މީދޫގައި އޮންނަ ފުވައްމުލަކު ކަށްބިން

ފުވައްމުލަކު ތުނޑި: މި ރަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު ފަޅުވެފައިވާ ކަމަށް ތާރީޚުން އެނގޭ --- ސަން ފޮޓޯ ފަޔާޒް މޫސާ

"މޮލަކި ކަށްބިން" ނުވަތަ ފުވައްމުލަކު ކަށްބިމޭ މީހަކު ބުނެފި ނަމަ އެ ކަށްބިން ނުވަތަ ގަބުރުސްތާނު އޮންނަނީ ފުވައްމުލަކުގައި ކަމާ މެދަކު މީހަކު ޝައްކު ކޮށްފާނެ ހެނެއް ހީއެއް ނުވެއެވެ. އެހެންނަމަވެސް "މޮލަކި ކަށްބިން" ނުވަތަ ފުވައްމުލަކު ކަށްބިމަކީ އެހެން ރަށެއްގައި އޮންނަ ތަނެއް ކަމަށް ބުނެފި ނަމަ، ދެން އުފެދޭނެ ސުވާލުތަކެއް ހުންނާނެއެވެ.

ފުވައްމުލަކު ކަށްބިމުގެ ނަމުގައި މަޝްހޫރުވެފައިވާ ކަށްބިމެއް އޮންނަނީ އައްޑުއަތޮޅު މީދޫގައެވެ. އައްޑޫ މީދޫ އަކީ މުޅީން ވަކީން އޮންނަ ފުވައްމުލަކާ އެންމެ ކައިރީގައި އޮތް ހިކި ފަސްތަނެވެ. ޢާއިލީ ގޮތުން ފުވައްމުލަކާ އެންމެ ގުޅުން ބޮޑު ރަށަކީ ވެސް ސ. މީދޫ އެވެ. އަދި ހަމައެހެންމެ އައްޑުއަތޮޅާއި ފުވައްމުލަކުގައި ވާހަކަ ދައްކާ ބަހުރުވަ ތަފާތަސް، މީދޫގައި ވާހަކަ ދައްކާ އައްޑޫ ބަހުރުވައިގައި ނުވަތަ މީދޫ ބަހުރުވައިގައި އައްޑޫގެ ހުޅަނގު ބިތުގެ ގުޅިފައިވާ ރަށްރަށުގެ ބަހުރުވައާ ޚިލާފަށް ފުވައްމުލަކު ބަހުރުވައާ ގާތް ގޮތެއް ހުރެއެވެ. މިގޮތުން އައްޑުއަތޮޅުގެ އެހެން ރަށްރަށުގެ މީހުން އަބަފިއްޔަށް ނިންމާ ލަފުޒުތައް މީދޫގައި ކިޔަނީ އެ ލަފުޒުތައް ފުވައްމުލަކުގައި ކިޔާ ގޮތަށް އޮބޮފިއްޔަށެވެ.

އިހު ޒަމާނުގައި ފުވައްމުލަކު މީހުން އެންމެ ގިނައިން ދަތުރު ކުރި އެއް ރަށަކީ މީދޫ ކަމަށް މީދޫގެ މިހާރުގެ ދުވަސްވީ މީހުން ބުނެއެވެ. އެހެންނަމަވެސް މީދޫގައި ފުވައްމުލަކަށް ހާއްސަ ކަށްބިމެއް އުފެދުނީ މިހެން ފުވައްމުލަކުން ދަތުރުވަރުގައި އަންނަ ބަޔަކު މަރުވެގެން ވަޅުލާނެ ތަނެއް ހަމަޖެހިގެން ގޮސްގެނެއް ނޫނެވެ. ފުވައްމުލަކު ކަށްބިމެއް މީދޫގައި އުފެދުނީ ފުވައްމުލައް ފަޅުވުމުގެ ހާދިސާއާ ގުޅިގެންނެވެ.

