"މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ރައްޔިތުން ހަނދާން ނެތޭ ހިސާބަށް ގޮސްފި"

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު (ކ): ސަން ފޮޓޯ/ އަލީ ނަސީރު

މާލޭގެ މަގުތަކުގައި މީގެކުރިން ފެންބޮޑުވާ ވަރަށް ފެންބޮޑު ނުވާ ކަމަށާއި އެކަންތައްތައް ރައްޔިތުން ހަނދާން ނެތޭ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ޑރ. މުއިއްޒު ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ ރައްޔިތުންނަށް އުނދަގުލަކަށް ވެފައިވާ ކަމެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ، ހައުސިން މިނިސްޓުރީގެ މުވައްޒަފުންނާއި އެމްއާރުޑީސީގެ މުވައްޒަފުން ގުޅިގެން މާލޭގެ މަގުތަކުގެ ކާނުތައް އެއްކޮށް ސާފުކޮށްފައިވާނެ ކަމަށެވެ.

"އޭގެ ސަބަބުން ވެސް މާލޭގެ މަގުތަކުގައި އަވަހަށް ފެން ހިނދުމަށް ވަރަށް ބޮޑު ހަލުވި ކަމެއް ވަނީ އައިސްފައި. އަދި ސްޓޯމް ވޯޓާ ގްރެނެއިޓުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ މަސައްކަތް ނިމިގެން ދިޔައިރު މާލޭގެ މަގުތަކުގެ ތެރެއިން އެންމެ ގިނައިން ފެން ހެދޭ ސަރަހައްދުތަކުގައި މިހާރު އެގޮތަކަށް ފެނެއް ނުހެދޭ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސްޓޯމްވޯޓާ ޕްރޮޖެކްޓުގެ ދެވަނަ ފޭސްގެ އަމަލީ މަސައްކަތް ކުރިއަށްދަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިނިސްޓަރު މުއިއްޒު ވިދާޅުވީ، މާލޭގެ ބައެއް މަގުތަކަކީ އަޑިކޮށް ހުންނަ މަގުތަކެއް ކަމަށާއި އެކަމުގެ ސަބަބުން ވެސް ފެން ބޮޑުވާ ކަމަށެވެ.

"އެހެންނަމަވެސް އެކަންކަން މިހާރު މީހުން ހަނދާންވެސް ނެތޭ ހިސާބަށް ގޮސްފި،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކިތަންމެ ގިނައިރުތަކެއް ވަންދެން ބޯކޮސް ވާރޭ ވެހުނު ކަމުގައި ވިއަސް ދެތިން ގަޑިއިރެއްގެ ތެރޭގައި ފެން ބޮޑުވެފައިވާ ސަރަހައްދުގައި ފެން ހިނދިގެންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ސްކޫލުތައް ކައިރީގައި އެއްގޮތަކަށް ވެސް މިހާރު ފެން ބޮޑު ނުވާ ކަމަށެވެ. އަދި އައިޖީއެމްޗު ކައިރީގައި ވެސް ފެން ބޮޑު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އަދި ފުރަތަމަ މަރުހަލާގެ މަސައްކަތް. ދެވަނަ މަރުހަލާގެ މަސައްކަތް ނިމި އެ ޕްރޮޖެކްޓުގައި ހިމެނިފައިވާ ގޮތަށް އެކަން ނިމިގެންދާއިރުގައި ގިނަވެގެން އެއް ގަޑިއިރުގެ ތެރޭގައި ޕަންޕުގެ ބޭނުން ކޮށްގެން ފެން ހިންދާލެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ، އަދުގެ ސަރުކާރަކީ ބޭކާރު ވާހަކަދައްކާ ސަރުކާރެއް ނޫން ކަމަށާއި މިއަދުގެ ސަރުކާރަކީ އަމަލުން ރައްޔިތުންގެ ލާބައާއި މަންފާއަށް ކަންކަން ކޮށްދޭނެ ސަރުކާރެއް ކަމަށެވެ.

comment ކޮމެންޓް