"ސަން ރަށަށް" ކުޑަކުދީންގެ ހަވީރު މިއަދު ހަވީރު ފުވައްމުލަކު ތުނޑީގައި

ފުވައްމުލަކު ކުޑަކުދިންތަކެއް: ސަން އިން ބާއްވާ ކުޑަކުދިންގެ ހަވީރު މިއަދު ހަވީރު ފުވައްމުލަކު ތުނޑީ ސަރަހައްދުގއި އޮންނާނެ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސަން ރަށަށް" ޕްރޮގްރާމްގެ ދަށުން ސަން މީޑިއާ އިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިޔަށް ގެންދާ ޚާއްސަ ކަވަރޭޖުގެ ތެރެއިން ފުވައްމުލަކުގައި ބާއްވާ ޚާއްސަ ކުޑަކުދީންގެ ހަވީރު މިއަދު ހަވީރު ފުވައްމުލަކު ތުނޑީ ސަރަހައްދުގައި އޮންނާނެ އެވެ. މި ހަރަކާތް ފެށޭނީ މިއަދު ހަވީރު 4:00 ގަ އެވެ.

ސަން ޓީވީ އާއި ސަން އެފްއެމް އިން ލައިވް ކުރުމަށް ހަމަޖައްސާފައިވާ މި ކުޑަކުދީންގެ ހަވީރުގައި ބައިވެރިވުމުގެ ދައުވަތު މިރަށުގެ ހުރިހާ ކުދީންނަށް ސަން މީޑިއާގެ ފަރާތުން އަރުވަމެވެ.

މި ހަވީރުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ޚާއްސަ ހަދިޔާއެއް ދޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި މި ހަރަކާތުގައި ބައިވެރިވާ ކުދީންނަށް އެކުދީންގެ ހުނަރުތައް ދައްކައިލުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

"ސަން ރަށަށް" ޕްރޮގްރާމްގެ ދަށުން ސަން މީޑިއާއިން ވަނީ މިދިޔަ ދެ ދުވަހުގެ ތެރޭގައި ފުވައްމުލަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ގެނެސްދީފ އެވެ. އޭގެ ތެރޭގައި މި ރަށުގެ ތާރީޚާ ގުޅޭ އިލްމީ ލިޔުންތަކާއި ރަށާ ގުޅުން ހުރި ބޮޑެތި މައްސަލަތަކާއި ލުއި މަައުލޫމާތުގެ ރިޕޯޓުތައް ހިމެނެ އެވެ. މިއަދާއި މާދަމާ ވެސް މި ރަށާ ގުޅޭ އިތުރު ޚަބަރު ތަކާއި ރިޕޯޓުތައް ގެނެސްދެމުންދާނެ އެވެ.

ސަން އިން ފުވައްމުލަކަށް މި ކުރި ދަތުރުގައި ސަން އޮންލައިން ދިވެހި އަދި އިނގެރޭސި އެޑިޝަން އާއި ސަން ޓީވީ އާއި ސަން އެފްއެމް އަދި ސަން މަޖައްލާގެ މައްޗަށް އެކުލެވޭ ނިއުސް ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ޓީމުގައި ޖުމުލަ 15 މެންބަރުން ހިމެނެ އެވެ.

comment ކޮމެންޓް