ހަމީދުގެ ހަނދާނުގައި ސުކޫތެއް ފާހަގަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ހަމީދު: ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ހަމީދު އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެއް މިނެޓުގެ ސުކޫތެއް ފާހަގަކޮށްފި އެވެ.

އެއް މިނެޓުގެ ސުކޫތެއް ފާހަގަކުރުމުގެ ކުރިން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ އަބްދުﷲ ހަމީދު އަވަހާރަވި ވާހަކަ އަޑު އެއްސެވީ ނުހަނު ފުން ހިތާމައާ އެކު ކަމަށެވެ. އަދި ވިދާޅުވީ އަބްދުﷲ ހަމީދަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ރާއްޖޭ ދުށް ވަރުގަދަ ޝަހުސިއްޔަތުތަކުގެ ތެރޭގައި ރަން އަކުރުން ފަވާލެވޭ ހުލުގު ހެޔޮ ބޭފުޅެއް ކަމަށެވެ.

"ރާއްޖޭ ތަރައްގީކޮށް ކުރިއެރުވުމަށް ގާބިލުކަމާއި ވަފާތެރިކަމާއި ހުނަރުވެރިކަމާއި ހިކުމަތްތެރިކަމާއި އުފެއްދުންތެރިކަމާއި ހިންގުންތެރިކަމާއި އެކު ސަރުކާރާއި އެކު ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ދާއިރާގައި ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް. ސަރުކާރުގެ އިސް މަގާމުތަކާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން އެމަނިކުފާނު [އަބްދުﷲ ހަމީދު] ވަނީ ކުރައްވާފައިވޭ،" މަސީހުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އަބްދުﷲ ހަމީދަކީ ކުޅަދާނަ އަދީބެއް ކަމަށާއި އެމަނިކުފާނަކީ މަޑުމައިތިރި މިޒާޖެއްގެ ވެރި ބޭފުޅެއް ކަމަށް މަސީހުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބް އަރުވާފައިވާ އަބްދުﷲ ހަމީދު އަވަހާރަވީ މިދިޔަ އަންގާރަ ދުވަހު އެވެ.

comment ކޮމެންޓް