ފުލޯކު ވާހަކައެއްގައި ކިޔޭ ގޮތުގައި ފުވައްމުލައް ތިން ފަހަރު ފަޅުވިއެވެ. ފަޅުވުމުގެ ސަބަބެއް ކަމަށް ބުނަނީ ރަށަށް ފުރޭތައެއް އަރަނީ ކަމުގައެވެ. ފުރޭތަ އެރުމުން ފުރޭތައިގެ އަތު ނުޖެހި ރަށުން ފައިބައިގެން ދެވޭ މީހުން ނޫން އެހެން މީހުން މަރުވަނީ ކަމުގައެވެ. ރަށުން ފައިބައިގެން ދާ މީހުން ދަނީ އައްޑޫމީދޫއަށް ކަމުގައެވެ. މި ގޮތުން ތިންވަނަ ފަހަރު ފުރޭތަ ރަށަށް އެރުމުން ފައިބައިގެން ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު ތިބީ މީދޫއާ ހަމަޔަށް ދެވުނު އިރު ވެސް މަރުވެފައި ކަމަށާއި އެމީހުން ވަޅުލީ މިހާރު މޮލަކި ކަށްބިމޭ ކިޔޭ ތަނުގައި ކަމަށެވެ. މި ފަހަރު ރަށުން ނުފޭބުނު ދައިތައަކު "ހުއްކަރޮ" ކައްކާން އިންދައި ފުރޭތަ އައިސް ވަނުމުން ހޫނު ހުއްކަރާ އެކު ދޭފަތުން އެދައިތަ ފުރޭތަގެ ގައިގައި އޮބައިގަތް ފަހުން ފުރޭތަ ރަށަށް އެރުން ހުއްޓި އޭގެ ފަހުން އާބާދު ވި ގޮތަށް ރަށް ފަޅުނުވާ ކަމުގައެވެ.

ފުވައްމުލައް ފަޅުވި ހާދިސާއަކީ ތާރީޚީ ގޮތުން އެނގޭ ހާދިސާއެކެވެ. އެހެން ނަމަވެސް އެއީ ފުލޯކު ވާހަކައިގައި ކިޔާ ގޮތަށް ފުރޭތައިގެ ސަބަބުން ދިމާވި ކަމެއް ނޫންކަމަށާއި އެއީ ވަރުގަދަ ރޯގާ ބަލިމަޑުކަމެއްގެ ސަބަބުން ދިމާވި ކަމެއް ކަން ތާރީޚީ ގޮތުން އެނގެއެވެ. ފުވައްމުލައް ތިންވަނަ ފަހަރަށް ފަޅުވީ މީލާދީ ގޮތުން 18 ވަނަ ގަރުނުގެ މެދުތެރޭގައެވެ. މުލީގޭ ދޮންބަންޑާރައިން ހޮޅީންގެ އަތުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ދުވަސްވަރުއެވެ. އެދުވަސްވަރު ގަދަ ހުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފުވައްމުލަކުގައި ފެތުރުނެވެ. ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމުން ބާކީ ތިބި މީސްކޮޅު ރަށް ދޫކޮށްލައިފައި ދޯނިފަހަރުގައި އައްޑުއަތޮޅު މީދުއަށް ހިޖުރަކުރީއެވެ.

ފުވައްމުލައް ފަޅުކޮށްލައިފައި އެރަށުގެ މީހުން ސ. މީދުއަށް ދިޔަ ޚަބަރު މާލެ އައިއިރު ފުވައްމުލަކުގެ އިލްމުވެރި ބޭކަލެއް ކަމަށް ވާ މޫނިފާކު މުދިންކަލޭގެފާނު ހުންނެވީ މާލޭގައެވެ. އޭނާއަކީ ރާއްޖޭގައި އެޒަމާނުގައި ހުންނެވި އެންމެ މޮޅު ފަންޑިތަވެރިޔާއެވެ. ދައުލަތުގެ ރަސްމީ ފަންޑިތަވެރިއަކީ ވެސް އޭނާއެވެ. މޫނިފާކު މުދިން ކަލޭގެފާނަށް އޭނާގެ ރަށް ފަޅުވި ޚަބަރު ލިބިވަޑައިގަތުމާއެކު އެންމެ އިސްކަމެއް ދެއްވީ އެރަށް އަލުން އާބާދު ކުރެއްވުމަށެވެ. ސަރުކާރުގެ ހުއްދަ ހޯއްދަވައިގެން މީދުއަށް ވަޑައިގެން އެރަށުގައި ތިބި ފުވައްމުލަކު މީހުންކޮޅާއިގެން ރަށަށް ވަޑައިގެން ރަށަށް ފަންޑިތަ ހައްދަވައި، ރަށް އާބާދު ކުރެއްވީ ކަމަށް ފުވައްމުލަކުގެ ތާރީޚީ ބޭފުޅުން ވިދާޅުވެއެވެ. މުދިން ކަލޭގެފާނު ވަޒަންވެރިވެވަޑައިގަތީ އެރަށު ހޯދަޑިގޭގައެވެ.

