ނަން : ހަފަރާތް
ޑައިރެކްޓަރު : އަމްޖަދު އިބްރާހިމް (އަމްޖޭ)
ޕްރޮޑަކްޝަން : ޑޭޝް ސްޓޫޑިއޯ
"މި ފިލްމްވާނެ ފިލްމް އިންޑަސްޓްރީ އަށް ގޮންޖަހާ ލެވޭ ވަރުގެ ފިލްމަކަށް،" ފިލްމް އެޅުވުމުގެ ކުރިން ހަފަރާތުގެ ޑައިރެކްޓާ އަމްޖަދު އިބްރާހިމް (އަމްޖޭ) އެމްއެންބީސީގެ ފިލްމީ އުދަރެހުގައި ބުންޏެވެ. އެހެން ކަމުން ފާޑެއްގެ ގިންޏަކުން އަނދައަނދާ އޮންނަ އޮލިމްޕަހަށް 60ރ ހަރަދުކޮށްގެން ފިލްމު ބަލައިލަން ވަނީ ވަރަށް ބޮޑު ޔަގީން ކަމެއް އަމްޖޭ އަށާއި އެނާގެ ތަޖުރިބާގެ މައްޗަށް ދީގެނެވެ. މުޅިން ހީކޮށްގެން ހަފަރާތުން ބިރުވެރިކަން ވަށައިލާ އަމްޖޭ ބުނާ ޖޮންޖެހުންތަކާއެކު އަހަރެން ބިރުން ފިއްކަނޑުވައިލާނެ ކަމަށެވެ. އެކަމަކު ހޫނަކުން ކެކިކެކި އޮތް އޮލިންޕަހުގައި ފިލްމް ނިމެންދެން ވެސް އިންނަން ޖެހުނީ ހީނހީ ބަނޑަށް ގޮށްލާ ވަރުވެފަ އެވެ. އަހަރެންގެ ހަފާރާތުން ވެސް ހީވީ މީހުން ހެމުން ދިޔަހެނެވެ. ތަޖުރިބާކާރު އަމްޖޭ ވައުދުވި 'ގޮންޖެހުމެއް" ވެސް ސަސްޕެންޝަނެއް ވެސް ހަފަރާތަކު ނެތެވެ. އެހެން ކަމުން ދެން ދާން މިޖެނީ އެހެން ފަރާތަކަށެވެ.
ހަފަރާތުގެ މޭކަޕްގެ ފުރިހަމަ އޭ ބުނެވިދާނެ އެވެ. މޭކަޕުން ހިތްހަމަޖެހުމެއް ވެސް ލިބެ އެވެ. އެކަމަކު ފިލްމުގެ މިފަރާތަށް ބަލާއިރު ރީއްޗަށް ވުރެ ގިނައީ ހަޑި އެވެ.
ކުކުޅުމަސް ކެއުމަށް ދެވި ހިފާފައިވާ އަންހެނަކު، މިނިމަސް ކެއުމަށް "އެޑިކްޓްވެ" އޭނާގެ ލޯބިވާ ފިރިމީހާ މަރާލައި ބުރުގާއަކުން މޫނު ނިވާކޮށްގެން ރަށުގެ ރައްޔިތުން ޝިކާރަކުރަން ކަތިވަޅިއެއް ހިފައިގެން ނުކުތުމަކީ ވެދާނެ ގޮތެއް ހެއްޔެވެ؟ އެކަމަކު އެއީ ވުމަށް ވުރެ ނުވުން ގާތްކަމެކެވެ. މި ހާލަތު އަތުވެދާނެ އެވެ. މައްސަލައަކީ ކުކުޅު މަހާ މިނިމަހާ ގުޅެން ޖެހުނު ސައިންޓިފިކް ތިއަރީ އެވެ.
ފިލްމް ބިރުވެރި ފިލްމަކަށް ނުވެ، ނުބައި ފާޑަކަށް ހިނި އަންނަ ގޮތްވީ އަމިއްލަ ގަބޫލުކުރުންތަކާ ހިލާފު ކަމެއް ފިމްގައި ހުރެގެނެއް ނޫނެވެ. އެއާ ހިލާފަށް ފިލްމަށް ހަގީގީ ކުލަޖައްސައި އަސްލު ވަންތަކަން ފިލްމަށް ގެނެސްދިނުމުގައި އަމްޖޭ "ފެއިލް"ވެ ގާތްގަނޑަކަށް "ޖުހާ ވާހަކަ" އަށް ފިލްމު ފުރޮޅިފައި އޮތުމުންނެވެ.
