އިއްޔެ އަވަހާރަވި އަބްދުﷲ ހަމީދަކީ "ރާއްޖެ ތެރޭ" މީހުންގެ ޝިކާޔަތު ގާތުން އަޑުއައްސަވައި އެ ރައްޔިތުންނަށް ތަސައްލީ ހޯދަވައި ދެއްވުމަށް ހިންމަތްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ހަމީދު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމަ ފާޅުކުރައްވައި ސިޔާމް ނެރުއްވި ބަޔާނުގައި ވިދާޅުވީ އަބްދުﷲ ހަމީދަކީ "ރާއްޖެ ތެރޭ" ރައްޔިތުންނަށް ތަސައްލީ ހޯދައިދިނުމަށް މަސައްކަތްކުރެއްވި "ފަހުރުވެރި ލީޑަރެއް" ކަމަށެވެ.
އެމަނިކުފާނަކީ ދައުލަތުގެ ތަފާތު ގިންތިތަކުގައި އިހުލާސްތެރިކަމާއެކު ގިނަ ދުވަސްތަކެއް ވަނެދެން މަސައްކަތް ކުރެއްވި އިހްލާސްތެރިއެއް ކަން ސިޔާމުގެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.
"އަބްދުﷲ ހަމީދު އަޅުގަނޑު ސިފަކުރަނީ ތައުލީމުގެ ރިދާ މުޅި ރާއްޖެއަށް ފެތުރުއްވުމުގައައްޔާއި ދިވެހިބަސް ދިރުވާ އާލާކުރެއްވުމަށް މަސައްކަތް ކުރެއްވި އޯގާތެރި މުދައްރިސެއް،" ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަބްދުﷲ ހަމީދު ފަދަ ހިދުމަތްތެރިއެއް ގެއްލިގެން ދިއުމަކީ ލިބިގެންދިޔަ ފުންހިތާމައެއް ކަމަށާއި އެ އާއިލާއަށް ކުރިމަތިވި ހިތާމަވެރި ދަނޑިވަލުގައި ތައުޒިޔާ ރައްދުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"އަޅުގަނޑުގެ އިހްލާސްތެރި ދުއާއަކީ އެ މަރްހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ޖަޒާ މިންވަރުކޮށްދެއްވައި ލޮބުވެތި އާއިލާއަށް އަބަދުގެ އަބަދަށް ކެތްތެރި ކަމާއި ސާބިތުކަން ދެއްކުން،" ސިޔާމްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަބްދުﷲ ހަމީދު އަވަހާރަވީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ. އެމަނިކުފާން ފަސްދާނުލުމަށް ނިންމާފައި ވަނީ މާދަމާ މާލެ ގެނެސް ރަސްމީ އިއްޔަތުގަ އެވެ.