ދުނިޔޭގައި ރާޅަށް އެންމެ ގިނަ ނަން ކިޔުމުގެ ރެކޯޑް ފުވައްމުލަކު މީހުންނަށް!!

ފުވައްމުލަކު ތުނޑީގެ ރާޅު: މި ރަށުގެ ވަށައިގެން އޮތީ ކަނޑު ---- ސަން ފޮޓޯ ފަޔާޒް މޫސާ

ފުވައްމުލަކަކީ ރާއްޖޭގެ އެހެން އަތޮޅުތަކާއި ޚިލާފަށް މާކަނޑުގެ މެދުގައި އެކަނި އޮންނަ އެއްރަށެއްގެ މައްޗަށް ހިމެނޭ ހަމައެކަނި އަތޮޅެވެ. ރަށް އޮންނަނީ ދެކުނު އަރުޟުން S.''45.'16.°0 އާއި S.''00.'19.°0 އާއި އިރުމަތީ ޠޫލުން E.''30.'24.°73 އާއި E.''30.'26.°73 އާއި ދެމެދުގައެވެ. މި ރަށަކީ ދުނިޔޭގެ މެދުން ދެކުނަށް އޮތް ރާއްޖޭގެ ފުރަތަމަ އަތޮޅެވެ.

ރަށުގެ ފެހުނުކޮޅުގައި 1 ¼ މޭލުގެ ފަރެއް އޮވެއެވެ. އެހެންކަމުން މާކަނޑުން ނަގާ ބިޔަ ރާޅުތައް އެއްވެސް ހުރަހަކާނުލައި އައިސް ރަށަށް ބިންދަމުން ގެންދެއެވެ. މި ދެންނެވި ގޮތަށް ދިމާވުމުން މި ރަށުގެ ރައްޔިތުން ރާޅުގެ ކުޑަބޮޑުމިނާއި ރާޅު ދަތުރުކުރާ ގޮތަށް ބަލައި ރާޅަށް ކިޔާ ނަންތަކެއް ކަނޑައަޅާފައި އޮވެއެވެ. އެހެންކަމުން ކުރީގެ މި ރަށު ރައްޔިތުންނަށް ރާޅެއްގެ ނަން ބުނުމުން އެ ދުވަހު މަހަށް ނިކުތުމަށްޓަކައި ޢަމަލު ކުރަންޖެހޭނެގޮތް ކަނޑައަޅަން އެނގޭނެއެވެ.

ފުވައްމުލަކު ތުނޑިއަށް ރާޅެއް ބިންދާލާފައި: ރާޅަށް މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ނަން ކިޔަނީ މިރަށު މީހުން ކަމަށް ވުން އެކަށީގެންވޭ --- ސަން ފޮޓޯ ފަޔާޒް މޫސާ

ބެލެވިފައިވާ ގޮތުގައި ފުވައްމުލަކު އަހުލުވެރިންނަކީ ރާޅަށް އެންމެ ގިނަ ނަންތައް ކިޔާ މީހުންނެވެ. ކިޔާ ނަން ނަމުގެ ތެރޭގައި "ދިގި ރަޅޮ" (ދިގުރާޅު) ދިގު ރާޅު ކިޔަނީ ވަދެ ނިކުމެ ހަދާ ނެރުން ފެށިގެން ދެފަރާތަށް ދިގުކޮށް ބިންދަމުންދާ ރާޅަށެވެ. "ގޮށް ރަޅޮ" (ގޮށްރާޅު) ގޮށްރާޅު ކިޔަނީ ރާޅުގެ ވަކި ދިމާއެއް ބޮޑުވެގެން ބިންދަމުން އަންނަ ރާޅަށެވެ. "ކަތިރަޅޮ" (ކަތިރާޅު) ކަތިރާޅަކީ ފަރުގެ ހުރަހަށް އޮއިވަރާއި ދެކޮޅަށް ބިންދަމުންދާ ރާޅެވެ.

