ރައީސް ނަޝީދު އަނބުރާ ޖަލަށް ގެންދިއުމުން ވަރަށް ކަންބޮޑުވޭ: ޑޭވިޑް ކެމަރަން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ---- ފޮޓޯ: އޭޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރުގެ ޖަލު ހުމުމެއް ތަންފީޒު ކުރަމުން ދަނިކޮށް ގޭބަންދަށް ބަދަލުކުރުމަށްފަހު އަނެއްކާވެސް ޖަލަށް ބަދަލުކޮށްފައިވާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވެއްޖެއެވެ.

ޑޭވިޑް ކެމެރަން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އަނބުރާ ޖަލަށް ފޮނުވުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ސިޔާސީ ހަރަކާތްތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ވެސް ދިވެހި ސަރުކާރަށް ޑޭވިޑް ކެމެރަން ވަނީ ގޮވާލައްވައިފައެވެ.

އިނގިރޭސިވިލާތުން މީގެ ކުރިން ވެސް ވަނީ ރައީސް ނަޝީދުގެ ޖަލު ހުކުމާއި ބެހޭގޮތުން ކަންބޮޑުވުންފާޅުކުރައްވާފައެވެ.

ރައީސް ނަޝީދު ޖަލުގައި ހުންނަވަނިކޮށް ގޭބަންދަށް ބަދަލުކުރެއްވީ 'ސްޓްރެސް ފްރީ' ތަނެއްގައި ބެހެއްޓުމަށް ޑޮކްޓަރު ލަފާދެއްވުމުންނެވެ. ގޭބަންދަށް ބަދަލުކުރިތާ ދެ މަސް ދުވަސް ފަހުން ރޭ ވަނީ އެމަނިކުފާނު ޖަލަށް ބަދަލުކޮށްފަ އެވެ.

ރައީސް ނަޝީދުގެ ޖަލު ހުކުމުގެ ބާކީ އޮތްބައި ގޭގައި ތަންފީޒު ކުރާ ގޮތަށް ހަމަޖައްސައި ކަރެކްޝަނަލް ސާވިސް އިން ލިޔުމެއް ދޫކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ. އަދި ގާނޫނީ ޓީމުން ވަނީ އެ ލިޔުން ނޫސްވެރިންނަށް ވެސް ދައްކާލައިފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް މިއަދު ވަނީ ރައީސް ނަޝީދުގެ ގާނޫނީ ޓީމުން އެ ދެއްކި ލިޔުމަކީ ކަރެކްޝަނަލް ސާވިސް އިން ދޫކުރި ލިޔުމެއް ނޫން ކަމަށް ވިދާޅުވެ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ.

comment ކޮމެންޓް