިކަންކޮށްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ނަންއިންގޭ ބޭފުޅުންނަކީ؛

 1. ދޮންސިއްތިބޫ
 2. އެޅެތޮށިގޭ މާލިމީ ކަލޭގެފާނު
 3. އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު
 4. މަލާގާ ހުސައިން ތައްޚާނު
 5. ވާރުލު ދޮންއަލި މަނިކާ
 6. ހިރިހަމާތި ކަލޭގެފާނު (ވާރުލު ދޮންއަލި މަނިކާގެ ދޮންމަނިކާ)
 7. ކަރައްޔެ އިބްރާހީމް ދީދީ (ފާމުލަދޭރި ކިލެގެފާނުގެ މުހައްމަދު ދީދީގެ އިބްރާހިމް ދީދީ)
 8. ކުނާ ކަލޭގެފާނު
 9. ފުނާޑު އަހްމަދު ދީދީ (ހުނުބޮލިޔެ ދީދީގެ އަހުމަދު ދީދީ)
 10. ކަރައްޔެ މުހައްމަދު ދީދީ
 11. ހިރިހަމާތި ކަލޭގެފާނުގެ އަލި ދީދީ (ވާރު އަލި ދީދީ)

ހިރިހަމާތު ކަލޭގެފާނުގެ އަލި ދީދީއަށް (ވާރު އަލި ދީދީ) ފަހު ރަށުގެ އެންމެ މަތީ ވެރިކަމުގެ މަގާމު ބަދަލުވީ ގޮއިވެރިކަމަށެވެ. ފުވައްމުލަކުގެ ގޮއެވެރިކަން ކުރެއްވި ބޭފުޅުންނަކީ؛

 1. ހުސައިން ދީދީ (ރަނައުރާގެ)
 2. ދައްޕަރު ތުއްތު ދީދީ
 3. އަލި ތަކުރުފާނު (މާދަޑި ބެއަގެ)
 4. އަލީ މޫސާ ދީދީ (ފިނިވާގޭ)
 5. އަލި ދީދީ (ދޮންމަނިކާގެ)
 6. ހަސަން ދީދީ (ދޮންމަނިކާގެ)

ދެން އަނެއްކާވެސް ފުވައްމުލަކުގެ އެންމެ މަތީ ވެރިކަމަށް އައީ ބަދަލެކެވެ. ރަށްވެރިކަމުގެ މަގާމަށެވެ. ފުވައްމުލަކުގައި ރަށްވެރިކަން ކުރެއްވި ބޭފުޅުން؛

 1. އަލީ މޫސާ ދީދީ (ފިނިވާގެ)
 2. މުހައްމަދު އިބްރާހީމް ލުތުފީ (ރަށްވެރިޔާގެ ބަދަލުގައި)

މިހާތަނުން އަތޮޅުވެރިކަމުގެ މަގާމު އުފެދިއްޖެއެވެ. ފުވައްމުލަކުގެ އެންމެ ފުރަތަމަ އަތޮޅުވެރިޔަކީ މުހައްމަދު އިބްރާހީމް ލުތުފީއެވެ.

ދޮންސިއްތިބޫއާއި ކެލައި ތަކުރުގެ މަހާނަ މިހާރުވެސް ފާހަގަކުރެވެން ހުރެއެވެ. ފުވައްމުލަކު ކެޑޭރިމިސްކިތުގެ ގަބުރުސްތާނުގައެވެ. އެދެމަހާނަވެސް ހުރިހިސާބުން އެދެމަފިރީންނަކީ (އެޒަމާނުގެ ހަމަތަކުގެ މަތީން) ނުފޫޒުހުރި ބައެއްކަން އެނގެއެވެ. މިސްކިތަށްވަންނަ މަގުގެ ކަނާތްފަރާތުން މިސްކިތާ އެންމެކައިރިންފެންނަން ހުންނަނީ އެދެމަފިރީންގެ މަހާނައެވެ. ކެލައި ތަކުރުބުނެފައިވާ ބަހެއް މިހާރުވެސް ރަށުގެ ހަރުމީހުންގެ މެދުގައި ވަރަށް މަޝްހޫރެވެ. އެއްދުވަހެއްގައި ކުޑަކުދިންތަކެއް ސަކަރާއްޖަހަމުންދިޔަތަނެއްގައި ހުރެފައި އޭނާ ބުނެފައިވާ ކަމުގައި ވެއެވެ. "ކަޅު އަނދިރި ރެއެއްގައި ކަޅުކަފުނެއްގައި ލައިފައި ވަޅުލިޔަސް، ކުޑަކުދިން ވަޅުލާ ސަފެއްގައި މަ ވަޅުނުލައްޗެވެ."

މައުލޫމާތު:

ދިވެހި ތާރީޚަށް އައު އަލިކަމެއް

އަލްފާޟިލް އިބްރާހިމް ސަޢީދު މޫސާ (އަސްރަފީގެ، ޏ. ފުވައްމުލައް) ގެ ބައެއް ލިޔުއްވުންތައް

މުހަންމަދު ވަހީދު އަހްމަދު (ޖަވާހިރު، ޏ. ފުވައްމުލަށް)

މުނީރު ހަސަން (ނިއުލައިޓް، ޏ. ފުވައްމުލައް)

އަބްދުﷲ ފާރޫޤް ޙަސަން (ގ. ކޮއްކިރި، ކ. މާލެ / ރިހިވިލާގެ، ޏ. ފުވައްމުލައް)

ސަވާދު (މަލްވަތިގެދަރު، ޏ. ފުވައްމުލައް)

ގުޅޭ ޓެގު

ސަން ރަށަށް
infinity loading...
×
DB released 01.