މީގެ އިތުރުން ކިޔާ ނަންނަމުގެ ތެރޭގައި ހިމެނޭ "ހުދުރަޅޮ" (ހުދުރާޅު) ހުދުރާޅަކީ އާދައިގައި ބިންދާ ރާޅަށްވުރެ ބޮޑުކޮށް ފޮނު އުފެދޭ ރާޅެކެވެ. "ކަޅޮރަޅޮ" (ކަޅުރާޅު) ކަޅު ރާޅަކީ އުރަފަށަށް ބިންދާ ރާޅެވެ. "ވަގޮރަޅޮ" (ވަގުރާޅު) ވަގުރާޅު ކިޔަނީ ރާޅެއް އަންނަތަން ނުފެނި ކުއްލިއަކަށް ބިންދާ ރާޅަށެވެ. މި ފަދަ ރާޅު އަންނަނީ ރަށުގެ ވަކިދިމަދިމާލަށެވެ. އޭގެތެރެއިން ޚާއްޞަ ގޮތެއްގައި ދަޑިމަގުފަންނު މުއްޔާއި ގަލްގޯނި ހިމެނެއެވެ. "އިލާފަތި ރަޅޮ" (އިލާފަތިރާޅު) އިލާފަތި ރާޅަކީ ތުނޑި އަށް ޚާއްޞަވެގެން ބިންދާ ރާޅެކެވެ. އެ ރާޅުގެ މިސްރާބު ހުންނަނީ ކަތިރާޅުގެ ވެސް މިސްރާބު ހުންނަ ގޮތަށް ރަށުގެ ހުރަހަށެވެ. އިލާފަތި ކިޔަނީ ތުނޑީ ދޮންވެލިގަނޑު މައްޗަށް ބިންދަމުންދާ ރާޅަށެވެ. "ބީއްސާރަޅޮ" (ބީއްސާރާޅު) ބީއްސާ ރާޅަކީ ހޮޅިނުލާ އައިސް ރަށުގެ ފަސްގަނޑަށް ކައިރިވާ ރާޅަށް ކިޔާ ނަމެކެވެ. މީގެ އިތުރުން "މާރަޅޮ"، "ހާލިރަޅޮ"، ފަރިރަޅޮ"، "ގުންބުރާސް ރަޅޮ"، "އާދައިގެ ރަޅޮ"، "ބޮނޑޮ ރަޅޮ"، "ދެފަށް ރަޅޮ"، "ކުދުރަޅޮ"، "ދަމާގަންނާ ރަޅޮ"، "ރަޅޮ" ހުންނައިރު ގުންބަރާސް ރާޅަކީ ބިޅިފޭށި އޮޅަށް ބިންދާލާ އެންމެ ބޮޑު ރާޅަށް ކިޔާ ނަމެކެވެ. "ރަޅޮ" މިއީ ޖުމްލަކޮށް ހުރިހާ ރާޅަށް ނިސްބަތް ކުރެވޭ ނަމެކެވެ.

ފުވައްމުލަކު ތުނޑީ ސަރަހައްދަް ރާޅެއް ބީއްސާލަނީ: ސަން ފޮޓޯ ފަޔާޒް މޫސާ

ކުރީގައި ފުވައްމުލަކު ރައްޔިތުން ރާޅަށް ތަފާތު ނަން ނަން ކިޔައިގެން ރާޅުގެ ކުޑަ ބޮޑުމިން ވަޒަން ކުރަމުން ދިއައީ ރާޅުގެ ނުރައްކާ ރައްޔިތުންނަށް އޮތުމުން ކަމަށް ފެނެއެވެ. ރައްޔިތުންނަށް ދިމާވާ ނުރައްކަލުގެ ތެރޭގައި ބޮއްކުރާ، ދޯނި ބަންޑުން ޖަހާލުން ފަދަ ނުރައްކާތެރި ހާދިޘާތައް ހިނގާފައިވެއެވެ. އަދި އެފަދަ ހާދިސާތަކުގައި އެތައް ބަޔަކު ނިޔާވެފައިވެ އެވެ.