ހޮލީވުޑް އަދި ބޮލީވުޑްގައި ވެސް "ސީރިއަލް ކިލާ" ނޫނީ "ކެނިބޮލިޒަމް ކެރެކްޓާ" އެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމު ވަރަށް ގިނަ އެވެ. މިސާލަކަށް ނަގާނަމަ އެމެރިކާގެ ސީރިއަލް ކިލާ "ޖެފްރީ ޑާމާ" ގެ ހަޔާތުގެ މައްޗަށް 2002 ވަނަ އަހަރު އުފެއްދި "ޑާމާ" އަކީ މިފަދަ ފިލްމެކެވެ. އެކަމަކު ޑާމާ ބަލާފައި ހިންޏެއް ނާދެ އެވެ. އަދި އެއީ ޖޯކެއް ވެސް ނޫނެވެ. މީގެ މާނައަކީ ޑާމާއާ ވަރުން އެޅުވުމެއް ނޫނެވެ. އެ ފެންވަރަށް އަމްޖޭ ފިލްމް ޑައިރެކްޓް ކުރާ ވާހަކައެއް ވެސް ނޫނެވެ. އެފެންވަރަށް ފިލްމް ނުއުފެއްދޭނެ ކަންވެސް އިނގެ އެވެ. އެކަމަކު އެންމެ ފަހަރަކު ވެސް އެފަދަ ފިލްމެއްގައި ސީކުއެންސް ގެންގުޅެފައި ވާގޮތާއި ކެރެކްޓަރުން ބިލްޑުކޮށްފައިވާ ގޮތާ ކެރެކްޓާ ހޮވާފައިވާ ހުރި ގޮތް އަމްޖޭ ބަލައިފައި ހުރި ހެނެއް ހަފަރާތަކުން ސާބިތެއް ނުވެއެވެ. މިހެން ދަންނަވާއިރު މޮޅު ފިލްމެއް ހަދަން ކޮންމެހެން މޮޅު ފިލްމެއް ބެލުމަކީ ޝަރުތެއް ނޫން ކަން ވެސް އެނގެ އެވެ.
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަތިވެރި މުހައްމަދު ގާސިމްގެ މުޅި ހަފާރާތަށް ބަލާއިރު ބޭކާރު ޝަހުސިއްޔަތުތައް ވަނީ ފުނި ޖައްސާފަ އެވެ. މިސާލަކަށް ނަގާނަމެވެ. ފަރީލާގެ ރޯލަކީ ފިލްމުގައި ކުޑަ އަދި ބޭކާރު ރޯލެކެވެ. ފިލްމް ފަށައި އިރުކޮޅެއް ނުވެ ފެނިގެއްލޭ ތަރިއެއްހެން ފަރީލާ މަރުވެ އެވެ. މިއިން ދައްކައިދެނީ މާނައެއް ނެތް މަރެއް ގެނެސްދެން ހަދައިގެން ފިލްމު ހަރާބުކޮށްލުމުގެ އިތުރުން އަމްޖޭ އޯޑިއެންސަށް މަކަރު ހެދި ކަމަށް ނިންމާނެ ޖާގައެއް ފިލްމުގެ ތެރެއިން އުފައްދައި ދިނުމެވެ.
ދެން އޮތީ ރުންކުރު އަންހެނުންނަށް އިހާނެތިކޮށް ހިތުމުގައި ހައްދުފަހަނަ އަޅާފައިވާ ބަޝީރުގެ ކެރެކްޓާ އެވެ. އެއީވެސް ބޭނުމެއް ނެތް ޝަހުސިއްޔަތެކެވެ. ހަގީގަތުގައި އަމްޖޭގެ މި ނިންމުން އެކޮޅުކޮޅުން ޖަހާލައި ބަޝީރަކީ ހަފަރާތުގެ ސީރިއަލް ކިލާއަށް ހެދިނަމަ ފިލްމު ވަށައި ޖައްސަން ފަސޭހަވީހެވެ.
"ހަފަރާތުން" ފެންނަ ބޮލަށް އުނދަގޫކުރާ ވާހަކަ ދައްކާ އަވައްޖެއް ނުވާނެ އެވެ. އަމްޖޭގެ 48 ވަނަ ޑައިރެކްޝަންގެ ފެންވަރު ވަޒަންކުރުމަށް މިވަރުން ވެސް ފުދޭނެ އެވެ.
"މިއިންނަނީ އާދެވުނު މޮޔައިގާ." ކައިރީ ގައި ފިލްމު ބަލަން އިން މީހަކު ދާތަށް ފޮހެމުން ބުނެލި އެވެ. އާއެކެވެ.
އަމްޖޭ ބުނިފަދަ ގޮންޖެހުންތަކެއް ފިލްމުން ނުފެނުނު ނަމަވެސް ހަފަރާތްބަލަން ދިޔުމަކީ މޮޔަކަމެއް ނޫނެވެ. ހުނުމަކީ ފަރުވާއެކެވެ. މިފިލްމު ބަލައިގެން ހީނލެވޭނެ އެވެ.