ރާއްޖޭގައި ތެލާ ބެހޭ ތަފްސީލީ ދިރާސާއެއް ކުރުމުގެ ޕްރޮޕޯސަލް ހުށަހެޅުމަށް އަންނަ މަހުގެ ނުވަ ވަނަ ދުވަހު ނޯވޭގެ ކުންފުންޏަކުން ރާއްޖެ އަންނާނެ ކަަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ވެލާނާގޭގައި މިއަަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ޝައިނީ ވިދާޅުވީ ރާއްޖޭގައި ތެޔޮހުރިކަމުގެ ހެކިތައް ފެނިފައިވާތީ އެކަމާއި ބެހޭ ތަފްސީލީ ދިރާސާއެއް ކުރުމަށް ދެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
" ބޭރުގެ ދެ ކުންފުންޏަކުން އަޅުގަނޑުމެންނާއި ނެގޯޝިއޭޓް ކުރަމުން މިދަނީ ސީދާ ތެޔޮ ހޯދުމަށްޓަކައި މަސައްކަތްކުރުމަށް" ޝައިނީ ވިދާޅުވިއެވެ.
ރާއްޖޭގައި ތެޔޮހުރިތޯ ބެލުމަށް ޝައުގުވެރިވާ އިނގިރޭސިވިލާތުގެ ކުންފުންޏަކުން ވަނީ މިމަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކޮށް ޕްރޮޕޯސަލެއް ހުށަހަޅާފައެވެ.
ޑރ. ޝައިނީ ވިދާޅުވީ، ތެޔޮހުރިތޯ ބެލުމުގެ ތަފްސީލީ ދިރާސާ ހަވާލުކުރާނީ އެ ދެ ފަރާތުގެ ތެރެއިން އެއްމެ ރަނަގަޅު ފަރާތަކާ ކަަމަށެވެ. އެ ދިރާސާ ކުރުމަށް ޝައުގުވެރިވާ ދެ ކުންފުންޏަކީ އިނގިތރޭސިވިލާތުގެ ޒިބްރާ ޑާޓާ ސައިންސަސް ކުންފުންޏާއި ނޯވޭގެ ކުންފުންޏަކުންނެވެ.
ރާއްޖޭގައި ތެޔޮހުރިކަމާއި ބެހޭގޮތުން ކުރާ ދިރާސާގެ ފުރިހަމަ ރިޕޯޓެއް ލިބޭނެ ދުވަހެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށް ޝައިނީ ވިދާޅުވިއެވެ.
" އެ މައުލޫމާތަކީ އެއްގޮތަކަށް ވެސް ހަމަ ސީދާ ގަޑިއެއް ނުވަތަ މުއްދަތެއް ދަންނަވަން އުދަގޫ ކަންކަން. އެއީ ފުރަތަމަ ބަލާތަނުން ހަމަ އަޅުގަނޑުމެންނަށް އެތަނުން ނެގޭނެ ވަރުގެ ރިޒާވާއެއް ފެނިއްޖެއްޔާ އެ ހިސާބުން އެ މަސައްކަތް ނިމުނީ،" ޝައިނީ ވިދާޅުވިއެވެ.
ޝަައިނީ ވިދާޅުވީ، ފުރަތަމަ ބަލާ ސަރަހައްދުން ތެޔޮ ނުފެނިއްޖެއްޔާ އެހެން ސަރަހައްދުތައް ވެސް ބަލާނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ އަޑީގައި 'ޔަގީނާ ގާތަށް' ތެޔޮ ހުރިކަމަށް ޖަރުމަނުގެ ހެމްބާގް ޔުނިވާސިޓީން ކުރި ދިރާސާ އަކުން ދައްކާފައިވާ ކަމަށް މިނިސްޓަރު ޝައިނީ ވަނީ ކުރިން ވިދާޅުވެފައެވެ.