ފުވައްމުލައް: ރަށް އުފެދުނުއިރު އޮތް ގޮތާއި ބަދަލުވަމުން އައިގޮތް

ފުވައްމުލައް ކުރީން އޮތް ގޮތުގެ ކުރެހުމެއް ---

ފުވައްމުލަކަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ޢާއިލާ އަށް ބަލާއިރު 03 ވަނައެވެ. ބޮޑުމިނަކީ 484 ހެކްޓަރެވެ. (ފަތްފަޅާފައި) ޖުމްލަ 498 ހެކްޓަރ ހުރިއިރު ރަށުގެ ޢުމުރުން 4000 އަހަރު ވާން ކައިރި ވަނީއެވެ. ރަށް އުފެދިފައި އޮންނަނީ އައްޑު އަތޮޅަށްވުރެ ގާތްގަނޑަކަށް 12 މޭލު އިރަށްޖެހި އޮންނަ އުސްގަނޑެއްގެ މަތީގައެވެ. ރަށުގެ ފެހުނު ކޮޅުގައި 1 ¼ މޭލުގެ ފަރެއް އޮވެއެވެ. ރަށް ފުރަތަމަ އުފެދިގެން އައިއިރު އޮތީ ދެފަށަށެވެ. އެ ދެ ފަށް ދޭތެރޭގައި އޮތީ ފުންވިލާއި ތިލަ ފަޅެވެ.

ވިލަށް ވަންނަ އަނގަ އޮތީ ރަށުގެ ދެކުނު ކޮޅުގައެވެ. އެ ދުވަސްވަރު މީހުން ދިރިއުޅެމުން އައީ ރަށުގެ ވަށައިގެން ރަށުގެ ހޭޅިފަށުގައެވެ. ކުރިން ދެންނެވި ފުންވިލާއި ފަޅު ތިލަވެ ފީށިގަނޑުތައް ހެދި ހިކެމުން ދިޔަވަރަކަށް ރަށުގެ އެތެރެ އަށް މީހުން ބަދަލުވަމުން ދިޔައެވެ. މި ގޮތަށް ހިކެމުން ދިޔައިރު ރަށުގެ ދެ ކޮޅުގައި ނުހިކި އޮތް ބައި މިހާރު ވެސް އެބައޮތެވެ. އެއީ ފުވައްމުލަކުގެ މަޝްހޫރު ބަންޑާރަކިޅި އާއި ދަޑިމަގިކިޅި އެވެ. ދެން އޮތް ތަންތަން ބަދަލުވީ ޗަސް ބިމަށާއި އޮޅުބިމަށެވެ.

ފުވައްމުލަކުގެ ފޮޓޯއެއް ---

ޗަސްބިމުގެ ފަސްގަނޑު އޮންނަނީ ސްޕޮންޖް ގަނޑެއްގެ ގޮތުގައެވެ. މި ގޮތަށް ހިކެމުން ކުޑަވަމުން އައި އިރު ވެސް ބަނދަރުގެ ގޮތުގައި ބޭނުން ކުރަމުން އައި ބަނދަރު އެންމެ ފަހުން ބޭނުން ކުރެވުނީ 1331 ވަނަ އަހަރާއި ހަމަޔަށެވެ. އެ ދުވަސްވަރު ވާރުވެރިޔަކަށް ހުންނެވީ ފުވައްމުލަކުގެ ވާރުވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަލްމަރުޙޫމް ވާރޮ ޢަލީ ދީދީ އެވެ. މި ތަން ބެދެން ފެށުމުން ރަށުގެ ރައްޔިތުން ނިކުމެ ބަނދަރުގެ އަނގަމަތި ސާފުކުރަން ފެށުމުން ވެސް ކާމިޔާބު ވާގޮތް ނުވެ އެއްކޮށް ބެދުނީއެވެ. ވާރޮ ޢަލީ ދީދީ އަވަހާރަވީ ޙިޖްރީ ގޮތުން 1357 ވަނަ އަހަރުގައެވެ. އެހެންކަމުން މި ރަށުގައި އޮތް ޤުދުރަތީ ބަނދަރު ބެދުނު ފަހުން މިހާރު ވަނީ 101 އަހަރު ފާއިތުވެގެން ގޮސްފައެވެ.

އޭގެފަހުން ފުވައްމުލަކުގެ އަހުލުވެރިން ރަށަށް ވަދެ ނިކުމެ ހަދަމުން ދިޔައީ ހުޅަނގު ފަރާތު ނެރެގަނޑި ނެރުންނާއި މާނޭރު ނެރުންނާއި އުތުރު ފަރާތު އަނބުލު ނެރާއި، ބަނޑަހަލްފަންނު ނެރާއި، ރަސްގެފަންނު ނެރާއި ބޮނޑޮފަންނު ނެރުންނެވެ. އަދި ރަށުގެ ދެކުނު ފަރާތުން އޮންނަ ބިޅިފޭށި ކިޔާ ސަރަޙައްދަކީ ވެސް ވަދެ ނިކުމެ ހެދުމަށް ބޭނުން ކުރި ސަރަޙައްދެކެވެ. މި ތަން ތަނަށް ވަދެފައި އޮޑި ދޯނިފަހަރު ޖެހެނީ އެހެލާށެވެ.

ފުވައްމުލައް ކުރީން އޮތް ގޮތުގެ ކުރެހުމެއް ---

އެ ދުވަސްވަރު ވަދެ ނިކުމެ ހެދުމުގެ ތެރޭގައި މީހުންގެ ފުރާނަ ގެއްލި މުދަލަށް ތަފާތު ގެއްލުންތައް ލިބެމުން ދިޔައެވެ. މި ގޮތުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ސަރުކާރުން މީހުން ފޮނުވައިގެން ރަށުގެ ނެރު ގޮއްވުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި ގޮތުން ފުރަތަމަ ގޮއްވީ މާނޭރު ނެރެވެ. އެ ނެރު ގޮއްވީ 08 މާރޗް 1981 ގައެވެ. ހަމަ އެ އަހަރު ރަސްގެފަންނާއި ރަށަށް ޢާއްމުކޮށް ވަދެނިކުމެވާ ހުރިހާ ނެރެއް ބިޅިފޭށި ފިޔަވައި ވަނީ ގޮއްވާފައެވެ.

މީގެ އިތުރުން އަރުއްފަންނާއި ކަނދުވަލުފަންނު ނެރު ގޮއްވި ނަމަވެސް އެ ތަންތަން ޢާއްމުކޮށް ބޭނުމެއް ނުކުރެއެވެ. ނެރު ގޮއްވުމީ ޙައްލެއް ނޫން ކަމަށް ބައްލަވައިގެން ދިވެހި ސަރުކާރުން ފުވައްމުލަކުގައި ބަނދަރެއް ހެދިދާނެ ދިމާލެއް ބެލުމަށް ސާރވޭ ކުރުމަށްފަހު މިހާރު ބަނދަރު އޮތް ސަރަޙައްދު ގައި ބަނދަރެއް ހެދިދާނެކަމަށް ބައްލަވައި ބަނދަރު ހެދުމުގެ މަސައްކަތް ފެއްޓެވީ 2000 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ. އެ މަސައްކަތް ނިމި ބަނދަރު ބޭނުން ކުރަން ފެށީ 2002 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ މަޝްރޫޢަށް ވަނީ 9,577,099.00 (ނުވަ މިލިއަން ފަސްލައްކަ ސަތުހައްތަރިހާސް އޮނަސައްތަ) ޔޫރޯ ޚަރަދުވެފައެވެ. ބަނދަރު ހުޅުވީ 2003 ވަނަ އަހަރު ޖުލައި 10 ގައި ރައީސް މައުމޫނު އެވެ.

ފުވައްމުލައް ކުރީން އޮތް ގޮތުގެ ކުރެހުމެއް ----

މަޢުލޫމާތު ހޯދުމަށް ބެލި ލިއުންތައް:-

  • ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު.
  • އަލްމަރުޙޫމް އިބްރާހީމް ސަޢީދު މޫސާގެ ބައެއް ލިއުއްވުންތައް.
  • ސާކް ކޯސްޓަލް ޒޯން މެނޭޖްމެންޓުން ތައްޔާރު ކުރި ރިޕޯޓް 2010 ފެބްރުއަރީ 20-18.
comment ކޮމެންޓް