ބުނެވޭގޮތުގައި ރަށް ފަޅުކޮށްފައި މީދުއަށް ދިޔަ ގިނަ ދޯނިފަހަރުގައި ދިރިތިބީ އެކަކު ދެމީހެކެވެ. މަރުވެފައި ތިބި މީހުން ވަޅުލެވުނީ މީދޫގެ ދޮންރުއްވައު ނަމަކަށް ކިޔާ ސަރަހައްދުގެ އުތުރުން އޮތް ބިމުގައެވެ. އެންމެން އެއްތަނެއްގައެވެ. އެތަން މަޝްހޫރުވެފައި ވަނީ މުލަކު ކަށްބިމުގެ ނަމުގައެވެ. މިތަނަށް ދެވޭން އޮންނަނީ ލޮނޑިކެނޑެ ސަރަހައްދުގައި ހުންނަ ލޮނޑިކެނޑެ މިސްކިތް ހުންނަ ކޮށީގެ އިރުމަތީގައި ރަށުގެ އުތުރު ފަރާތު އަތިރި މައްޗަށް ފޭބެން އޮންނަ މަގުން އުތުރަށް ގޮސް ހޭޅިފަށާ ދިމާއިން ކޯގަންނު ސަރަހައްދަށް ދެވޭން އޮންނަ މަގުންނެވެ. މި މަގުން ކޯގަންނާ ދިމާއަށް ދާ މީހާ އެ މަގުގެ މެދަކާ ހިސާބަށް ދެވޭ އިރު އެމީހާގެ ކަނާތް ފަރާތުގައެވެ. މިއީ އަތިރިމަތީގެ ނިސްބަތުގައި ބަލާއިރު މީދޫ އެޅެދިހަރޮ ހިސާބުން ރަށަށް އަރާ އިރު ދެކުނުން އޮތް ބިމެވެ. އެތާނގައި މިހާރު ވަނީ ގިނަ އަދަދަކަށް ދިވެހި ރުއް ހެދިފައެވެ. ގިނަ ޢަދަދެއްގެ ބަޔަކު އެއްތަނެއްގައި ވަޅުލެވިފައިވާތީ މަހާނަ ފާހަގަކުރެވިފައި ނުވުމާއި، ގިނަ ދުވަސްވެ ޖަންގަލީވުމުގެ ސަބަބުން ކަށްބިން އުވާލެވުމުގެ ސަބަބުން މިއީ ކުރީގެ ކަށްބިމެއް ކަން މިހާރު ދެނެގަތުން ދަތިވެއެވެ. އެހެންނަމަވެސް ރުއްތަކާ ދިމާއިން އެ ސަރަހައްދަށް ވަދެގެން ދާއިރު ބައެއް މަހާނަ ގާ އަދިވެސް ފާހަގަވާން ހުރެއެވެ. ތާރީޚަށް ޓަކައި މި ތަން ފާހަގަ ކުރެވޭނެ ގޮތަކަށް އޮތުމަކީ މުހިންމު ކަމަކަށް ވާނެއެވެ. ފުވައްމުލަކު ކަށްބިމަކީ މީދޫގައި އޮތަސް ފުވައްމުލަކުގެ ތާރީޚާ ގުޅިފައިވާ ތަނެކެވެ.

comment ކޮމެންޓް