ވޮޝިންޓަން (އޮގަސްޓް 27) : އީރާނުގެ ނިއުކްލިޔާ އެއްބަސްވުން އެމެރިކާގެ ކޮންގްރެސް އިން ތަސްދީގުކުރުމަށް ބޭނުންވާ ތާއީދުހޯދުމަށް ރައީސް ބަރަކް އޮބާމާގެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އެމެރިކާ ސޮއިކޮށްފައިވާ އެއްބަސްވުން ފަސާދަ ކޮށްލުމަށް ބައެއްފަރާތްތަކުން ބޭނުންވާ ކަމަށާ އެފަރާތްތަކުން އެކަމަށް މަސައްކަތް ކުރަމުން ގެންދާކަމުގަ އެވެ. އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ތަންފީޒުކުރުމަށް އެމެރިކާއިން ކުރަން ޖެހޭ ކަންކަން އޮބާމާގެ ސަރުކާރަށް ކުރެވޭނީ ކޮންގްރެސް އިން އެ އެއްބަސްވުން ތަސްދީގުކޮށްގެންނެވެ. ކޮންގްރެސް އިން އެ އެއްބަސްވުން ތަސްދީގު ކުރިޔަ ނުދިނުމަށްޓަކައި އިސްރާއީލާއި އިސްރާއީލަށް ތާއީދުކުރާ އެމެރިކާގެ ޒަޔަނިސްޓް ލޮބީ ގްރޫޕްތައް ގެންދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން ހަނގުރާމައާއި ތަޅާފޮޅުމަށް އިސްކަންދިނުމުގެ ވިސްނުން ގެންގުޅޭ އެމެރިކާގެ ހަރުކަށި ޚިޔާލުގެ ސިޔާސީ ފަރާތްތަކުން ވެސް ގެންދަނީ އެއްބަސްވުން ތަސްދީގު ކުރިޔަ ނުދިނުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ހަރުކަށި ވިސްނުމުގެ ސިޔާސީ ފަރާތްތަކުގެ ތެރޭގައި ގިނައީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކެވެ. އީރާނުގެ ނިއުކްލިޔަރ އެއްބަސްވުން ކޮގްރެސްއިން ފާސްނުކޮށްފި ނަމަ އެކަމާދެކޮޅަށް ވީޓޯގެ ބޭނުން ކުރައްވާނެ ކަމުގެ އިންޒާރު ވެސް ރައީސް ބަރަކް އޮބާމާ ވަނީ ދެއްވައިފަ އެވެ. މިއެއްބަސްވުމަށް މައިގަނޑު ގޮތެއްގައި ދެކޮޅު ހަދަނީ އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ހަރުކަށި ވިސްނުމުގެ މެންބަރުންނެވެ. (އަލްޖަޒީރާ)