މީގެ އިތުރުން މިރަށަކީ ވަށައިގެން ފަރެއް ނެތި މާސިންގާ ކަނޑު އޮތް ރަށަކަށް ވުމުން ރަށުގެ ވަށައިގެން ހުރިހާ ދިމާއަކަށް ވެސް އެކި ސައިޒުގެ ރާޅު ބިންދަ އެވެ. މި ރަށު މީހުން ކަނޑުރޯދި ހޯދުމަށް ޓަކައި އަބަދުވެސް އުޅެން ޖެހިފައި އޮތީ މި ރާޅުތަކުގެ ތެރޭގަ އެވެ.

އެކި ކަހަލަ ރާޅުތަކުގެ ނަންތައް ދަސްކުރުމާއި އޮއިވަރާއި މޫސުމާއި ރާޅާ ހުރި ގުޅުން ވެގެން ގޮސްފައި ވަނީ މިރަށު މީހުންގެ ދުވަހު ދިރިއުޅުމާ ވެސް ގުޅިލާމެހިފައި އޮތް ކަމަކަށެވެ. ރާޅަށް މިހާ ގިނަ ނަން މިރަށު މީހުން ކިޔަނީ އެ ރާޅުތަކާ އެ މީހުންގެ ދިރިއުޅުމާ އޮތް ގުޅުން ވެސް ބޮޑުވުުން ކަމަށް ގަބޫލުކުރެވެ އެވެ. މި ރަށުގެ ވަށައިގެން އުފެދޭ ރާޅު ތަކުގެ ވައްތަރުތައް ގިނަވުމަކީ މި ރަށުގެ ގުދުރަތީ ވެށްޓާ ގުޅިފައި އޮތް ކަމެކެވެ. އެ ވައްތަރުތަކާ ގުޅޭ ގޮތުން އެކި ނަންތައް ދެވިފައި އެވަނީ އެރާޅުތައް ތަމްސީލުކުރާ ރާޅުގެ މިޒާޖާއި ތޮބީއަތަށް ބަލައިގެންކަން އެ ނަންތަކާ މެދު ވިސްނައިލުމުން އެނގެ އެވެ.

ނަމަވެސް މި ޒަމާނުގައި ރާޅަކީ އޭގެ ސަބަބުން އާމްދަނީ ލިބޭ ވަޞީލަތަކަށް ވަނީ ބަދަލުވެފައެވެ. ދޭތެރެ ދޭތެރެ އިން ނަމަވެސް މި ރަށަށް އަންނަ ޓޫރިސްޓުން ރާޅާ އެޅުމުގެ އުފާ ޙާޞިލް ކުރަމުންދާއިރު މި ރަށުގެ ޒުވާނުން ދަނީ ކޮންމެ ދުވަހަކު ރާޅާ އެޅުމުގެ އުފާ ޙާޞިލް ކުރަމުންނެވެ. މިއަދުގެ ޒުވާނުންނަށް މާޒީގައި ރާޅަށް ކިޔަމުން އައި މި ނަންތައް ނޭނގުމަކީ ވުން ގާތް ކަމެކެވެ. އެއީ އިހުގެ މީހުން ފަދައިން މިއަދުގެ ޒުވާނުންނަށް އެ ރާޅުތަކުގެ ތެރޭގައި ދިރިއުޅުމުގެ ބޮޑުބައެއް ހޭދަކުރާން ޖެހިފައި ނުވާތީ އެވެ.

އެހެން ނަމަވެސް ރާޅަށް ކިޔާ މިހާ ގިނަ ނަން މި ރަށު ބަހުގައި ހުރުމަކީ ރަށުގެ ކޮންމެ މީހަކު ވެސް ފަޚުރުވެރިވާނޭ ކަމެއްކަން ޔަގީނެވެ. މި ލިޔުމުގައި އެކަނި ވެސް ރާޅަށް މި ރަށު މީހުން ކިޔާ 18 ނަމެއް މި ވަނީ ހިމެނިފަ އެވެ. އަދި އިތުރަށް ދިރާސާކޮށް ބަލައިފި ނަމަ މި އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަށީގެންވާ ގޮތެއްގައި ބަހުގެ ދިރާސާއެއް ހަދައި ބަލައިފި ނަމަ، މިއީ މުޅި ދުނިޔޭގެ ރެކޯޑަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް