އިސްލާމިކް ފައުންޑޭޝަން މީގެ ކުރިން ހިންގި ގ. ސަފޫރާ މަންޒިލްގެ އެއްވަނަ ބުރީގެ ކަނައަތުފަޅީ އެޕާޓްމެންޓް ބްލޮކް (އޭ) ގެ ކުލީގެ ނުދައްކައިހުރި ބައި 72،000 ރުފިޔާ އެގެ ކުއްޔަށް ދިން ފަރާތް ކަމަށްވާ ނޫރުލް ގުރުއާން މުހައްމަދު ފައުޒީއަށް ދިނުމަށް އެ ފައުންޑޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އިސްލާމިކް ފައުންޑޭޝަންގެ މައްޗަށް ފައުޒީ ކުރި ދައުވާގައި ބުނެފައި ވަނީ އިސްލާމިކް ފައުންޑޭޝަން ހިންގާފައިވަނީ މުހައްމަދު ފައުޒީ ދިގުމުއްދަތަކަށް ކުއްޔަށް ހިފައިގެން އިމާރާތްކޮށްފައިވާ ތަނެއްގައި ކަމަށެވެ.
އެ އިމާރާތް ކުއްޔަށް ދީފައިވާއިރު 2012 އަހަރުގެ ޑިސެމްބަރު މަހުގެ ކުއްޔާއި 2013 ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ ޖޫން މަހާ ހަމައަށްވެސް އިސްލާމިކް ފައުންޑޭޝަނުން ކުލި ދައްކާފައި ނުވާކަމަށްވެސް ދައުވާގައި ބުނެފައިވެ އެވެ.
އެހެންކަމުން މަސްތަކުގެ ކުއްޔަށްވާ 82،000ރ. އާއި އެ ފައިސާ ލިބުނު ނަމަ ވިޔަފާރިކޮށްގެން ފައިދާގެ ގޮތުގައި މުހައްމަދު ފައުޒީއަށް ލިބޭނެ ކަމަށް ލަފާ ކުރެވޭ 68،500ރ. ގެ އިތުރުން އެމްވީޓީވީ ހިންގަން ދަރަނީގެ ގޮތުގައި އިސްލާމިކް ފައުންޑޭޝަނަށް އޭނާ ދީފައިވާ 12،000ރ. އާއި އެކު ޖުމްލަ 162،500ރ. ހޯދުމަށް ދައުވާގައި ފައުޒީ ވަނީ އެދިފަ އެވެ.
ސިވިލް ކޯޓުން މިމަހުގެ 6 ގައި ކުރި ހުކުމުގައި ބުނެފައި ވަނީ އިސްލާމިކް ފައުންޑޭޝަން ހިންގި އިމާރާތުގެ ކުއްޔަށްވާ 72،000 ރުފިޔާ އަކީ އެ ފައުންޑޭޝަނުން ފައުޒީއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން 6 އޮގަސްޓުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އެފައިސާ ދައްކައި ހަލާސްކުރުމަށް އިސްލާމިކް ފައުންޑޭޝަންގެ މައްޗަށް ވަނީ އަންގާފަ އެވެ.