މި މިސްކިތް ހަދާފައި ވަނީ ވެލިގަލުން ތަރަޙަ ހަދައި އެ މައްޗަށް ކޮށާމަށާފައި ހުރި ބޮޑެތި ވެލިގަލުން ރާނައިގެންނެވެ. 1285 ވަނަ އަހަރު މިސްކިތް ކުޑަކުރުމާއި ހަމަޔަށް މިސްކިތުގެ ވަށާފެންޑާ ހުރީ ލިޔާ ހަރުގައި އަޅައިގެން ލިޔެފައިވާ ލަކުޑި ތަނބުޖަހައި މިހާރު ފެންނަން ހުރި އިރުމަތީ ފެންޑާ ހުރި ގޮތަށް ހަދާފައެވެ. 1356 ވަނަ އަހަރުގައި ދެކުނު ފަރާތު ފެންޑާ ރާނަންވެގެން ފެންޑާގައި ހުރި ލަކުޑިތައް ވަނީ ނަގާފައެވެ. އޭރު މިސްކިތުގެ ތަރަޙަ ހުރި ބޮޑުމިން މިހާރު ވެސް ފެންނަން އެބަހުއްޓެވެ.
މި މިސްކިތަކީ މި ރަށުގެ ރައްޔިތުންނަށް އިސްލާމްދީނަށް ގޮވާލެއްވުމަށް ވަޑައިގެންނެވި އަބޫބަކުރު ނައިބު ކަލޭގެފާނު ޢިމާރާތް ކުރެއްވި މިސްކިތެކެވެ. މި އަބޫބަކުރު ނާއިބު ކަލޭގެފާނަކީ ފުވައްމުލަކަށް އުފަން ޔޫސުފް ނާއިބުކަލޭގެފާނުގެ ޔަހުޔާ ނާއިބު ކަލޭގެފާނުގެ ދަރިކަލެއްކަމަށް ތާރީޚް ދިރާސާ ކުރައްވާ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ. މިރަށު ގެން މިސްކިތަކީ އަބޫބަކުރު ނާއިބު ކަލޭގެފާނު ޢިމާރާތް ކުރެއްވި މިސްކިތެވެ. މިއީ މިރަށުގައި އެންމެ ފުރަތަމަ ޢިމާރާތް ކުރެވުނު މިސްކިތެވެ. އަބޫބަކުރު ނާއިބު ކަލޭގެފާނު ފަސްދާނު ލެވުނީ ގެން މިސްކިތު އިރުމަތީ ފަރާތުގައި ހުރި ބިސްތާނުގެ ތެރޭގައިވާ ޒިޔާރަތުގައެވެ.
ގެން މިސްކިތު ހަރިންމަ ތެރެ --- ސަން ފޮޓޯ ފަޔާޒް މޫސާ
ފުވައްމުލައް އިސްލާމްވި ތާރީޚް ކަނޑައެޅިގެން އެނގެން ނެތް ނަމަވެސް ދިވެހިރާއްޖޭގެ ރަދުން 1153 މ. ވަނަ އަހަރު އިސްލާމްވެ ވަޑައިގަތުމާއި ގުޅިގެން އެއާ މާދުރުނޫން ތާރީޚެއްގައި ފުވައްމުލައް އިސްލާމްވި ކަމަށް ބެލެވެއެވެ. ގެންމިސްކިތަކީ އެންމެ ފުރަތަމަ ފުވައްމުލަކުގައި ހުކުރު ނަމާދާއި ޢީދު ނަމާދު ކުރި މިސްކިތް ވެސް މެއެވެ. މި މިސްކިތުގައި ޢީދު ނަމާދު ކުރި މުމްބަރާއި އެއްޗެހި ދުށް މީހުން މިރަށުގައި އެބަތިއްބެވެ. އެ މުމްބަރު ހުރީ މިސްކިތުގެ ދެކުނު ފަރާތު ފެންޑާގެ ޤިބުލަ އާއި ވީފަރާތު ފާރު ކައިރީގައެވެ. އެއީ ދަނބު ލަކުޑިން ހަދާފައި ހުރި މުމްބަރެކެވެ. މުމްބަރު ހުންނަނީ ހުޅުވާ ލެއްޕޭ ގޮތަށެވެ. މިސްކިތުގެ މައިދޮރު ގައި ހުރީ ދަމާ ދޮރުބައެކެވެ.
މިސްކިތް ހުންނަނީ 04 ފުރާޅަށް ހިޔާކޮށްފައެވެ. މިސްކިތުގެ މަތިގަނޑު ހުރީ ހުރަހަށާއި ދިގަށް ބައި އަޅައި ބެރީގައި ކޮރު ނަގައި ކޮރުތެރެއަށް ފިލާގަނޑެއް ފައްތާފައެވެ. މި މިސްކިތް މިހާރު ހުރި ގޮތަށް ޓިނަށް ބަދަލު ކުރީ 1987 ވަނަ އަހަރުގައެވެ. މި މިސްކިތުގެ ވަޅަކީ ވެސް ކޮށާމަށާފައި ހުރި ވެލިގަލުން ހަތަރެސްކަނަށް ހަދާފައި ހުރި ވަޅެކެވެ. ވަޅުގެ މަތީބައި މިހާރު ހުންނަނީ ކޮންކްރީޓް ކޮށްފައެވެ. މި ވަޅުގެ ފެނަކީ މީރު ފެނެކެވެ. މިހާރު ވެސް މީހުން މިވަޅުން ފެންބޮއި އުޅެ އެވެ.
ގެން މިސްކިތް ގޯތިތެރޭގައި ހުންނަ ފެންވަޅު --- ސަން ފޮޓޯ ފަޔާޒް މޫސާ
ގެންމިސްކިތު ވަޅުން ފެންބޮއެފި މީހަކު އަނބުރައި ފުވައްމުލަކަށް އަންނާނެ ކަމަށާއި އެމީހަކު ފުވައްމުލަކު މަތީން ހިތް ނުކެނޑޭނެ ކަމަށް ބުނާ މަޝްހޫރު ފުލޯކު ވާހަކައެއް ވެސް އޮވެ އެވެ. މި ވަޅުގެ ހަތަރު ކަނުގެ ފެނުގައި ލަނީ ހަތަރު ރަހަ ކަމަށް ވެސް އިހުގެ މީހުން ބުނެއެވެ. އެހެން ނަމަވެސް މިހާރު އެކަން އެގޮތަށް ފާހަގައެއް ނުކުރެވެ އެވެ.
މަޢުލޫމާތު ހޯދުމަށް ބެލި ލިއުންތައް:-
- ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު.
- އަލްމަރުޙޫމް އިބްރާހީމް ސަޢީދު މޫސާގެ ބައެއް ލިއުއްވުންތައް.